އަލްފާޟިލް ޢަބްދުލްޢަޒީޒް އަޙްމަދު
ބަށިމާގެ، ބ. އޭދަފުށި

ޢަބްދުލްޢަޒީޒް އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 4 މާރިޗު 1985 ގައި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގައެވެ. ފުރަތަމަ އަދާކުރެއްވީ، އެ ބޯޑުގެ ކާތިބުކަމެވެ. އޭގެފަހުން، އެތާނގެ ސެކްރެޓެރީކަމާއި، ބަޖެޓް އޮފިސަރުކަމާއި، އެކައުންޓްސް އޮފިސަރުކަން ކުރެއްވިއެވެ. އަދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖަރު ކަމުގެ މަގާމާއި، އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރު ކަމުގެ މަގާމާއި، ޑެޕިއުޓީ މެނޭޖަރު ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމު ޢަބްދުލްޢަޒީޒް އަދާކުރެއްވިއެވެ.
11 އޮގަސްޓު 2021 ގައި ރިޓަޔަރ ކުރެއްވިއިރު ޢަބްދުލްޢަޒީޒް ހުންނެވީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ސީނިއަރ ސަރވިސް މެނޭޖަރު ކަމުގެ މަގާމުގައެވެ. ރިޓަޔަރ ކުރެއްވުމާ ހަމަޔަށް އެންމެ ގިނަ ދުވަހު ޢަބްދުލްޢަޒީޒް ޚިދުމަތް ކުރެއްވީ، ކަރަންޓުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އުފައްދަވައިފައިވާ މައި އިދާރާގައެވެ.

ޚިދުމަތުގައި ހޭދަކުރެއްވި 36 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި ޢަބްދުލްޢަޒީޒް އަޙްމަދު މައިގަނޑު ގޮތެއްގައި ކުރައްވައިފައިވާ އެއް މަސައްކަތަކީ، ފައިސާއާބެހޭ އެންމެހައި މަސައްކަތެވެ. ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓުގެ އިތުރުން، އިލެކްޓްރިކަލް ޑިޕާޓްމަންޓް އަދި ޓްރާންސްޕޯޓް، ލޮޖިސްޓިކްސް އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓުގައި ޢަބްދުލްޢަޒީޒް އަޙްމަދު ޚިދުމަތް ކުރައްވައިފައި ވެއެވެ.

ޢަބްދުލްޢަޒީޒް އަޙްމަދަކީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓުގެ ހެޑް އޮފް ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތާއި، ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓުގެ ކަލެކްޝަން ޔުނިޓް އަދި ބަޖެޓް ޔުނިޓުގެ ހެޑްގެ މަގާމުވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ.

ޢަބްދުލްޢަޒީޒް އަޙްމަދު ފާހަގަކުރެވިފައިވަނީ، އެ ކުންފުނީގައި މަސައްކަތަށް އިސްކަން ދެއްވައިގެން ވަރަށް ފަރުވާތެރިކަމާއެކު ޚިދުމަތް ކުރެއްވި ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމުގައި، ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށްހިއްތަވައި، އެގޮތުގައި ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.

ޢަބްދުލްޢަޒީޒު އަޙްމަދު، އެ ކުންފުނީގައި ވަޒީފާ އަދާކުރެއްވިއިރު، ކުންފުނީގެ އެއްވެސް އުސޫލަކާއި އަދި ގަވާއިދަކާ ޚިލާފުވެގެން ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަމެވެ.

ޢަބްދުލްޢަޒީޒު އަޙްމަދު ވަނީ، މޯލްޑިވްސް ޝިޕިންގ ލިމިޑެޓްގައި، އިންޖިން އެޕްރެންޓިސް ކަމާއި، ސީމަންގެ ވަޒީފާވެސް އަދާކުރައްވައިފައެވެ.