އަލްފާޟިލާ ޒުލްފާ މުޙައްމަދު
މ. ގުލްދަސްތާ

ޒުލްފާ މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 6 ޖަނަވަރީ 1969 ގައި، އެމް.ޖީ.ބީ.އެސް.ގެ ވަގުތީ ކާތިބާކަމުގެ ވަޒީފާއިންނެވެ. އުމުރުން 57 އަހަރުގައި ރިޓަޔަރ ކުރެއްވިއިރު ޒުލްފާ ހުންނެވީ، ޤައުމީ ކުތުބުޚާނާގެ ޑިރެކްޓަރުކަމުގެ މަގާމުގައެވެ.

ޚިދުމަތުގައި ހޭދަކުރެއްވި 38 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ އެއްނަންބަރު ކާތިބާކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިނގިރޭސި ކާތިބާކަމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ އިނގިރޭސި ސެކްރެޓެރީކަމާއި، ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލުގެ ނާޒިރާގެ އެހީތެރިޔާކަންވެސް ޒުލްފާ މުޙައްމަދު ކުރެއްވިއެވެ.

ޒުލްފާ މުޙައްމަދު، މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒުގައި ވަޒީފާ އަދާކުރެއްވިއިރު، އެ މިނިސްޓްރީން ފޮނުއްވަންޖެހޭ ސިޓީތައް ޑްރާފްޓް ކުރައްވައި، ފަރުވާތެރިކަމާއެކު ރީތިކޮށް އަތުން ލިޔުއްވައިގެން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުއްވައިފައި ވެއެވެ. އަދި މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގައިވެސް، ސިޓީ ޑްރާފްޓް ކުރައްވައި، އަތުން ސިޓީ ލިޔުއްވުމުގެ އިތުރުން، ތަފާތު އެކިއެކި ރަޖިސްޓަރީ ލިޔުއްވައި ބަލަހައްޓަވައިފައި ވެއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ވަޒީފާ އަދާކުރެއްވިއިރުގައިވެސް، ލިޔުންތައް ޑްރާފްޓް ކުރައްވައި ލިޔުއްވުމުގެ އިތުރުން، ޓީޗަރުން ތިބޭ ގޭގެއަށް ޒިޔާރަތް ކުރައްވައި، އެމީހުން ބޭނުންވާ ކަންތައް އޮޅުންފިލުއްވައި، ކޮށްދެއްވެން ހުންނަ ކަންތައްތައް، މިނިސްޓްރީ މެދުވެރިކުރައްވައިގެން، ވަރަށް ފަރުވާތެރިކަމާއެކު ކޮށްދެއްވައިފައި ވެއެވެ.

ޒުލްފާ މުޙައްމަދު، ޤައުމީ ކުތުބުޚާނާގައި ވަޒީފާ އަދާކުރެއްވިއިރު، ބަޖެޓާއި ފައިސާއާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމާއި، ލައިބްރަރީގެ ދާއިރާ ކުރިއެރުވުމަށްޓަކައި ކުދި ލައިބްރަރީތައް އުފައްދަވައިގެން، އެ ލައިބްރަރީތައް ހިންގާނެ ގޮތުގެ ގައިޑްލައިން ތައްޔާރުކުރައްވައިފައި ވެއެވެ. އަދި ލައިބްރަރީގެ އެކި ސެކްޝަންތަކުގެ މެދުގައި ބާއްވާ ބައްދަލުވުންތައް ރާއްވަވައި، މަޝްވަރާކޮށްގެން ލިބޭ މަޢުލޫމާތުގެ އަލީގައި ލައިބްރަރީގެ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވައިފައި ވެއެވެ. މީގެއިތުރުން، ޒަމާނީ އުސޫލުތަކާ އެއްގޮތަށް ކްލެސިފައި ކުރައްވައި، ލައިބްރަރީގެ މެންބަރުންނަށް ފަސޭހައިން ފޮތް ހޯދޭނެ ސިސްޓަމަކަށް ލައިބްރަރީގެ ހުރިހާ ސެކްޝަނެއްގެ އިންތިޒާމުތައް ހަމަޖައްސަވަން ފެށްޓެވިއެވެ. އަދި މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަން އުފެއްދެވުމުގެ މަސައްކަތްވެސް، ޢަމަލީގޮތުން ޒުލްފާ ކުރައްވައިފައި ވެއެވެ. ދިގު މުއްދަތެއް ވަންދެން މި މަސައްކަތް ކުރެއްވިއިރު އެއްވެސްއިރެއްގައި މައްސަލައެއް ޖެހިގެން ސުވާލެއްވެސް ކުރައްވައިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ޒުލްފާ މުޙައްމަދަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. މިގޮތުން، އައްޑުއަތޮޅު ހުޅުމީދުއަށް ޒިޔާރަތް ކުރައްވައި، ހުޅުމީދޫ ލައިބްރަރީގެ މުވައްޒަފުންނަށް ތަމްރީނު ދެއްވުމާއި، ލައިބްރަރީގެ މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވައި، އެފަރާތްތަކުން ބޭނުންވާ ފޮތްތައް ލިބޭނެގޮތް ހަމަޖައްސަވައި
ދެއްވައިފައި ވެއެވެ. އަދި ސަރުކާރުގެ ބައެއް އޮފީސްތަކާއި، ސްކޫލްތަކުން އެދިވަޑައިގަތުމުން އެތަންތަނަށް ވަޑައިގެން އެތަންތާނގެ ލައިބްރަރީތަކުގެ މުވައްޒަފުންނާއެކު ޒުލްފާ މަސައްކަތްކުރައްވައިފައި ވެއެވެ. އެތަންތާނގެ ތެރޭގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒާއި، ޢަރަބިއްޔާ ސްކޫލާއި، އަމީނިއްޔާ ސްކޫލާއި، އިސްކަންދަރު ސްކޫލް ހިމެނެއެވެ. ލައިބްރަރީ ސައިންސް ކުރިއެރުވުމަށްޓަކައި ލައިބްރަރީގައި ހިންގާ ބޭސިކް އަދި ފަންޑަރމެންޓަލް ތަމްރީނު ކޯސްތަކުގައި ކިޔަވައިދެއްވުމާއި، ލައިބްރަރީގެ މުވައްޒަފުންނަށް އެކިއެކި ތަމްރީނުތައް ދެއްވުމާއި، ކުދި ލައިބްރަރީތަކަށް ފަންނީ އެހީތެރިކަން ޒުލްފާ ފޯރުކޮށްދެއްވުންވެސް ހިމެނެއެވެ.

ޒުލްފާ މުޙައްމަދު ވަނީ، 1988 ވަނަ އަހަރު ޖަޕާނުގައި ބޭއްވި ބުކް ޕްރޮޑަކްޝަން ޕުރޮގުރާމެއްގައާއި، 2004 ވަނަ އަހަރު މެލޭޝިޔާގައި އޮތް، އޭޝިއާ ޕެސިފިކް ރީޖަންގެ ނޭޝަނަލް ލައިބްރަރީތަކުގެ ޑިރެކްޓަރުންގެ ސެމިނާރގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލު ކޮށްދެއްވައިފައެވެ. މި ޕުރޮގުރާމްތަކުން ލިބިވަޑައިގެންނެވި މަޢުލޫމާތުގެ އަލީގައި ރާއްޖޭގެ ނޭޝަނަލް ލައިބްރަރީއަށް އޭރު ގެންނަވަން ބޭނުންފުޅުވި ބަދަލުތައް ގެންނެވިއެވެ.