އަލްފާޟިލް ޢަދުނާނު ޢަބްދުﷲ
ކުދިމާގެ، ހއ.އިހަވަންދޫ

ޢަދުނާނު ޢަބްދުﷲ، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، ހއ.އަތޮޅު ކޯޓުގެ ޤާޟީ ކަމުގެ ވަޒީފާގައި 24 މާރިޗު 1976 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ހއ.އަތޮޅު ކޯޓުގެ ޤާޟީކަމާއި، މާރަންދޫ ކޯޓުގެ ޤާޟީކަމާއި، މޮޅަދޫ ކޯޓުގެ ޤާޟީކަމާއި، އިހަވަންދޫ ކޯޓުގެ ޤާޟީކަމާއި، ކޯޓު ނަންބަރު 7 ގެ ޤާޟީގެ އެހީތެރިޔާކަމާއި، ކޯޓު ނަންބަރު 7 ގެ ޤާޟީކަމާއި، ކޯޓު ނަންބަރު 3 ގެ ޤާޟީކަމާއި، އިހަވަންދޫ ކަތީބުކަމާއި، އިހަވަންދޫ ބޮޑުކަތީބުކަމާއި، މަތި އުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރުކަމާއި، މަތި އުތުރު ޕްރޮވިންސް އޮފީހުގެ ކޯޑިނޭޓަރުކަމުގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ.

ޢަދުނާނު ޢަބްދުﷲ އަދާކުރެއްވި ވަޒީފާތަކުގެ ތެރެއިން ކޯޓުތަކުގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވިއިރު، އެ ކޯޓުތަކުގައި ހިންގަމުން ގެންދިޔަ ޝަރީޢަތްތަކުގައި ނަގާ ބަޔާންތަކާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުފަދަ ލިޔުންތައް ވަރަށް ފަރުވާތެރިކަމާއެކު އަތުން ލިޔުއްވަމުން ގެންދެވިއެވެ. އޭގެ ފަހުން އަމިއްލައަށް ޓައިޕްކުރައްވައިގެންވެސް ލިޔުންތައް ލިޔުއްވައި ބަލަހައްޓަވައިފައި ވެއެވެ. ހަމަ އެއާއެކު، ރަށަށް ވަޑައިގަންނަވާ ޝަރުޢީ ވަފުދުތަކާ ގުޅިގެން ކުރައްވަންޖެހުނު މަސައްކަތްތައްވެސް، ވަރަށް ފަރުވާތެރިކަމާއެކު، ކަމަށް ކަމޭހިއްތަވައިގެން ކުރައްވައިފައި ވެއެވެ.

އިހަވަންދޫ ކަތީބުކަމާއި ބޮޑުކަތީބުކަމުގެ މަގާމުގައި ޢަދުނާނު ޢަބްދުﷲ ހުންނެވިއިރު އޮފީހުގެ ކަންކަން ރާއްވަވައި ހިންގެވުމާއި، އެކިއެކި ގަވާއިދުތައް އެކުލަވައިލުމަށް ޤާއިމު ކުރެވުނު ކޮމިޓީގެ މަސައްކަތްތައް ރާއްވަވައި ހިންގެވުމުގައި، އިސްނަންގަވައިގެން ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި އޭރު ހިންގަން ހަވާލުކުރެއްވި ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ރަށުގެ ޢުމްރާނީ ތަރައްޤީއަށް ކުރެވުނު މަސައްކަތްތަކާއި، އިހަވަންދޫގައި ހުކުރުކުރާނެ މިސްކިތެއް އިމާރާތް ކުރުމާއި، ކަރަންޓުގެ ޙާލަތު ރަނގަޅު ކުރެއްވުމާއި، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމާއި، އިހަވަންދޫގެ ތަޢުލީމީ ޙާލަތު ރަނގަޅު ކުރެއްވުމާއި، ސްކޫލުގައި ގްރޭޑް 12،11 އުފައްދައި ކިޔަވައިދޭން ފެށުމަކީ ސީދާ ޢަދުނާނު ޢަބްދުﷲގެ ބެއްލެވުމުގެ ދަށުން ކުރެވުނު މަސައްކަތްތައްކަން ފާހަގަކޮށްލަން ޖެހެއެވެ.

ޢަދުނާނު ޢަބްދުﷲ ވަޒީފާ އަދާކުރެއްވި ބައެއް އޮފީސްތަކުގެ ފައިސާއާބެހޭ ކަންތައްތަކާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމާއި، އިންވެންޓްރީ ބެލެހެއްޓެވުމާއި، މުސާރަ ދެއްވުންފަދަ މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ. ދިގު މުއްދަތެއްގައި މި މަސައްކަތްތައް ކުރެއްވިއިރު އެއްވެސް އިރެއްގައި މައްސަލައެއް ޖެހިފައި ނުވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޢަދުނާނު ޢަބްދުﷲ އަކީ، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެންމީހުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައިފައިވާ ބޭފުޅެއްވެސް މެއެވެ. މިގޮތުން، ކޯޓުތަކުގައްޔާއި، އިހަވަންދޫ އޮފީހުގައި ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، އެތަންތަނުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ތަމްރީނު ދެއްވުމާއި، ކައިރި ރަށްރަށުގެ ކޯޓުތަކުގައި ދިމާވާ އިދާރީ މައްސަލަތަކާއި، ފައިސާގެ މައްސަލަތައް ޙައްލު ކޮށްދެއްވުމުގައި އެހީތެރިވެދެއްވައިފައި ވެއެވެ.