އަލްފާޟިލް އަޙްމަދު ޒާހިރު
ވ.ޝިމާ

އަޙްމަދު ޒާހިރު، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، 2 މާރިޗު 1986ގައި، އެއަރ މޯލްޑިވްސްގެ ޓްރެފިކް އެސިސްޓެންޓުގެ ވަޒީފާއިންނެވެ. ވޭތުވެދިޔަ 36 އަހަރުގެ ތެރޭގައި އަޙްމަދު ޒާހިރު ޚިދުމަތް ކުރައްވައިފައިވަނީ، ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ދާއިރާގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، އެސިސްޓެންޓް ޓްރެފިކް އޮފިސަރ އޮޕަރޭޝަންސް ކަމާއި، ޓްރެފިކް އޮފިސަރ ކަމާއި، ސީނިއަރ ކަސްޓަމަރ ސަރވިސް އޮފިސަރު ކަމާއި، އެކްޓިންގ ސުޕަވައިޒަރު ކަމާއި، ސުޕަވައިޒަރ، މާރކެޓިންގ އެންޑް ސޭލްސްކަމުގެ މަގާމާއި، ސުޕަވައިޒަރ، ޔީލްޑް މެނޭޖްމަންޓުގެ މަގާމު ހިމެނެއެވެ. މީގެއިތުރުން، އެއަރ މޯލްޑިވްސްގެ ފަރާތުން ރާއްޖެއިން ބޭރުގައި އޭރު ގާއިމުކުރި އޮފީސްތަކުގައިވެސް ޚިދުމަތް ކުރައްވައިފައިވެއެވެ. މިގޮތުން އިންޑިއާގެ ޓްރިވެންޑްރަމުގައި ހުރި އެއަރ މޯލްޑިވްސް އޮފީހުގެ ޑިސްޓްރިކްޓް މެނޭޖަރު ކަމާއި، ސަޢޫދީޢަރަބިއްޔާގެ ޖިއްދާގައި ހުރި އެއަރ މޯލްޑިވްސް އޮފީހުގެ މެނޭޖަރ ޙައްޖު އޮޕަރޭޝަންސް ކަމާއި ތައިލެންޑުގެ ބެންކޮކްގައި ހުރި އެއަރ މޯލްޑިވްސް އޮފީހުގެ ސްޓޭޝަން މެނޭޖަރުކަން ކުރައްވައިފައިވެއެވެ.

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ ނަމުގައި ކުންފުނި އުފެދުމާ ގުޅިގެންވެސް އަޙްމަދު ޒާހިރު ތަފާތު މަގާމުތައް ފުރުއްވައިފައިވެއެވެ.
މިގޮތުން، ސުޕަވައިޒަރ، ގްރައުންޑް ސަރވިސަސް ކަމުގެ މަގާމާއި، އެސިސްޓެންޓް މެނޭޖަރ، ގްރައުންޑް ސަރވިސަސް ކަމުގެ މަގާމާއި، މެނޭޖަރ، ފްލައިޓް ޑިސްޕެޗް ކަމުގެ މަގާމާއި، މެނޭޖަރ، ސްޓޭންޑަރޑް އެންޑް ޕްރޮސީޖާރސްކަމުގެ މަގާމާއި، މެނޭޖަރ، އެޑްމިނިސްޓްރޭޝަންސް ކަމުގެމަގާމާއި، މެނޭޖަރ، ފެސިލިޓީސް އެންޑް ކެބިންގެ މަގާމާއި، ހެޑް އޮފް އިންފްލައިޓް ސަރވިސަސްގެ މަގާމު ފުރުއްވައިފައިވެއެވެ.

އަޙްމަދު ޒާހިރު މިހާރު ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތްތަކަކީ، އިންފްލައިޓް ސަރވިސަސް ޑިޕާޓްމަންޓް ހިންގަވައި ބެލެހެއްޓެވުމާއި، ފްލައިޓްތައް އޮޕަރޭޓް ކުރުމަށްޓަކައި ފްލައިޓް އޮޕަރޭޝަންސް ޑިޕާޓްމަންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމާއި، ކުންފުނީގެ ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ސްޓޭޝަންތަކަށް ބޭނުންވާ ކޭޓަރިންގގެ ޚިދުމަތް ފޯރުކޮށްދެއްވުމާއި، އިންފްލައިޓް ސަރވިސަސް ޑިޕާޓްމަންޓުގެ މުވައްޒަފުންގެ އެންމެހައި ކަންތައްތައް ބަލަހައްޓަވައި، މެނޭޖްމަންޓާ ގުޅިގެން ކުރައްވަންޖެހޭ އެންމެހައި މަސައްކަތްތައް ކުރެއްވުމާއި، ހަދަންޖެހޭ ޕޮލިސީތަކާއި ގަވާއިދުތައް ހައްދަވައި، އެ އުސޫލުތައް ތަންފީޒު ކުރެއްވުމުގެ މަސައްކަތެވެ.

އަޙްމަދު ޒާހިރަކީ، ޚިދުމަތް ކުރައްވަން ފެށްޓެވީއްސުރެން ފެށިގެން މިއަދާ ހަމައަށްވެސް، ހަވާލުވެވަޑައިގެންނެވި ހުރިހާ މަގާމުތަކާ ގުޅިގެން އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތާއި ޒިންމާ ފުރިހަމައަށް އަދާކުރައްވައިފައިވާ ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، ދިމާވާ މައްސަލަތައް ޙައްލުކޮށްދެއްވުމުގައި އެހީތެރިވެދެއްވައި، މަސައްކަތުގެ ތަޖުރިބާގެ އަލީގައި ކަންކަން ކުރަންވީ ގޮތް އޮޅުންފިލުއްވައި ދެއްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.