ފަސްޓް ސާރޖަންޓް (ރިޓަޔަރޑް) މުޙައްމަދު ނާޞިޙް
ހުޅުމާލެ. ފްލެޓް ނަންބަރު 04-03-100

މުޙައްމަދު ނާޞިޙް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މާލޭ މުނިސިޕަލްޓީގެ ދެނަންބަރު ކާތިބު ކަމުގެ ވަޒީފާގައި 26 އޮކްޓޫބަރު 1985 ގައެވެ. އުމުރުން 55 އަހަރުގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަސްޓް ސާރޖަންޓްގެ ރޭންކްގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 36 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މާލޭ މުނިސިޕަލްޓީގެ ދެނަންބަރު ކާތިބު ކަމުގެ އިތުރުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޕްރައިވެޓްކަމާއި، ލާންސް ކޯޕްރަލްކަމާއި، ކޯޕްރަލްކަމާއި، ސާރޖަންޓްކަމާއި، ސްޓާފް ސާރޖަންޓްކަމާއި، ސާރޖަންޓް ފަސްޓް ކްލާސްގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

މުޙައްމަދު ނާޞިޙް، މާލޭ މުނިސިޕަލްޓީގައި ވަޒީފާ އަދާކުރެއްވިއިރު ފާހަގަކުރެވިފައިވަނީ، އެ އޮފީހުގައި ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތްކުރެއްވި ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމަށް ކަނޑައެޅިފައިވާ ވަގުތަށް މަސައްކަތް ނިންމުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައިގެން، އެއާ އެއްގޮތަށް މަސައްކަތް ކުރެއްވި މުވައްޒަފެއްގެ ގޮތުގައެވެ.

މުޙައްމަދު ނާޞިޙް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި މަސައްކަތް ކުރެއްވިއިރު، އެ މުއައްސަސާގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވައި، އެކި ޔުނިޓުތައް ބަލަހައްޓަވައިފައި ވެއެވެ. މިގޮތުން މަސައްކަތް ކުރެއްވި ދާއިރާތަކާއި، ބެލެހެއްޓެވި ޔުނިޓުތަކުގެ ތެރޭގައި، ކޮންސްޓްރަކްޝަން އެންޑް މެއިންޓެނަންސް ސަރވިސްއާއި، އާމަރީއާއި، މިލިޓަރީ އިންޖިނިއަރިންގ ސަރވިސްއާއި، ކޯރ އޮފް އިންޖިނިއަރސް ހިމެނެއެވެ. އަދި ކުއާޓަރ މާސްޓަރ ސަރވިސްގެ މެސް ސާރޖަންޓްކަމާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ރެކޯޑު ސެކްޝަންގެ އެން.ސީ.އޯ. އިންޗާޖްކަމާއި، ލޮޖިސްޓިކް އިންޗާރޖްގެ އެހީތެރިޔާކަމާއި، އޯޑްނަންސް ސަރވިސްގެ ޑިއުޓީ ބްރާންޗުގެ އޮފިސަރ އިންޗާޖްގެ އެހީތެރިޔާކަން ހިމެނެއެވެ.

މުޙައްމަދު ނާޞިޙަކީ، ހަވާލުކުރެވުނު މަސްއޫލިއްޔަތު އަދާކުރުމުގައި ވަގުތަށް ކަމޭހިއްތަވައިގެން، ހަވާލުކުރެވުނު ކޮންމެ ކަމެއްވެސް ޤާބިލްކަމާއި ތެދުވެރިކަމާއެކު، އެކަމަކަށް އިސްކަން ދެއްވައިގެން އަދި މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ސިފައިންގެ ޚިދުމަތުގައި ކޮށްދެއްވައިފައިވާ އަގުހުރި މަސައްކަތްތަކަކީ، ސިފައިންނާއި މުޅި ޤައުމު އެކަމަކަށް ފަޚުރުވެރިވާނެ ޚިދުމަތްތަކެކެވެ.

މުޙައްމަދު ނާޞިޙް، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީއްސުރެން ފެށިގެން ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ފާހަގަކުރެވިފައިވަނީ، ކަމަށްކަމޭހިއްތަވައިގެން ޚިދުމަތްކުރެއްވި، އަޚްލާޤު ރަނގަޅު އަދި ސާބިތުކަމާއެކު ޤައުމީ ޚިދުމަތަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް މަސައްކަތް ކުރެއްވި ހަރުދަނާ ބޭފުޅެއްގެ ގޮތުގައެވެ. މުޙައްމަދު ނާޞިޙަށް 6 މެޑެއްޔާއި، 6 ޝަރަފުގެ ނިޝާން ލިބިވަޑައިގެންފައި ވެއެވެ.