އަލްއުސްތާޛު ޢަލީ ނަޝީދު
ހެޕީ، ރ. ރަސްމާދޫ

އަލްއުސްތާޛު ޢަލީ ނަޝީދު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފުރަތަމަ ފެށްޓެވީ، 4 ފެބުރުވަރީ 1986 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އަރިއަތޮޅު އުކުޅަހު ކޯޓުގެ ޤާޟީ ކަމެވެ. އޭގެފަހުން، އިންނަމާދޫ ކޯޓުގެ ޤާޟީކަމާއި، މާކުރަތު ކޯޓުގެ ޤާޟީކަން ކުރައްވައިފައި ވެއެވެ. 8 ސެޕްޓެންބަރު 1988ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، އިންނަމާދޫ ކޯޓުގައެވެ. މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ޤާޟީކަމުގެ އިތުރުން، މެޖިސްޓްރޭޓްކަމާއި، ސީނިއަރ މެޖިސްޓްރޭޓްކަންވެސް ޢަލީ ނަޝީދު ކުރައްވައިފައި ވެއެވެ.

ޚިދުމަތުގައި ހޭދަކުރެއްވި 36 އަހަރު ދުވަހުގެ ދިގު މުއްދަތުގައި، އަލްއުސްތާޛު ޢަލީ ނަޝީދު ވަނީ ޝަރުޢީ ވަފްދުތަކުގައި ވަޑައިގެން، އެހެން އަތޮޅުތަކުގެ ބައެއް ކޯޓުތަކުގައިވެސް، ޝަރީޢަތްތައް ހިންގަވައި އެކިއެކި މައްސަލަތައް ބައްލަވައިފައެވެ. މިގޮތުން، މާޅޮސްމަޑުލު އުތުރުބުރީ އަލިފުށްޓަށާއި، އުނގޫފާރަށާއި، ދުވާފަރަށާއި، މަޑުއްވަރިއަށާއި، އިނގުރައިދުއަށާއި، ފައިނު، އަދި މީދުއަށް ވަޑައިގެން، އެ ރަށްރަށުގެ ކޯޓުތަކުގައި މައްސަލަތައް ބައްލަވައިފައި ވެއެވެ.

މީގެއިތުރުން، އެހެން ބައެއް އަތޮޅުތަކުގެ ރަށްރަށުގެ ކޯޓުތަކަށް ވަޑައިގެން، އެ ކޯޓުތަކުގައިވެސް ޝަރީޢަތްތައް ހިންގަވައި، މައްސަލަތައް ނިންމަވައިފައި ވެއެވެ. އެގޮތުން، 4 އެޕްރީލް 2006 ން 5 ޖުލައި 2006 އަށް ފުވައްމުލަކު ކޯޓުގައްޔާއި، އައްޑުއަތޮޅު ހިތަދޫ ކޯޓުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. 14 އެޕްރީލް 2008 ން 7 ޖޫން 2008 އަށް އައްޑުއަތޮޅު ހުޅުދުއާއި މީދުއާއި، ފޭދުއާއި، މަރަދޫ އަދި މަރަދޫފޭދޫ، މި ރަށްރަށުގެ ރަށު ކޯޓުތަކުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި 1 އޮކްޓޫބަރު 2016 ން 6 ޑިސެންބަރު 2016 އަށް، ކާށިދޫ މެޖިސްޓްރޭޓް ކޯޓުގައި އަދި 20 މާރިޗު 2017 އިން، 4 އެޕްރީލް 2017 އަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައިވެސް ޢަލީ ނަޝީދު ޚިދުމަތް ކުރައްވައިފައި ވެއެވެ.

މެދުނުކެނޑި ދިގުމުއްދަތެއްގައި މިހާތަނާ ޖެހެންދެންވެސް ޝަރުޢީ ދާއިރާގައި ނިޔާކަނޑައެޅުމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ދެމިހުންނެވުނުކަން އެއީ، ޝަރުޢީ ދާއިރާގައި ޚިދުމަތް ކުރެއްވުމުގައި ޢަލީ ނަޝީދަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ކާމިޔާބީއެކެވެ.