ކޮމާންޑް ސާރޖަންޓް މޭޖަރ ސަޢުދުﷲ އިސްމާޢީލް
ހުޅުމާލެ. ފްލެޓް ނަންބަރު 05-1-173

ކޮމާންޑް ސާރޖަންޓް މޭޖަރ ސަޢުދުﷲ އިސްމާޢީލް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޕްރައިވެޓެއްގެ ވަޒީފާގައި 16 ސެޕްޓެންބަރު 1986 ގައެވެ. މިހާރު ހުންނެވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮމާންޑް ސާރޖަންޓް މޭޖަރގެ ރޭންކުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޕްރައިވެޓްކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލްކަމާއި، ސާރޖަންޓްކަމާއި، ސްޓާފް ސާރޖަންޓްކަމާއި، ވޮރަންޓް އޮފިސަރ ގްރޭޑް 2 ކަމާއި، ވޮރަންޓް އޮފިސަރ ގްރޭޑް1 ކަމާއި، ފަސްޓް ސާރޖަންޓްކަމާއި، ސާރޖަންޓް މޭޖަރ ކަމުގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

ސަޢުދުﷲ އިސްމާޢީލް ޚިދުމަތް ކުރައްވަމުން ގެންދެވިއިރު، މުއައްސަސާގެ ކުރިއެރުމަށް ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އެގޮތުން، 1988 ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައިގައި ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި މަތިވެރި ޖިހާދު ފާހަގަކޮށްލަންޖެހެއެވެ. އަދި މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ގޮތުން އެންމެ ފުރަތަމަ ހެދި ނަމޫނާ މަގު ކަމަށްވާ ފަނޑިޔާރު މަގު ހެދުމުގައި ސިފައިންގެއިން އަކިރި ހަދިޔާ ކުރުމަށްޓަކައި އަކިރި ނެގުމަށް ތަނބުރުދޫގައި މަސައްކަތްކުރި އެޑްވާންސް ޓީމުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، މާލޭގެ މަގު ހެދުމަށް ސިފައިންގެއިން ވެލި ހަދިޔާކުރުމުގެ މަސައްކަތުގައިވެސް، ސަޢުދުﷲ ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.

ސަޢުދުﷲ އިސްމާޢީލަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރާ އެހެން މީހުންނަށް ކަންކަން އޮޅުން ފިލުއްވައިދެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.

ސިފައިންގެއަށް ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި،10 މެޑެއްޔާއި، 7 ކުލަ، ސަޢުދުﷲ އިސްމާޢީލަށް ދެއްވައިފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ އަދި އަޚްލާޤީ ކުލަ ތިންފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚްލާޤީ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17 ވަނަ ސާރކް ސަމިޓް މެޑެއްޔާއި، މިނިވަން 50ގެ މެޑެލް އަދި ޖުމްހޫރީ 50ގެ މެޑެލް ހިމެނެއެވެ.