އަލްފާޟިލް މުޙައްމަދު ނިޒާރު
ލާރޓް، ގދ. ތިނަދޫ

 މުޙައްމަދު ނިޒާރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 30 މާރިޗު 1980 ގައެވެ. 18 ފެބުރުވަރީ 2018 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމުގައެވެ.

ޚިދުމަތުގައި ހޭދަކުރެއްވި 37 އަހަރު ދުވަހުގެ ތެރޭގައި، މުޙައްމަދު ނިޒާރު ޚިދުމަތް ކުރައްވައިފައިވަނީ، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުއޮފީހުގައެވެ. އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ގދ.އަތޮޅުއޮފީހުގެ ކާތިބު ކަމާއި، ރޭޑިއޯ ޓެލެފޯން އޮޕަރޭޓަރުކަމާއި، ސީނިއަރ ރޭޑިއޯ ޓެލެފޯން އޮޕަރޭޓަރު ކަމާއި، އިންވެސްޓިގޭޓަރު ކަމާއި، ސީނިއަރ އިންވެސްޓިގޭޓަރު ކަމާއި، އަތޮޅުވެރިޔާގެ އެހީތެރިޔާކަން ހިމެނެއެވެ.

މުޙައްމަދު ނިޒާރު ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ވޯކީޓޯކީ އާއި ރޭޑިއޯ ޓެލެފޯން މެދުވެރިކޮށް މުވާޞަލާތުކުރި ދުވަސްވަރު، އަތޮޅުގެ އެކި ރަށްރަށަށް އަތޮޅުއޮފީހުން ފޮނުވަންޖެހޭ ލިޔުންތައް، ވޯކީޓޯކީގެ ޛަރީޢާއިން ފޮނުއްވުމާއި، ނެންގެވުމާއި، އަތޮޅުތެރެއިންނާއި އަތޮޅުއޮފީހުން ރޭޑިއޯ ޓެލެފޯނުގެ ޛަރީޢާއިން މާލެއަށް ފޮނުވަންޖެހޭ މެސެޖު ފޮނުއްވުމާއި، ނެންގެވުމާއި، މާލޭގައި ދިރިއުޅޭ އަތޮޅުގެ ރައްޔިތުންނަށް ފަސޭހައިން މުވާޞަލާތު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމާއި، އަތޮޅުއޮފީހުގެ އިންވެސްޓިގޭޓަރުގެ ހައިސިއްޔަތުން ފުލުހުންގެ އިދާރާއިންނާއި، އެހެނިހެން ތަޙުޤީޤީ އިދާރާތަކުން ތަޙުޤީޤު ކުރުމަށް އަންގާ މައްސަލަތައް ތަޙުޤީޤު ކުރައްވައި، ބަޔާންތަކާއި ރިޕޯޓު އެކުލަވައިލެއްވުން ހިމެނެއެވެ. އަދި އަތޮޅުގެ ރަށްރަށުގައި ހިންގާ ތަޙުޤީޤުތައް، ލީގަލް ސެކްޝަންގެ އިސްވެރިއެއްގެ ގޮތުން ހިންގަވައި ބެލެހެއްޓެވުމާއި، ގޯތި ގޯއްޗާއި ބިންބިމާ ބެހޭގޮތުން ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުމާއި، ޕްރޮކިއުމަންޓާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައް ހިންގަވައި ބެލެހެއްޓެވުން ހިމެނެއެވެ.

މުޙައްމަދު ނިޒާރަކީ، އަތޮޅުވެރިން ނެތް ހިނދެއްގައި، އަތޮޅުއޮފީސް ހިންގެވުމާ ހަވާލުވެވަޑައިގެން އޮފީސް ހިންގަވައިފައިވާ ބޭފުޅެއްވެސް މެއެވެ. އަދި އަތޮޅުވެރިން އަތޮޅުތެރެއަށް ކުރައްވާ ދަތުރުތަކުގައި ނިޒާރު ބައިވެރިވެވަޑައިގެން، އެ އަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ އިޖުތިމާޢީ ރޫޙު އާލާކުރެއްވުމަށް މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި އަތޮޅުގެ ރަށްރަށުގެ އޮފީސްތަކުގެ ފައިސާއާބެހޭ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ މަސައްކަތް ކުރުމަށް މުވައްޒަފުންނަށް އިރުޝާދު ދެއްވައި، އެ އުސޫލުތަކާ އެއްގޮތަށް ކަންތައްތައް ހިނގަމުންދޭތޯ ބައްލަވަމުން ގެންދަވައިފައި ވެއެވެ.

ލާމަރުކަޒީ އުސޫލުން ކަންކަން ހިންގުމުގެ ނިޒާމުގެ ތެރެއިން ކައުންސިލްތައް އުފެދުމާ ގުޅިގެން، ކައުންސިލުން ކުރަންޖެހޭ ކަންތައްތަކުގައިވެސް މުޙައްމަދު ނިޒާރު އެހީތެރިކަން ފޯރުކޮށްދެއްވައި، ކައުންސިލްގެ ލަފަޔާއި މަޝްވަރާގެ މަތިން ކައުންސިލް އިދާރާ ހިންގަވައި، އިދާރީ އެންމެހައި ކަންކަމުގައި ކައުންސިލަށް ޖަވާބުދާރީވެވަޑައިގެންފައި ވެއެވެ. މުޙައްމަދު ނިޒާރު ފާހަގަކުރެވިފައިވަނީ، ފަރުވާތެރިކަމާއެކު މަސައްކަތްތަކަށް އިސްކަން ދެއްވައިގެން ޚިދުމަތް ކުރެއްވި ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށްހިއްތަވައިގެން މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.