އަލްފާޟިލް ޙުސައިން ޞާލިޙު
ސ. ހިތަދޫ/ އަލި

                 ޙުސައިން ޞާލިޙަކީ، މަސްވެރިކަމުގެ ރޮނގުން ތަފާތު ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އުމުރުން 14 އަހަރުގައި މަސްވެރިކަމުގެ މަސައްކަތް ފެށްޓެވިއެވެ. އާމްދަނީ ހޯދުމަށް އެންމެ ރަނގަޅު މަސައްކަތަކީ، މަސްވެރިކަން ކަމުގައި ޚިޔާރު ކުރެއްވުމަށްފަހު، ޙުސަިން ޞާލިޙު ބެންނެވި "ރާސްތާ" ދޯނީގައި މަސްވެރިކަމުގެ މަސައްކަތް ފެށްޓެވިއެވެ. މިއީ، އޭރު ރާއްޖޭގައި އޮތް ދެވަނައަށް އެންމެބޮޑު މަސްދޯންޏެވެ. އެއީ، މީގެ 12 ވަރަކަށް އަހަރު ކުރިއެވެ. މިދޯނި ދުއްވަމުން، އެހެން ދޯންޏެއް (އަރުމާން) ބަންނަވަން ފެށްޓެވިއެވެ. ރާއްޖޭގައި ފުރަތަމަ ކޮއްޗޭ އިސްކުރު ބޭނުންކޮށްގެން މުޅި ދޯނީގެ ދިގަށް ފަތޮޅަށްނުލާ އެއްފިލައިން ބަނދެ، ލޯ ކަބީލާ ބޭނުންނުކޮށް ދޯންޏެއް ބެންނެވީ، ޙުސައިން ޞާލިޙެވެ. މިދޯނި ބަންނަވާފައިވަނީ، ދިރުނބާކޮޅަށް ފަލުކާ ތިރިކޮށް، އޮޓަމެޓިކުން މަސްތައް ވަތްތަކަށް ދިޔުމަށް ފަސޭހަވާނެގޮތަށް ދޯނީގެ ޑިޒައިން ބަދަލުކުރައްވައިގެންނެވެ. އޭގެފަހުން، ރާއްޖޭގައި މިގޮތަށް ދޯނިފަހަރު ބަންނަން ފަށާފައިވެއެވެ. ލަކުޑި ބޭނުން ނުކޮށް، ހުސް ފައިބަރުން 100 ފޫޓު ދިގުމިނުގެ މަސްދޯންޏެއް ކަމަށްވާ "ރޯޅި" ބެންނެވިއެވެ. އެންކަނދުފަތި އެޅުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައިވެސް ޙުސައިން ޞާލިޙު އެހީތެރިކަން ދެއްވައެވެ.