މިސްޓަރ ލޭލްވަލަ ވިދާނަގެ ތިލަކަރަތުނަ (ސްރީލަންކާ)
ނަންބަރު 10، ޑުޓުގެމުނު ސްޓްރީޓް، ޕާމަންކަޑަ، ސްރީލަންކާ

ލޭލްވަލަ ވިދާނަގެ ތިލަކަރަތުނަ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 24 މޭ 1985 ގައެވެ. މި ވޭތުވެދިޔަ 37 އަހަރު ދުވަހުގެ ތެރޭގައި، މިސްޓަރ ތިލަކަރަތުނަ ޚިދުމަތް ކުރެއްވީ، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައެވެ. ފުރަތަމަ އަދާކުރެއްވީ، ވެލްފެއަރ އެސިސްޓެންޓެއްގެ ވަޒީފާއެވެ. އޭގެފަހުން، ވެލްފެއަރ އޮފިސަރުކަމާއި، ޕްރޮޓޮކޯލް އެސިސްޓެންޓްކަން ކުރެއްވިއެވެ. 2012 ވަނަ އަހަރުން ފެށިގެން އަދާކުރައްވަމުން ގެންދަވަނީ، ހައިކޮމިޝަނުގެ ސީނިއަރ ޕްރޮޓޮކޯލް އޮފިސަރު ކަމެވެ.

ހައިކޮމިޝަންގެ ވެލްފެއަރ އެސިސްޓެންޓް ކަމާއި، ވެލްފެއަރ އޮފިސަރުކަމުގެ ވަޒީފާ ތިލަކަރަތުނަ އަދާކުރެއްވިއިރު، ސަރުކާރުން އޭރު ބޭސްފަރުވާއަށް ފޮނުއްވާ ދިވެހީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވީ، ތިލަކަރަތުނައެވެ. މިގޮތުން، ބޭސްފަރުވާއަށް ސްރީލަންކާއަށްދާ ދިވެހީންނާ އެއަރޕޯޓާ ހަމައިން ހަވާލުވެވަޑައިގެން، އެމީހުން ތިބެން ހަމަޖައްސާ ތަންތަނަށް ގެންދަވައި، އެމީހުންނަށް ބޭނުންވާ ކަންކަން ހަމަޖައްސަވައިދެއްވައެވެ. އަދި އެމީހުން ޑޮކްޓަރަށް ދެއްކުމަށްޓަކައި އެކިއެކި ހޮސްޕިޓަލްތަކަށް ގެންދަވައި، ފަރުވާއާބެހޭ އެންމެހައި ކަންކަން ތިލަކަރަތުނަ ބަލަހައްޓަވަމުން ގެންދެވިއެވެ. އޭގެ އިތުރުން، ސްރީލަންކާގައި ނިޔާވާ ދިވެހީންގެ ޢާއިލާތަކަށް ބޭނުންވާ ކޮންސިއުލަރ އެހީތެރިކަންވެސް ދެއްވަމުން ގެންދަވައެވެ.

މިސްޓަރ ތިލަކަރަތުނައަކީ، ސްރީލަންކާގެ ކޯޓުތަކުގައި ހިނގާ ދިވެހީންގެ އެކި މައްސަލަތަކުގައި ކޯޓަށް ވަޑައިގެން ތަރުޖަމާނެއްގެ މަސައްކަތްވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ހައިކޮމިޝަންގެ ޑިޕްލޮމެޓިކް މެއިލް ބޭގް ފޮނުއްވުމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހައިކޮމިޝަނަށް ފޮނުއްވާ ޑިޕްލޮމެޓިކް މެއިލް ބޭގާ ހަވާލުވުމަށް އެއަރޕޯޓަށް ވަޑައިގަތުމާއި، ހައިކޮމިޝަނަށް އަންނަ އެކިއެކި މުދާ ކްލިއަރ ކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވައިފައިވަނީ، ތިލަކަރަތުނައެވެ.

މީގެއިތުރުން، ސްރީލަންކާއަށް ރަސްމީ ދަތުރުފުޅުތަކުގައްޔާއި، އެނޫން ބޭނުންތަކުގައި ޒިޔާރަތް ކުރައްވާ ދައުލަތުގެ ގިނަ އަދަދެއްގެ އިސްބޭފުޅުންގެ ޕްރޮޓޮކޯލްވެސް ތިލަކަރަތުނަ ބަލަހައްޓަވަމުން ގެންދަވައިފައި ވެއެވެ. ތިލަކަރަތުނައަކީ، ހަވާލު ކުރައްވާ ކަމެއް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވައި، އަދި ވަރަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޤާބިލް ބޭފުޅެކެވެ.

ތިލަކަރަތުނަގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން 2010 ވަނަ އަހަރު "ލޯންގ ސާރވިސް އެވޯޑް" ވެސް ތިލަކަރަތުނައަށް ވަނީ ދެއްވައިފައެވެ. ތިލަކަރަތުނައަކީ، ދިވެހިބަހުން ލިޔެކިޔަން ދެނެވަޑައިގަންނަވާ އަދި ދިވެހިބަހުން ފަރިތަކަމާއެކު ވާހަކަ ދައްކަވާ ބޭފުޅެއްވެސް މެއެވެ.