އަލްފާޟިލް ޢަލީ ނަޖީބު މުޙައްމަދު
ގ.އާނު

ޢަލީ ނަޖީބު މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 8 ޖަނަވަރީ 1974 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ރަޖިސްޓްރޭޝަންސް ޑިވިޜަން (ހ) ގެ އެއްނަންބަރު ކާތިބު ކަމުގެ ވަޒީފާއެވެ. އުމުރުން 55 އަހަރުގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.

ދައުލަތުގެ ޚިދުމަތުގައި ޢަލީ ނަޖީބު ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އެއަރޕޯޓު އޮފީހާއި، ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓުގެ ދެނަންބަރު ކާތިބުކަމާއި، ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓާއި، ލޭންޑް ރެޖިސްޓްރޭޝަންސް ޑިވިޜަންގެ ސެކްރެޓެރީކަމާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ސީނިއަރ ސެކްރެޓެރީކަމާއި، އެސިސްޓެންޓް އަންޑަރ ސެކްރެޓެރީކަން ކުރެއްވިއެވެ. އަދި އެމިނިސްޓްރީގެ ވަކީލު ކަމުގެ މަގާމާއި، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމާއި، ކޮމިޝަނަރ އޮފް އިލެކްޝަންސް އޮފީހުގެ އެސިސްޓެންޓް ކޮމިޝަނަރ ކަމުގެ މަގާމާއި، އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް އަދާކުރައްވައިފައިވެއެވެ.

ޢަލީ ނަޖީބު، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ވަޒީފާ އަދާކުރެއްވިއިރު، އެ ވުޒާރާގެ ޢާންމު ޚިދުމަތްތަކާބެހޭ ބައިގައި ހިމެނޭ ބިމާބެހޭ ބަޔާއި، އިދާރީ ބަޔާއި، ބަޖެޓާބެހޭ ބައިގެ މަސައްކަތް ކުރައްވައިފައި ވެއެވެ. ހަމައެހެންމެ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން އިލެކްޝަންސް ޑިވިޜަން ހިންގަވަމުން ގެންދެވިއިރު، ކޮންމެ އިންތިޚާބެއް އިޢުލާނު ކުރުމާއެކު އެކުލަވައިލާ އިންތިޚާބީ ޓާސްކް ފޯހުގައި، ކޯޑިނޭޓަރެއްގެ ގޮތުން ވަރަށް އިސް ދައުރެއް އަދާކުރެއްވިއެވެ. މިގޮތުން، ވޯޓުލާ މަރުކަޒުތައް ތައްޔާރު ކުރުވުމާއި، އެ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ތައްޔާރުކުރުވުމާއި، އެ ތަކެތި އެތަންތަނަށް ފޮނުއްވުމާއި، ވޯޓުކަރުދާސް ޗެކްކޮށް ބެލެހެއްޓެވުމާއި، ވޯޓު ކަރުދާސް ވޯޓުލާ މަރުކަޒުތަކަށް ފޮނުއްވުމާއި، އޮފިޝަލުން ވޯޓުލާ މަރުކަޒުތަކަށް ފޮނުއްވުމާއި، އޮފިޝަލުން ގެނައުމާއި، ވޯޓު ގުނުމުގެ މަސައްކަތުގެ އިންތިޒާމުތައް ކުރުވައި ބެލެހެއްޓެވުމާއި، ވޯޓުލައި ނިމުމުން، އިންތިޚާބީ މަސައްކަތުގައި ބޭނުންކުރި އެންމެހައި ތަކެތި ބަލައިގަތުން ފަދަ ގިނަ މަސައްކަތްތަކެއް، އިސްކޮށް ހުންނަވައިގެން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކުރައްވައިފައިވެއެވެ. މިއީ، ޢަލީ ނަޖީބު ދައުލަތަށް ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ޤައުމީ ޚިދުމަތެވެ. އަދި ދިވެހިރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގެ އެކި ކަންކަމުގައި، ގިނަ އަދަދެއްގެ އޮފިޝަލުންތަކަކާއެކު، ހީވާގިކަމާއި، މުރާލިކަމާއެކު ޢަލީ ނަޖީބު ކުރައްވައިފައިވާ ގިނަގުނަ މަސައްކަތްތަކަކީ، ތަޢުރީފު ޙައްޤު މަސައްކަތްތަކެކެވެ.

ޢަލީ ނަޖީބު، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، އިދާރީ ހިންގުމާއި، ބަޖެޓް ބެލެހެއްޓެވުން ހިމެނެއެވެ. އަދި ޚިދުމަތުގެ ދިގު މުއްދަތުގެ ތެރޭގައި، އޮފީހަށް ވަޑައިނުގަންނަވާ ދުވަހެއް، ގަޑިޖެހިގެން ވަޑައިގެންފައިވާ ދުވަހެއް ނެތެވެ. ހަމައެހެންމެ، ކުރެއްވި މަސައްކަތްތައް ޢަލީ ނަޖީބާ އެކީގައި މަސައްކަތް ކުރެއްވި އެތައް ބަޔަކަށް ދަސްކޮށް ދެއްވައި، ތަޖުރިބާ ހިއްސާކޮށްދެއްވައި، މަސައްކަތުގެ ނަމޫނާ ވަނީ ދައްކަވައިދެއްވައިފައެވެ.

ޢަލީ ނަޖީބަކީ، ހިލޭ ސާބަހަށްވެސް ގިނަ މަސައްކަތްތަކެއް ކުރެއްވުމުގައިވެސް ނަމޫނާ ބޭފުޅެކެވެ.