އަލްފާޟިލާ ޒުލްފާ ޢަފީފް
ބަހާރުގެ، ރ. މީދޫ

ޒުލްފާ ޢަފީފް، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ރ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާގައި 1 ޖަނަވަރީ 1986 ގައެވެ. މި ވޭތުވެދިޔަ 36 އަހަރު ދުވަހުގެ ދިގު މުއްދަތުގެ ތެރޭގައި، ރ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރުކަމާއި، ގްރެޖުއޭޓް ޓީޗަރުކަން ޒުލްފާ ޢަފީފް ކުރައްވައިފައި ވެއެވެ.

ޒުލްފާ ޢަފީފް، ރ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޚިދުމަތާ ގުޅިވަޑައިގެންނެވިއިރު، އެ މަރުކަޒުގައި އޭރު ތިއްބެވީ، ވަރަށްމަދު މުވައްޒަފުންނެވެ. އެދުވަސްވަރު، ކޮންމެ ދުވަހަކުވެސް ދެ ސެޝަން ނަންގަވައިދެއްވައި، ހަވީރު ބާއްވާ ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދަވައި، އަދި ރޭގަނޑު ބާއްވާ އިތުރު ހަރަކާތްތަކުގައިވެސް ޒުލްފާ ބައިވެރިވެވަޑައިގެންނެވިއެވެ. އޭރު ވަސީލަތްތައް ހުރިގޮތުން، ޓީޗިންގ އެއިޑްސްއާއި، ވާރކްޝީޓާއި، ޓެސްޓު ޕޭޕަރުތައް ހައްދަވައި ދަރިވަރުންނަށް ފޯރުކޮށްދެއްވަމުން ގެންދެވީ، އަތުން ލިޔުއްވައިގެންނެވެ. ޓެކްނޯލޮޖީގެ ވަސީލަތްތައް ތަޢާރުފުވުމާ އެކީގައި، މަސައްކަތްތަކަށް ހަލުވިކަން އައިސް، މުދައްރިސެއްގެ ހައިސިއްޔަތުން ކުރައްވަންޖެހޭ އެންމެހައި ކަންތައްތައް އެ ވަސީލަތްތަކާ އެކީގައި ކުރައްވަމުން ގެންދެވިއެވެ.

ރ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެކި ގްރޭޑުތަކަށް ޒުލްފާ ކިޔަވައިދެއްވަމުން ގެންދެވިއިރު، ކިޔަވައިދެއްވާ މާއްދާތަކުން ކޮންމެ އަހަރަކުވެސް، ސްކީމް އޮފް ވާރކް ހައްދަވައި، ދަރިވަރުންގެ ތަޢުލީމީ ފެންވަރު ބެއްލެވުމަށް ތަފާތު އެސެސްމަންޓްތައް ހައްދަވަމުން ގެންދެވިއެވެ. އަދި ލެސަން ޕްލޭންތައް ގަވާއިދުން ހައްދަވައި، ކިޔަވައިދިނުމާ ގުޅޭ އެންމެހައި ކަންތައްތައް ކުރައްވައި، ބެލެނިވެރިންގެ އެކި ބައްދަލުވުންތައްވެސް، ލީޑިންގ ޓީޗަރުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދަވައިފައި ވެއެވެ. އަދި ކުލާސް ޓީޗަރެއްގެ މަސްއޫލިއްޔަތުތަކާއި، ތަޢުލީމީ މަރުކަޒުގެ އެކި ހައުސްތަކާއި ކުލަބުތަކުގެ އިންޗާޖުކަން، އެކި އަހަރުތަކުގައި ކުރައްވައި، އިތުރު ހަރަކާތްތައްވެސް ޒުލްފާ ހިންގަވައިދެއްވައިފައި ވެއެވެ. ޒުލްފާ ފާހަގަކުރެވިފައިވަނީ ވަގުތަށް ކަމޭހިއްތަވައި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ޒުލްފާ ޢަފީފް، 1 ނޮވެންބަރު 2022 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ރ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްލާމް ޓީޗަރުކަމުގެ މަގާމުގައެވެ.
ޒުލްފާ ޢަފީފަކީ ރ.މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގައި ވަރަށް ދިގުމުއްދަތެއް ވަންދެން ޚިދުމަތްކުރައްވައިފައިވާ ބޭފުޅެކެވެ. މީގެތެރެއިން 20 އަހަރު ދުވަހު ކޮމިޓީގެ ރައީސާކަން ކުރެއްވިއެވެ. މީގެއިތުރުން ނައިބު ރައީސާކަމާއި ޚަޒާންދާރުކަންވެސް އެކިފަހަރުމަތިން ކުރައްވައިފައިވެއެވެ. އަދި ރަށުގެ ތަރައްޤީއަށް ހިންގޭ އެކިއެކި އިޖުތިމާޢީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.