އަލްފާޟިލް ޢަބްދުﷲ މުފީދު
ނިރު، ދ. ކުޑަހުވަދޫ

ޢަބްދުﷲ މުފީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 11 އޮގަސްޓު 1984 ގައެވެ. ފުރަތަމަ އަދާކުރެއްވީ ދ.އަތޮޅުއޮފީހުގެ ދެނަންބަރު ކާތިބުކަމުގެ ވަޒީފާއެވެ. އޭގެފަހުން، ދ.އަތޮޅުއޮފީހުގެ ސީނިއަރ ކްލާކްކަން ކުރެއްވިއެވެ. އަދި 22 އޮކްޓޫބަރު 1995 ގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ރާއްޖެތެރޭގެ ޞިއްޙީ މަރުކަޒުތަކުގެ ސެކްރެޓެރީ ކަމުގެ މަގާމަށް ބަދަލުވެވަޑައިގަތެވެ. މި މަގާމުގައި ހުންނަވައިގެން ޢަބްދުﷲ މުފީދު އޭރު ޚިދުމަތް ކުރައްވަމުން ގެންދެވީ، ދ.އަތޮޅު ޞިއްޙީ މަރުކަޒުގައެވެ.

ދ.އަތޮޅު ޞިއްޙީ މަރުކަޒުގައި އިދާރީގޮތުން ކުރައްވަންޖެހުނު ހުރިހާ މަސައްކަތަކާއި، ފައިސާއާބެހޭ އެންމެހައި ކަންކަން އޭރު ކުރައްވަމުން ގެންދެވީ، ޢަބްދުﷲ މުފީދެވެ. އަދި އެ މަސައްކަތްތައް ކުރައްވަމުން ގެންދެވީ، ޢަބްދުﷲ މުފީދުގެ ލަޔާޤަތާއި ޤާބިލުކަން ތަންދިން އެންމެ ރަނގަޅަކަށެވެ. އޭރުވެސް ބެއްލެވީ، އެ ކުރައްވާ ކޮންމެ ކަމެއްވެސް ވީހާވެސް ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމާއެކު ކުރެއްވުމަށެވެ. އަދި ދ.އަތޮޅު ޞިއްޙީ މަރުކަޒު ހިންގަވަން އޭރު ތިއްބެވި ވެރިންގެ އިރުޝާދާ އެކީގައި، އެ މަރުކަޒުގެ ކަންކަން ރަނގަޅު ކުރެއްވުމަށް ކުރެއްވެންހުރި ކަންކަމަކީ ކޮބައިތޯ ބައްލަވައި، އެކަންކަން ކުރެއްވުމަށް ޢަބްދުﷲ މުފީދު ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ.

ދ.އަތޮޅު ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށްވުމާއެކު، ޞިއްޙީ މަރުކަޒުގެ އެކި ކަންކަމުގައި ވަރަށްގިނަ ވަގުތު ޢަބްދުﷲ މުފީދު އުޅުއްވަން ޖެހިވަޑައިގަންނަވައެވެ. ދ.އަތޮޅު ޞިއްޙީ މަރުކަޒުގެ ނަން ދ.އަތޮޅު ހޮސްޕިޓަލަށް ބަދަލުވުމާއެކުގައި ވެސް، ކުރިން ކުރައްވަމުން ގެންދެވި އިދާރީ މަސައްކަތްތަކާއި، ފައިސާއާބެހޭ އެންމެހައި ކަންކަން ޢަބްދުﷲ މުފީދު ވަރަށް ފުރިހަމައަށް ކުރައްވަމުން ގެންދެވިއެވެ. މިގޮތުން، ދ.އަތޮޅު ހޮސްޕިޓަލްގެ އެކި މަގާމުތައް ފުރުއްވައި މިހާރު ހުންނެވީ އެކައުންޓްސް އޮފިސަރުގެ މަގާމުގައެވެ.

ހޮސްޕިޓަލުންދޭ ޚިދުމަތްތައް ކުރިއަށްވުރެ ފުޅާވެފައި، ގިނަ އަދަދެއްގެ މުވައްޒަފުން ހޮސްޕިޓަލުގައި ޚިދުމަތް ކުރަމުން ގެންދާއިރު، ހޮސްޕިޓަލުގެ ހުރިހާ ކަމެއްވެސް ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކުރެއްވުމަށް ޢަބްދުﷲ މުފީދު ވަރަށްބޮޑު ސަމާލުކަމެއް ދެއްވަމުން ގެންދަވައެވެ. އަދި މަސައްކަތް ރާއްވަވައިގެން ކުރައްވަމުން ގެންދަވަނީ، މިއީ ވަރަށްބޮޑު ޒިންމާއެއް ކަމަށް ދެކެވަޑައިގެން، ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންނާވެސް ގުޅިވަޑައިގެންނެވެ. ޢަބްދުﷲ މުފީދަކީ، އޭނާއާ ހަވާލުކުރެވޭ އޮފީހުގެ ކޮންމެ މަސައްކަތެއްވެސް ނުހަނު އިޚުލާޞްތެރިކަމާއެކު ކުރައްވަމުން ގެންދަވާ ހާޒިރީއަށް ފަރުވާތެރި ނަމޫނާ މުވައްޒަފެއްކަން ފާހަގަކުރެވެއެވެ.

ޢަބްދުﷲ މުފީދަކީ، ހޮސްޕިޓަލުގެ މުވައްޒަފުންގެ ރިކްރިއޭޝަން ކުލަބުގެ ކަންކަމުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. މީގެއިތުރުން، ކުޑަހުވަދޫ ރަށްކުރިއަރުވާ ކޮމިޓީގެ ނައިބު ރައީސް ކަމާއި، އެ ކޮމިޓީގެ މެންބަރުކަންވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރައްވައިފައިވާ ބޭފުޅެކެވެ.

ޢަބްދުﷲ މުފީދު، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 37 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.