އަލްފާޟިލާ ސަމީޙާ އިސްމާޢީލް
ބަހާރު، ރ. އިނގުރައިދޫ

ސަމީޙާ އިސްމާޢީލް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 11 މޭ 1985 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އިނގުރައިދޫ އޮފީހުގެ ކާތިބާއެއްގެ ވަޒީފާއެވެ. މިވޭތުވެދިޔަ ދިގު މުއްދަތުގައި، އިނގުރައިދޫ އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރު ކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަން ކުރައްވައިފައި ވެއެވެ. އަދި އިނގުރައިދޫ ކުޑަކަތީބު ކަމާއި، އިނގުރައިދޫ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ. މިހާރު ހުންނެވީ، އިނގުރައިދޫ ކައުންސިލް އިދާރާގެ ސީނިއަރ ކައުންސިލް އޮފިސަރު ކަމުގެ މަގާމުގައެވެ.

ޝަރީޢަތަށް ހުށަހަޅަންޖެހޭ މައްސަލަތަކުގައި، އެޓަރނީ ޖެނެރަލްގެ އޮފީހަށާއި، އަތޮޅުއޮފީހަށް ފޮނުވަންޖެހޭ އެންމެހައި ލިޔެކިޔުންތައް އަތުން ލިޔުއްވައިގެންނާއި، ޓައިޕް ކުރައްވައިގެން އެ އޮފީސްތަކަށް ފޮނުއްވައި، އަދި އެ ލިޔެކިޔުންތައް ސަމީޙާ އިސްމާޢީލް ބަލަހައްޓަވައިފައި ވެއެވެ. އަދި އިމާރާތާއި ގޯތީގެ ރަޖިސްޓަރީއާއި، ގޭގޭގެ މީހުންގެ ރަޖިސްޓަރީއާއި، އުފަންދުވަހުގެ ސެޓްފިކެޓާއި، އުފަންދުވަހުގެ ރަޖިސްޓަރީއާއި، މަސްދުވަހުގެ ރިޕޯޓުތައް ފަދަ ލިޔުންތައް، އަތުން ލިޔުއްވައިގެންނާއި، ޓައިޕްކޮށްގެން ރަޖިސްޓަރީތަކާއި، ސެޓްފިކެޓްތައް އަމިއްލަފުޅަށް ގޭގެޔަށް ގެންދަވައި، އެތަކެތީގެ ވެރިފަރާތްތަކާ ހަވާލުކުރައްވައިފައި ވެއެވެ. މީގެއިތުރުން، ދުވަހުން ދުވަހަށް ފޮނުވަންޖެހޭ މަސްރިޕޯޓް ހައްދަވައި ފޮނުއްވުމަށްޓަކައި އޮޑިވެރިންނާއި ކެޔޮޅުންނާ ބައްދަލުކުރައްވައި، މަސްރިޕޯޓް ނަންގަވައި، ކަމާބެހޭ ފަރާތްތަކަށް ފޮނުއްވުމާއި، އެކިއެކި ފަރާތްތަކަށް ރައްދުކުރުމަށްޓަކައި ލިބޭ މެސެޖް، ސިޓީފަދަ ލިޔުންތައް ގޭގެޔަށް ވަޑައިގެން ހަވާލުކުރައްވައިފައި ވެއެވެ.

ސަމީޙާ އިސްމާޢީލް ކުރައްވައިފައިވާ އެހެން މަސައްކަތްތަކުގެ ތެރޭގައި، އިނގުރައިދޫ ކައުންސިލްގެ ތިޖޫރީ ބެލެހެއްޓެވުމާއި، ކައުންސިލަރުންނާއި މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ބެލެހެއްޓެވުމާއި، އިންވެންޓްރީ ބެލެހެއްޓެވުމާއި، މުވައްޒަފުންގެ އެޕްރައިޒަލް ފޯމުތައް ފޮނުއްވުމާއި، ދުވަހު ޔައުމިއްޔާއާއި، ކައުންސިލްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުއްވުން ހިމެނެއެވެ. މީގެއިތުރުން، ރަށަށް ޒިޔާރަތް ކުރައްވާ ޝަރުޢީ ވަފްދުތަކާއި، އަތޮޅުވެރިޔާ ރަށްރަށަށް ވަޑައިގަތުމުން، ރަށުގައި ހުރި މައްސަލަތަކާއި، ގޯތި ދިނުމުގެ މައްސަލަތަކާ ގުޅިގެން ކުރައްވަންޖެހޭ ކަންކަންވެސް ސަމީޙާ ވަނީ ކުރައްވައިފައެވެ.

ސަމީޙާ އިސްމާޢީލަށް ލިބިވަޑައިގެންފައިވާ ހުނަރާއި ތަޖުރިބާގެ އަލީގައި، އަލަށް އޮފީހާ ގުޅޭ މުވައްޒަފުންނަށާއި، އަލަށް އިންތިޚާބުވެގެން ވަޑައިގަންނަވާ ކައުންސިލަރުންނަށް އެހީތެރިވެދެއްވައި، ހަމަޖެހިފައިވާ ގަވާއިދުތަކާއި އުޞޫލުތައް އޮޅުންފިލުއްވައި ދެއްވަމުންވެސް ގެންދަވައެވެ.

ސަމީޙާ އިސްމާޢީލް، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 36 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.