އަލްފާޟިލް މުޙައްމަދު ލަޠީފް
ދޭލިޔާގެ، ބ.އޭދަފުށި

މުޙައްމަދު ލަޠީފް، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުއޮފީހުގައެވެ. މުޙައްމަދު ލަޠީފް އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ވޯކީޓޯކީ އޮޕަރޭޓަރުކަމާއި، ކާތިބުކަމާއި، ސީނިއަރ ކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓެރީކަމާއި، ސެކްރެޓަރީކަން ހިމެނެއެވެ. މި މަގާމުތަކުގައި ހުންނަވައިގެން ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ޙުކުމް ތަންފީޒުކުރުމުގެ ގޮތުން އަތޮޅުގެ އެކި ރަށްރަށަށް އަރުވާލައިފައި ތިބޭ މީހުންނަށް ދައުލަތުންދޭ ފައިސާ ދިނުމާއި، އޭގެ ތެރެއިން އެކި ސަބަބުތައް މެދުވެރިވެގެން ބާކީވާ ފައިސާ އަނބުރާ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީއަށް ފޮނުއްވުން ހިމެނެއެވެ. މުޙައްމަދު ލަޠީފް މި މަސައްކަތް 12 އަހަރަށްވުރެ ގިނަދުވަހު ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، އަތޮޅުގައި ވަޒީފާއަދާކުރާ ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށްދޭ ފައިސާ ނެންގެވުމަށްޓަކައި ކޮންމެ މަހަކު އެއްފަހަރު މާލެއަށް ވަޑައިގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފައިސާ ނަންގަވައިގެން ކަނޑުމަގުން އެނބުރި ރަށަށް ވަޑައިގެން، މުވައްޒަފުންނާ މުސާރަ ހަވާލުކުރެއްވުމުގެ މަސައްކަތް، ވަރަށް އަމާނާތްތެރިކަމާއެކު ވަނީ ކުރައްވައިފައެވެ. މެދުކެނޑުމެއްނެތި 11 އަހަރު މި މަސައްކަތް ކުރެއްވިއިރު، ދުވަހަކުވެސް އެއްވެސް މައްސަލައެއް ޖެހިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން އަތޮޅުއޮފީހުގައި އޮތް "މާވަރު" ލޯންޗު ދުއްވާނެ މީހަކު ނެތުމުން، އެ ލޯންޗުގެ ކެޕްޓަންކަންވެސް މުޙައްމަދު ލަޠީފް ވަނީ ކުރައްވައިފައެވެ.

މުޙައްމަދު ލަޠީފް މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ މަގާމުގައި ހުންނަވައިގެންނެވެ. އޭގެކުރިން ކައުންސިލްގެ އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރުކަން ވަނީ ކުރައްވައިފައެވެ. އަތޮޅު ކައުންސިލްގައި ކުރައްވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމުގެ އެގްޒަމިނަރުކަން ކުރެއްވުމާއި، ކޯޓުތަކަށް ފޮނުއްވަންޖެހޭ އެކިއެކި ލިޔުންތައް ފޮނުއްވުން ހިމެނެއެވެ. މީގެއިތުރުން، ދަރަވަންދޫގައި އެއަރޕޯޓެއް ޤާއިމުކުރުމަށް ސަރުކާރުން ބޭނުންފުޅުވުމުން، އެއަރޕޯޓް ހަދާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ހިސާބު ބެލުމުގެގޮތުން، ދަރަވަންދޫގެ ކޮންމެ ގެޔަކަށް މަޢުލޫމާތު ޝީޓެއް ތައްޔާރު ކުރައްވައިގެން، އެ ގެޔަކަށް ނިސްބަތްވާ ރުއްގަސް ފާހަގަކުރުމަށްޓަކައި އެ ގޭގެޔަށް ވަޑައިގެން އެޝީޓްތަކުގައި ރުއްގަހުގެ މަޢުލޫމާތު ހިމަނުއްވައި، އެ ގޭގޭގެ ވެރިފަރާތުން ސޮއިކުރުވައި، ރުއްގަހަށް ބަދަލުދިނުމާ ބެހޭގޮތުން ކުރަންޖެހުނު އެންމެހައި މަސައްކަތްތައްވެސްމުޙައްމަދު ލަޠީފް ކުރައްވައިފައި ވެއެވެ. އެ މަސައްކަތުގައި ދަރަވަންދޫގައި ދެ މަހެއްހާ ދުވަސް ހޭދަކުރެއްވިއެވެ.

މުޙައްމަދު ލަޠީފް، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 37 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. މުޙައްމަދު ލަޠީފަކީ، އެ ކުރައްވާ މަސައްކަތެއް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވައި، ރަށުގެ ރައްޔިތުންގެ އިތުބާރު ހޯއްދަވައިފައިވާ ބޭފުޅެކެވެ.