ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދު
މ. ލޮނުވެލި

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 17 މާރިޗު 1984ގައެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ވަޒީފާ އަދާކުރެއްވުމަށްފަހު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ ގުޅިވަޑައިގަތީ، ލާންސް ކޯޕްރަލް ރޭންކުގައި 1 ޖުލައި 1987 ގައެވެ. މިހާރު ހުންނެވީ، އެމް.އެން.ޑީ.އެފް.ގެ ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކުގައެވެ.

ދިވެހި ދައުލަތަށް 37 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވާއިރު، 35 އަހަރަށްވުރެ ދިގު މުއްދަތެއް ސިފައިންގެ ޚިދުމަތުގައި ޢަބްދުލްމަތީން އަޙްމަދު ހޭދަކުރައްވައިފައިވެއެވެ. މި މުއްދަތުގެ ތެރޭގައި، ލާންސް ކޯޕްރަލްގެ އިތުރުން، ކޯޕްރަލް، ސާރޖަންޓް، ސްޓާފް ސާރޖަންޓް، ވޮރަންޓް އޮފިސަރ ގްރޭޑް 1، ވޮރަންޓް އޮފިސަރ ގްރޭޑް 2، ލެފްޓިނަންޓް، ފަސްޓް ލެފްޓިނަންޓް، ކެޕްޓަން، މޭޖަރ، ލެފްޓިނަންޓް ކާނަލް އަދި ކާނަލް ރޭންކްގައި މަސައްކަތް ކުރައްވައިފައިވެއެވެ.

މިނިސްޓަރ އޮފް ޑިފެންސްގެ މިލިޓަރީ ސެކްރެޓެރީގެ މަގާމުގައި މިހާރު ހުންނެވި ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދަކީ، އެ މިނިސްޓްރީގެ ޒިންމާދާރު ގިނަ މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެކިއެކި އެޕޮއިންޓްމަންޓް ތަކާއި، ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅާފައި ހުންނަ ޑިފެންސް އެޑްވައިޒަރުގެ މަގާމު އަދާކުރައްވައިފައިވެއެވެ. ހަމައެހެންމެ، ޢަބްދުލްމަތީން އަޙްމަދަކީ، ސިފައިންގެ އެކިއެކި ކޮމިޓީތަކާއި ބޯޑުތަކުގައިވެސް އިސް މަގާމުތަކެއް ފުރުއްވައިފައިވާ ވަރަށް ޚިދުމަތްތެރި ފަންނީ ބޭފުޅެކެވެ. މިލިޓަރީ އަދި ފަންނީ ދާއިރާއިން ގިނަ ތަމްރީނުތަކެއް ރާއްޖެއާއި ރާއްޖެއިން ބޭރުން ފުރިހަމަ ކުރައްވައި، ތަފާތު ވާރކްޝޮޕްތަކާއި، ސެމިނާރތަކުގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދު ވަނީ، ގިނަގުނަ ކާމިޔާބީތަކެއް ހާސިލު ކުރައްވައިފައެވެ. މިގޮތުން، ދިވެހި ސަރުކާރުން ހޯއްދަވައިދެއްވި ސްކޮލަރޝިޕެއްގެ ދަށުން "ޔުނައިޓެޑް ސްޓޭޓްސް އާރމީ ސިގްނަލް ސެންޓަރ އެންޑް ފޯޓް ގޯޑްން" ގައި، ޕުރޮގުރާމް އެނަލިސްޓް ކޯހެއް ފުރިހަމަކުރައްވައި، ކޯހުގެ އޮނަރ ގްރެޖުއޭޓްގެ މަގާމު ހޯއްދަވައިފައިވާތީ، ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، 1990 ވަނަ އަހަރު ޢަބްދުލްމަތީން އަޙްމަދަށް ލިބިވަޑައިގެންފައި ވެއެވެ. އަދި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިންނާއި، ކްރިއޭޓިވިޓީ އެންޑް ކްރާފްޓްސްމަންޝިޕްގެ ދާއިރާއިން ޗީފް އޮފް ޑިފެންސް ފޯސްގެ ކޮމެންޑޭޝަން ހާސިލު ކުރައްވައިފައިވެއެވެ. މީގެ އިތުރުން، ފަންނީ ދާއިރާތަކުގެ މަސައްކަތްތަކުން މަތީވަނަތައް ހާސިލުކުރައްވައިފައިވެއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދަކީ، ވިޜުއަލް އާޓްސްގެ ދާއިރާއިން، ލިޔުމާއި، ކުރެހުމާއި، ފަރުމާ ކުރުމުގެ ރޮނގުން 2016 ވަނަ އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެއްވެސް މެއެވެ. ސިފައިންގެ ޔުނީފޯމުތަކާ ގުޅޭ އެކިއެކި ކުރެހުންތައް ފަރުމާ ކުރައްވައި، އެކި ޔުނީފޯމާއެކު ބޭނުންކުރާ މެޑެލްތަކާއި ކުލަތައްވެސް ވަނީ ފަރުމާކޮށްދެއްވައިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޤައުމީ އިނާމާއި، ޚާއްޞަ އިނާމާއި، ކީރިތި ޤުރްއާން ހިތުދަސްކުރައްވާ ޙާފިޡުންނަށް ދެއްވާ މެޑެއްޔާއި، ސާނަވީ އިމްތިޙާނުންނާއި، މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން 1 ވަނައަށް އަންނަ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، ސްކޫލްތަކުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހަނދާނީފިލައާއި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ މެޑެލް ފަރުމާ ކުރެއްވީވެސް ޢަބްދުލްމަތީން އަޙްމަދެވެ. އަދި ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގައިވާ ޢިއްޒަތްތައް ފަރުމާކުރެއްވުމުގެ މަސައްކަތުގައިވެސް ޢަބްދުލްމަތީން ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދުގެ އިޚުލާޞްތެރި ޚިދުމަތްތައް ފާހަގަކުރައްވައި، ޝަރަފުގެ 23 ނިޝާން (މެޑެއްޔާއި ކުލަ) ދެއްވައިފައިވެއެވެ.