އަލްފާޟިލް ޢަބްދުﷲ ސަޢީދު
އަލިގާ، ހއ.ހޯރަފުށި

ޢަބްދުﷲ ސަޢީދު، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، 21 އެޕްރީލް 1981 ގައި، ގަވަރންމަންޓް ހޮސްޕިޓަލްގެ ވަގުތީ ދެނަންބަރު ކާތިބެއްގެގޮތުންނެވެ. އޭގެފަހުން، އިސްކަންދަރު ސްކޫލުގެ ބަޖެޓު ބަލަހައްޓާ ކާތިބެއްގެގޮތުގައިވެސް ޚިދުމަތް ކުރެއްވިއެވެ. ޞިއްޙީ ދާއިރާގެ ޚިދުމަތާ ގުޅިވަޑައިގަތުމަށްޓަކައި، އެދާއިރާއިން ތަމްރީނު ފުރިހަމަކުރެއްވުމަށްފަހު ޚިދުމަތާ ގުޅިވަޑައިގަތީ 3 ޑިސެންބަރު 1985ގައި، ޖަމާޢަތުގެ ޞިއްޙީ އެހީތެރިއެއްގެގޮތުންނެވެ. ޞިއްޙީ ދާއިރާގައި ގިނަދުވަހު ޚިދުމަތް ކުރައްވައި 2022 ޑިސެންބަރު 25 ގައި ރިޓަޔަރ ކުރެއްވިއިރު ޢަބްދުﷲ ސަޢީދު ހުންނެވީ، ހޯރަފުށީ ޞީއްޙީ މަރުކަޒުގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރުކަމުގެ މަގާމުގައެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވި ތާރީޚު ކަމަށްވާ 4 އޮގަސްޓު 2022އާ ހަމައަށް ޢަބްދުﷲ ސަޢީދު، ދައުލަތަށް ޚިދުމަތް ކުރައްވާތާ 36 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ޢަބްދުﷲ ސަޢީދު، ޞިއްޙީ ދާއިރާގައި އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޖަމާޢަތުގެ ޞިއްޙީ އެހީތެރިޔާކަމާއި، ކޮމިއުނިޓީ ހެލްތު ސުޕަވައިޒަރުކަމާއި، ރީޖަނަލް ހެލްތު އެޑްމިނިސްޓްރޭޓަރުކަމާއި، ހޯރަފުށީ ޞިއްޙީ މަރުކަޒުގެ އެސިސްޓެންޓް މެނޭޖަރުކަމާއި، ލ.ގަމު ރީޖަނަލް ހޮސްޕިޓަލާއި، ހއ.އަތޮޅު ހޮސްޕިޓަލްގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރުކަން ހިމެނެއެވެ.

ޞިއްޙީ މަރުކަޒުތަކަށް ސަރުކާރުން ޑޮކްޓަރުން ފޮނުއްވުމާ ހަމައަށް، ޢަބްދުﷲ ސަޢީދުވަނީ ހޯރަފުށީ ޞިއްޙީ މަރުކަޒަށް އަންނަ ބަލިމީހުންނަށް ފަރުވާ ދެއްވައި، ބޭސް ލިޔެދެއްވައި، މީހުން ވިއްސުމުގެ މަސައްކަތް ކުރައްވައިފައެވެ. އަދި ރީޖަނަލް ހެލްތު އެޑްމިނިސްޓްރޭޓަރެއްގެ ގޮތުން ރާއްޖެތެރޭގެ ޞިއްޙީ މަރުކަޒުތަކުގެ ކަންކަން ބަލަހައްޓަވައިފައި ވެއެވެ.

ހއ.ހޯރަފުށީ ޞިއްޙީ މަރުކަޒުގެ އެންމެހާއި ކަންތައް ސަރުކާރުން އަންގާގޮތެއްގެމަތިން ހިންގެވުމާއި، ތަނަށް ބޭނުންވާ ތަކެތި ހޯއްދަވައި، މަރާމާތުކުރުމާބެހޭ އެންމެހައި ކަންކަން ބަލަހައްޓަވައި އަދި މި ނޫންވެސް އިމާރާތަށް ބޭނުންވާ އެކި ކަންކަން ކުރެއްވުމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ޢަބްދުﷲ ސަޢީދު ހުންނެވިއެވެ. ރަށާއި އަތޮޅުތެރޭގެ ޞިއްޙީ ޙާލަތު ރަނގަޅުކުރެއްވުމަށްޓަކައި ޞިއްޙީ މަޢުލޫމާތު ދިނުމުގެ ޕުރޮގުރާމުތައް ރާއްވަވައި ހިންގެވުމުގައި، ޢަބްދުﷲ ސަޢީދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ޢާންމު ޞިއްޙަތު ކުރިއެރުވުމަށާއި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ އެކިއެކި މަސައްކަތް ކުރެއްވިއެވެ. މަދިރި މަދުކުރުމަށްޓަކައި ހިންގޭ ޕުރޮގުރާމުތަކާ ގުޅޭ ފަންނީ މަޢުލޫމާތު ދެއްވައި، ޢަމަލީގޮތުން އެ މަސައްކަތްތަކުގައިވެސް ޢަބްދުﷲ ސަޢީދު ގިނަ ވަގުތުތަކެއް ހޭދަކުރައްވަމުން ގެންދެވިއެވެ. ރައްޔިތުންނަށް ސާފު ބޯފެން ހޯއްދަވައި ދެއްވުމަށާއި، ނަރުދަމާ ނިޒާމުގެ ކަންކަން ރަނގަޅުކުރުމަށް ކުރެވޭ އެންމެހައި ކަންތައްތައް ރާއްވަވައި ހިންގެވުމާއި، ރަށުގެ ފާމަސީތަކުގެ ކަންތައް ބައްލަވައި މޮނިޓަރ ކުރައްވައި އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅުއްވަމުން ގެންދެވިއެވެ. އަދި ޞިއްޙީގޮތުން ފާހަގަކުރަންޖެހޭ މުނާސަބަތުތައް ފާހަގަކުރުމާއި، ހިނގާބިނގާވެ ނޫޅެވޭ ބަލިމީހުންގެ މަޢުލޫމާތު އެއްކުރައްވައި، އެފަދަ މީހުންނަށް ގަވާއިދުން ބޭނުންވާ ފަރުވާއާއި، ޞިއްޙީ ރައްކާތެރިކަމާބެހޭ މަޢުލޫމާތު ދެއްވައި، އެމީހުންނަށް ޒިޔާރަތް ކުރައްވައި، އެހީތެރިކަން ފޯރުކޮށްދެއްވިއެވެ.

2015 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް، ހޯރަފުށީ ޞިއްޙީ މަރުކަޒުގެ ސިވިލް ސަރވިސްގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވައި، މުވައްޒަފުންގެ ކަންތައްތަކާއި، ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހުނު ހުރިހާ މަސައްކަތެއް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ޒިންމާދާރުކަމާއެކު ޢަބްދުﷲ ސަޢީދު އަދާކުރެއްވިއެވެ. ދިގު މުއްދަތެއް ވަންދެން މި މަސައްކަތް ކުރެއްވިއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިފައިނުވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޢަބްދުﷲ ސަޢީދަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، އަލަށް މަރުކަޒާ ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ތަމްރީނު ދެއްވުމުގައި އުޅުއްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. 20 އަހަރު ޚިދުމަތްކުރައްވާ މުވައްޒަފުންނަށް ދެއްވާ ރަން ބެޖުވެސް ޢަބްދުﷲ ސަޢީދަށް ލިބިވަޑައިގެންފައި ވެއެވެ.