ފާޠިމަތު ޢިނާޔާ، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 3 އޮގަސްޓު 1986 ގައެވެ. މި ވޭތުވެދިޔަ 36 އަހަރު ދުވަހުގެ ތެރޭގައި، ޢިނާޔާ ޚިދުމަތް ކުރެއްވީ، ކަސްޓަމްސްގައެވެ. ފުރަތަމަ އަދާކުރެއްވީ، ކާތިބާއެއްގެ ވަޒީފާއެވެ. ވަޒީފާގައި ފުރަތަމަ ކުރެއްވީ، ޑިއުޓީ މޭޒުގައި ފޯމުތައް ނިންމުމުގެ މަސައްކަތެވެ. އެ މަސައްކަތް 12 އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވިއެވެ. އޭގެފަހުން، ކަސްޓަމްސްގެ އެކި ސެކްޝަންތަކުގައި ޢިނާޔާ މަސައްކަތް ކުރެއްވިއެވެ. އެގޮތުން، ޓެރިފް އެންޑް ކްލެސިފިކޭޝަން ސެކްޝަންގައްޔާއި، އިންޓަރނަލް އޮޑިޓް ސެކްޝަންގައްޔާއި، އިމްޕޯޓް ޑޮކިއުމެންޓޭޝަން ސެކްޝަންގައި ޚިދުމަތް ކުރެއްވިއެވެ.
ކަސްޓަމްސްގެ އެކި ސެކްޝަންތަކުގައި ޢިނާޔާ މި ހޭދަކުރެއްވި ދިގު މުއްދަތުގައި ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ކަނޑުމަގުން އެތެރެކުރާ އަދި ބޭރުކުރާ މުދަލުގެ މެނިފެސްޓާ ގުޅުންހުރި ހުރިހާ މަސައްކަތްތަކާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވައިގެ މަގުން ފްލައިޓްތަކުން އަންނަ ފަސިންޖަރުންނާއި، ފުރާ ފަސިންޖަރުންގެ ފޮށިތަންމަތި ބަލައި ފާސްކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިމެނެއެވެ. އަދި ޑޭޓާ އެނަލެޓިކްސްއާ ގުޅުންހުރި އެންމެހައި މަސައްކަތްތައްވެސް ކުރެއްވިއެވެ. މިހާރު ޢިނާޔާ ހުންނެވީ، ކަސްޓަމްސްގެ ސީނިއަރ ސުޕްރިންޓެންޑެންޓްގެ މަގާމުގައި ޕެސެންޖަރ ކްލިއަރެންސް ސެކްޝަންގެ އިސްބޭފުޅެއްގެ ގޮތުގައެވެ.
ޢިނާޔާ ފުރުއްވި މަގާމުތަކުގެ ތެރޭގައި، ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ކަމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ޗީފް ކަސްޓަމްސް އޮފިސަރުކަން ހިމެނެއެވެ.
މި ވޭތުވެދިޔަ ދިގު މުއްދަތުގައި ޢިނާޔާ ފާހަގަކުރެވިފައިވަނީ، ކަސްޓަމްސްއަށް ވަރަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަސްޓަމްސްގެ މުވައްޒަފުންނަށް ދެއްވާ އެކިއެކި ކުލަތައް ޢިނާޔާއަށް ލިބިވަޑައިގެންފައި ވެއެވެ. މިގޮތުން ހާސިލު ކުރެއްވި ކުލަތަކުގެ ތެރޭގައި، އަޚްލާޤީ ކުލައާއި، ޚިދުމަތުގެ ކުލައާއި، އިޚުލާޞްތެރިކަމުގެ ކުލައާއި، ޤާބިލްކަމުގެ ކުލައާއި، ކާމިޔާބުގެ ކުލައާއި، ދިގު މުއްދަތުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލަ އަދި އަހަރުގެ ކުލަ ހިމެނެއެވެ. އަދި 2019 ވަނަ އަހަރާއި، 2022 ވަނަ އަހަރު ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައިވާތީ، އެކަމުގެ އަގު ވަޒަންކުރައްވައި، ވަނީ ހަނދާނީ ލިޔުންވެސް ދެއްވައިފައެވެ. ޢިނާޔާ ވަނީ ކަސްޓަމްސްގެ ރަން ބެޖުވެސް ހާސިލު ކުރައްވައިފައެވެ.