އަލްފާޟިލާ ވަޙީދާ އިބްރާހީމް
ދަފްތަރު. ނަންބަރު ރސ 4778، މާލެ

ވަޙީދާ އިބްރާހީމް ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ޓައިޕިސްޓެއްގެ ވަޒީފާއިންނެވެ. އޭރު އުމުރަކީ 23 އަހަރެވެ. ވަޒީފާއަށް ވެދެވަޑައިގަތީއްސުރެ ޚިދުމަތް ކުރައްވަމުން ގެންދަވަނީ ފިނޭންސްގައެވެ. މި ވޭތުވެދިޔަ 37 އަހަރު ދުވަހުގެ ތެރޭގައި، އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، ޓައިޕިސްޓް ގްރޭޑް 1، ކީބޯޑު އޮޕަރޭޓަރު ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، އެސިސްޓެންޓް ފަންޑު އޮފިސަރުކަން ހިމެނެއެވެ. މިހާރު ވަޙީދާ އިބްރާހީމް ހުންނެވީ، މިނިސްޓްރީ އޮފް ފިނޭންސްގެ އެސިސްޓެންޓް ބަޖެޓް އޮފިސަރުގެ މަގާމުގައެވެ.

ވަޙީދާ އިބްރާހީމްގެ ޚިދުމަތް މުޅިންވެސް ބިނާވެފައި އޮތީ، ދައުލަތުގެ ފައިސާގެ ކަންތައްތައް ބެލެހެއްޓެވުމުގެ މަސައްކަތްތަކުގައެވެ. މައިގަނޑުގޮތެއްގައި ކުރައްވަނީ، ދައުލަތުގެ ބަޖެޓް ތަންފީޒުކުރުމާގުޅޭ އިދާރީ މަސައްކަތްތަކެވެ. އެގޮތުން ފައިސާއާބެހޭ ސިޓީތައް ޓައިޕް ކުރައްވައި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުއްވުމާއި، ސިޓީތައް އެންޓްރީއަށް އެޅުއްވުމާއި، ބީ.ޕީ.ސީ. މޮޑިއުލް އަދި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް އަންނަ ރިކުއެސްޓްތައް ޗެކު ކުރައްވަމުން ގެންދަވައެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ފިޒިކަލް އެފެއާޒް ޑިޕާޓްމަންޓުގައި ވަޙީދާ އިބްރާހީމް، ފައިސާއާބެހޭ އިދާރީ މަސައްކަތްތައް ކުރައްވަމުން ގެންދަވާއިރު، އެއީ، ދައުލަތުގެ އިދާރާތަކުގެ ތެރެއިން ގިނަ އަދަދެއްގެ ސިޓީ ކޮންމެ ދުވަހަކުވެސް ލިބޭ ޑިޕާޓްމަންޓެކެވެ. މުޅި ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމުގެ އެންމެހައި ކަންކަން އެ ޑިޕާޓްމަންޓުން ކުރަމުންގެންދާއިރު، ވަޙީދާ އިބްރާހީމް ހިމެނެނީ، ކޮންމެ ދުވަހަކުވެސް މުރާލިކަމާއެކު އެ މަސައްކަތްތައް ކުރައްވާ މުވައްޒަފުންގެ ތެރޭގައެވެ.

ވަޙީދާ އިބްރާހީމް ފާހަގަކުރެވިފައިވަނީ ހުރިހާ މުވައްޒަފުންނާވެސް ގުޅޭ، މަޑުމައިތިރި، މަސައްކަތަށް ފަރުވާތެރި މުވައްޒަފެއްގެ ގޮތުގައެވެ. އޮފީހުގައި ކުރައްވައިފައިވާ ހުރިހާ މަސައްކަތެއްވެސް ކުރައްވައިފައިވަނީ ކަމަށް ކަމޭހިއްތެވުމާއެކު، އަމިއްލަކަމެއް ކަމުގައި ދެކިވަޑައިގެން ތެދުވެރިކަމާ އެކުގައެވެ.

ވަޙީދާ އިބްރާހީމްގެ އެންމެ ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެނީ، ދައުލަތުގެ ބަޖެޓާއި، ބަޖެޓު ސްޕީޗް ތައްޔާރު ކުރެއްވުމުގައި އަދާކުރައްވައިފައިވާ ދައުރެވެ. ކޮމްޕިއުޓަރ ތަޢާރުފުވުމުގެ ކުރިން، ޓައިޕްކުރައްވައިގެން، އެތައް އަހަރަކު ބަޖެޓު ސްޕީޗްވަނީ ތައްޔާރުކޮށްދެއްވައިފައެވެ. އޭގެފަހުން ކޮމްޕިއުޓަރުންވެސް ބަޖެޓު ސްޕީޗްގެ މަސައްކަތް ގިނަ އަހަރުތަކެއް ވަންދެން ކުރައްވައިފައި ވެއެވެ.

އެހެން މުވައްޒަފުންގެ ކުރިއެރުމާއި، އަމިއްލައަށް އެނގިފައިވާ އެއްޗެއް އެހެން މީހުންނަށް އުނގަންނައިދެއްވުމަކީ، ވަޙީދާ އިބްރާހީމް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެކެވެ. އެހެންކަމުން، ފިނޭންސް މިނިސްޓްރީގައި މިހާރު މަސައްކަތް ކުރައްވާ މުވައްޒަފުން، ވަޙީދާގެ އިޚުލާޞްތެރި މަސައްކަތްތައް ބަލައިގަންނަނީ ނަމޫނާ މަސައްކަތްތަކެއްގެ ގޮތުގައެވެ.