ޢަބްދުލްކަރީމް ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 6 ސެޕްޓެންބަރު 1979 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ބިލެތްފަހީ ކޯޓުގެ ކާތިބުކަމެވެ. އޭގެފަހުން 13 ފެބުރުވަރީ 1982 ގައި ބިލެތްފަހީ މުދިމުކަމުގެ ވަޒީފާއަށް ބަދަލުވެވަޑައިގަތެވެ. 1 ޖަނަވަރީ 2017 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ބިލެތްފަހީ މިސްކިތުގެ އިމާމު ކަމުގެ މަގާމުގައެވެ.
ޢަބްދުލްކަރީމް ޢަލީއަކީ، މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއިން ހިންގެވި މުދިމުން ތަމްރީނު ކުރުމުގެ ޑިޕްލޮމާ ކޯސް ފުރިހަމަކުރައްވައިފައިވާ ބޭފުޅެކެވެ.
ޢަބްދުލްކަރީމް ޢަލީ މުދިމުކަމުގެ ވަޒީފާ އަދާކުރައްވަން ފެށްޓެވި ދުވަސްވަރަކީ، މުދިމުން ފިޔަވައި، މިސްކިތްތަކަށް އިތުރު މީހަކު ލައްވާ ދުވަސްވަރަކަށް ނުވުމުން، މިސްކިތުގައި ކުރަންޖެހުނު ހުރިހާ މަސައްކަތެއްވެސް އޭރު ކުރައްވަމުން ގެންދެވިއެވެ. އޭގެތެރޭގައި، މިސްކިތް ފޮޅައި ސާފުކުރެއްވުމާއި، މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރެއްވުން ހިމެނެއެވެ.
ޢަބްދުލްކަރީމް ޢަލީ ފާހަގަކުރެވިފައިވަނީ، ވަރަށް ފަރުވާތެރިކަމާއެކު ވަޒީފާ އަދާކުރެއްވި އަދި ގަޑިއަށް ޙުރުމަތްތެރިކޮށްހިއްތެވި ބޭފުޅެއްގެ ގޮތުގައެވެ. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ގަވާއިދުތަކާއި އުސޫލުތައް ނަގަހައްޓައި، ގަވާއިދުތަކާއި، އުސޫލުތަކުގައިވާ މިންގަނޑުގެތެރޭގައި މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.
މިވޭތުވެދިޔަ ދިގު މުއްދަތުގައި، ބިލެތްފަހީ އޮފީހުން އިންތިޒާމުކޮށްގެން ބޭއްވި އެކިއެކި ހަރަކާތްތަކުގައި ޢަބްދުލްކަރީމް ޢަލީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އެ ކަންކަމުގައި އެހީތެރިކަން ދެއްވައިފައި ވެއެވެ. އަދި ޢަބްދުލްކަރީމް ޢަލީއަކީ، ރަށުގެ ރައްޔިތުންނާވެސް ގުޅިގެން މަސައްކަތް ކުރެއްވި، ރައްޔިތުންގެ އިޙްތިރާމާއި ލޯބި ހޯއްދެވި ބޭފުޅެކެވެ.
ޢަބްދުލްކަރީމް ޢަލީ، 37 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައި ވެއެވެ.