އަލްފާޟިލާ ޙައްވާ ނާޞިޙާ
ހ. ފަތިހުގެއަލި

ޙައްވާ ނާޞިޙާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މަޖީދީ ކުތުބުޚާނާގެ ވަގުތީ އިނގިރޭސި ކާތިބާ ކަމުގެ ވަޒީފާގައި 14 މޭ 1981 ގައެވެ. މިހާރު ޤައުމީ ކުތުބުޚާނާގެ ޗީފް ލައިބްރޭރިއަން ކަމުގެ މަގާމުގައި ދެމިހުންނެވި ޙައްވާ ނާޞިޙާ ޚިދުމަތުގައި ހޭދަކުރެއްވި 37 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މަޖީދީ ކުތުބުޚާނާގެ ވަގުތީ އިނގިރޭސި ކާތިބާ ކަމާއި، ޤައުމީ ކުތުބުޚާނާގެ ޓްރޭނީ ކަމާއި، ސެކްރެޓެރީކަމާއި، އެސިސްޓެންޓް ލައިބްރޭރިއަން ކަމާއި، ސީނިއަރ އެސިސްޓެންޓް ލައިބްރޭރިއަން ކަމާއި، ޑެޕިއުޓީ ލައިބްރޭރިއަން ކަމާއި، މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް އާޓްސްގެ އެސިސްޓެންޓް ޑިރެކްޓަރ، ރިސަރޗްކަމާއި، ދިވެހިރާއްޖޭގެ އަޑުގެ ވަގުތީ އެނައުންސަރުކަން އަދާކުރައްވައިފައި ވެއެވެ.

ޙައްވާ ނާޞިޙާ ވަޒީފާ އަދާކުރެއްވިއިރު، މަޖީދީ ކުތުބުޚާނާ ތަރައްޤީކޮށް ޒަމާނީ ކުތުބުޚާނާއަކަށް ހެއްދެވުމަށް ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. ޤައުމީ ކުތުބުޚާނާގެ ސަރވިސް ޔުނިޓުގައި ޢާންމުންނާ ގުޅިގެން ފޮތްތެރިކަން ކުރިއެރުވުމަށް ޙައްވާ ނާޞިޙާ ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ދިގު މުއްދަތެއް ވަންދެން މި މަސައްކަތްތައް ކުރެއްވިއިރު، އެއްވެސްއިރެއްގައި މަސައްކަތް ބުރަވެގެން އެކަމާމެދު ޝަކުވާއެއްވެސް ކުރައްވައިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. ހަމައެއާއެކު، ޙައްވާ ނާޞިޙާ ފާހަގަކޮށްލެވެނީ ކުތުބުޚާނާއަށް ޒިޔާރަތް ކުރައްވާ ފަރާތްތަކާ ގުޅިވަޑައިގެން ކުރައްވަން ޖެހިވަޑައިގެން ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ޙައްވާ ނާޞިޙާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. މިގޮތުން، ކުތުބުޚާނާގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ތަމްރީނު ދެއްވައިފައި ވެއެވެ. އަދި ލައިބްރަރީއާބެހޭ ތަމްރީނަށް އެދޭ ރަށްރަށުގެ ކުތުބުޚާނާތަކަށް ޒިޔާރަތް ކުރައްވައި، ކުތުބުދާރުން ތަމްރީނު ކޮށްދެއްވައި، ޤައުމީ ކުތުބުޚާނާގައި އަހަރަކު އެއްފަހަރު ހިންގާ ތަމްރީނު ޕުރޮގުރާމުގައި ކިޔަވައިދެއްވައެވެ.

ޙައްވާ ނާޞިޙާއަކީ ޤައުމީ ކުތުބުޚާނާގައި ޤާއިމުކުރި ކުޑަކުދިންނަށް ޚާއްޞަ މަލްޓިމީޑިއާ ލައިބްރަރީ ވުޖޫދަށް ގެންނެވުމުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި ކުތުބުދާރުންނަށް އެހީތެރިވެދެއްވުމާއި، މަސައްކަތުގެ ތަޖުރިބާ ހޯދަން ކުތުބުޚާނާއަށް އަންނަ ސްކޫލްތަކުގެ ދަރިވަރުންނަށްވެސް ކަންކަން ކުރަންވީ ގޮތާއި، ކަންކަން ހިންގަމުން ގެންދާ ގޮތް އޮޅުންފިލުއްވައި ދެއްވައެވެ. ޙައްވާ ނާޞިޙާ އިންފޮމޭޝަން މިނިސްޓްރީގައި ވަޒީފާ އަދާކުރެއްވިއިރު، ދަރުބާރުގޭގައި އެ މިނިސްޓްރީން ޤާއިމުކުރި ޕްރެސް ކޮންފަރެންސް ރޫމް "ފަންސަވީސް" ތައްޔާރުކުރެއްވުމުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ. ޙައްވާ ނާޞިޙާއަކީ މީހުންނާ ގުޅިގެން މަސައްކަތްކުރައްވާ، މީހުންނަށް އެހީތެރިވެދެއްވާ ހިތްހެޔޮ މިޒާޖެއްގެ މުވައްޒަފެކެވެ.