އަލްފާޟިލް ޢަލީ ޝާކިރު
ވިނަރެސް، ނ. މަނަދޫ

ޢަލީ ޝާކިރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ނ.މަނަދޫ ކޯޓުގެ ކާތިބުކަމުގެ ވަޒީފާއިން 27 އޮގަސްޓު 1984 ގައެވެ. ޢަލީ ޝާކިރު ޚިދުމަތުގައި ހޭދަކުރެއްވި 37 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، މަނަދޫ ކޯޓުގެ ކާތިބު ކަމާއި، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީކަމާއި، ސެކްރެޓެރީކަން ހިމެނެއެވެ. ޢަލީ ޝާކިރު މިހާރު ހުންނެވީ، މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.

ޢަލީ ޝާކިރު ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، ކޯޓުގައި ހިންގައިފައިވާ ޝަރީޢަތްތަކުގައި ނެގޭ ބަޔާންތަކާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްފަދަ ލިޔުންތައް، ފަރުވާތެރިކަމާއެކު ރީތިކޮށް އަތުން ލިޔުއްވައިފައި ވެއެވެ. ފަހުން، ޓައިޕް ކުރައްވައިގެންވެސް ކޯޓުގެ އެންމެހައި ލިޔެކިޔުންތައް ލިޔުއްވައިފައި ވެއެވެ. އަދި އެކިއެކި މައްސަލަތަކުގައި ޝަރީޢަތަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމަށް ޗިޓު ހައްދަވައިގެން، އަމިއްލަފުޅަށް ގޭގެޔަށް ވަޑައިގެން ޗިޓު ރައްދުކުރުންފަދަ މަސައްކަތްތައްވެސް ޢަލީ ޝާކިރު ކުރައްވައިފައި ވެއެވެ.

މަނަދޫ މެޖިސްޓްރޭޓް ކޯޓުގައި ޢަލީ ޝާކިރު ކުރެއްވި އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި، ފައިސާއާބެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމާއި، މުސާރަ ދެއްވުމާއި، ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓެވުންފަދަ މަސައްކަތްތައްވެސް ހިމެނެއެވެ. ދިގު މުއްދަތެއް ވަންދެން ޢަލީ ޝާކިރު މި މަސައްކަތް ކުރެއްވިއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިގެން ސުވާލެއްވެސް ކުރައްވައިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ޢަލީ ޝާކިރަކީ، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވުމުގައިވެސް
ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. މިގޮތުން، ކޯޓުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ތަމްރީނު ދެއްވައި، ނ.އަތޮޅުގެ ރަށްރަށުގެ ކޯޓުތަކުގައި ދިމާވާ އިދާރީ މައްސަލަތަކާއި ފައިސާގެ މައްސަލަތައް ޙައްލުކޮށްދެއްވުމުގައި އެހީތެރިވެދެއްވައިފައި ވެއެވެ.