އަލްފާޟިލާ ޢާރިފާ މުޙައްމަދު
އަރާކުރި، ވ. ރަކީދޫ

ޢާރިފާ މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޢާއިލާގެ އެހީތެރިޔާގެ މަގާމުންނެވެ. 1984 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތުން ހިންގެވި ފެމިލީ ހެލްތު ވާރކަރ ކޯސް ފުރިހަމަކުރެއްވުމަށްފަހު، ޚިދުމަތާ ގުޅިވަޑައިގަތީ 4 ޖޫން 1984 ގައެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއަރއިން ހިންގެވި ފެމިލީ ހެލްތު ވާރކަރ އަޕްގްރޭޑިންގ ކޯސްވެސް ޢާރިފާ މުޙައްމަދު ފުރިހަމަކުރެއްވިއެވެ. 1 ފެބުރުވަރީ 2009 ން ފެށިގެން އަދާކުރައްވަމުން ގެންދަވަނީ، ފެމިލީ ހެލްތު އޮފިސަރުގެ މަގާމެވެ.

ޢާރިފާ މުޙައްމަދު ޚިދުމަތްކުރައްވަން ފެށްޓެވި ދުވަސްވަރަކީ، ޞިއްޙީ މަރުކަޒު ވަކިން ޤާއިމުކޮށްފައިވާ ދުވަސްވަރަކަށް ނުވާތީ، އޭރު ޚިދުމަތް ކުރެއްވީ، ރަށުއޮފީހުގައެވެ. ޚިދުމަތް ފޯރުކޮށްދިނުމުގައި އޭރު ދިމާވި ގިނަގުނަ ދަތިތަކާއެކުގައިވެސް އާންމުޞިއްޙަތު ކުރިއެރުވުމަށް އެވަގުތަކު ކުރެވެންހުރި މަސައްކަތްތައް ޢާރިފާ ކުރެއްވިއެވެ. މިގޮތުން، ގޭގެޔަށް ޒިޔާރަތް ކުރައްވައި، ބަލިމީހުން ބައްލަވައި، ބޭސް ދެއްވައި، މާބަނޑު މީހުންގެ ކުލިނިކު ހިންގަވައި، އާންމުޞިއްޙަތާ ބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވައި، ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޢާރިފާ މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި އޭރު ރަށުގައި ޑޮކްޓަރެއްވެސް، ނަރުހެއްވެސް ނެތުމުން، އެ މަސައްކަތް ޢާރިފާ ކުރެއްވީ، ކޮމިއުނިޓީ ހެލްތު ވާރކަރުގެ އިރުޝާދުގެ ދަށުންނެވެ.

މީގެއިތުރުން، ރަށުގައި ވެކްސިން ޕުރޮގުރާމުތައް ހިންގެވުމާއި، ގައިން ގަޔަށް އަރާ ބަލިތައް ނައްތައިލުމަށްޓަކައި، އަތޮޅު ފެންވަރުގައި ހިންގާ ޕުރޮގުރާމުތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުމާއި، ޗައިލްޑް އެންޑް ނިއުޓްރިޝަން ޕުރޮގްރާމާއި، ރިޕްރޮޑަކްޓިވް ހެލްތު ޕުރޮގުރާމު ޢާރިފާ ހިންގަވައި ދެއްވައިފައި ވެއެވެ. އަދި ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ހިންގަމުންގެންދަނީ، ޞިއްޙީ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ކަށަވަރު ކުރެއްވުމާއި، ދޯނިފަހަރުގެ ސާފުތާހިރުކަން ބެއްލެވުމާއި، މަދިރި މަދުކުރުމުގެ ޕުރޮގްރާމު ހިންގެވުމާއި، ސްކޫލް ހެލްތު ޕުރޮގުރާމު ހިންގެވުންވެސް، ޢާރިފާ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

ރަކީދޫ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އެ ބޭފުޅުންގެ މަޝްވަރާއާއެކު، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ޢާރިފާ އިސްވެ ހުންނަވައިގެން، ރަކީދޫ ޞިއްޙީ މަރުކަޒުން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން ގެންދެއެވެ. މިހާރުވެސް މަހަކު ދެފަހަރު ރަށުގެ ހުރިހާ ގެޔަކަށް ޒިޔާރަތް ކުރައްވައި، ބަލިމީހުންގެ ހާލަތު ބައްލަވައި، ވެކްސިން ދިނުމާ ގުޅޭ އެންމެހައި މަސައްކަތްތައް ޢާރިފާ ކުރައްވަމުން ގެންދަވައެވެ. އަދި ނަފްސާނީ ބަލިމީހުންނާއި، އުމުރުން 65 އަހަރު ފުރޭ މީހުންގެ ރެކޯޑުތައްވެސް ބަލަހައްޓަވަމުން ގެންދަވައެވެ.
ޢާރިފާ މުޙައްމަދު، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 37 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.