އަލްފާޟިލާ ޒަރީނާ މުޙައްމަދު
ޒަމީން، ރ. ހުޅުދުއްފާރު

ޒަރީނާ މުޙައްމަދު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 18 އެޕްރީލް 1984 ގައި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައެވެ. އެއީ، ސަރުކާރުން ރަސްމީކޮށް ރީޖަނަލް ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުއްވުމަށްޓަކައި ނަރުހުންގެ ވަޒީފާއަށް ވަނުމަށް ހުޅުވައިލި ފުރުޞަތުގެ ދަށުން ދެނަންބަރު ނަރުހެއްގެ ވަޒީފާއިންނެވެ.

އޭގެފަހުން، އެ ހޮސްޕިޓަލުގެ އެއް ނަންބަރު ނަރުހެއްގެ މަގާމަށް ބަދަލުވެވަޑައިގެންފައިވަނީ 16 މާރިޗު 1990 ގައެވެ. މި މުއްދަތުގައި ރަށުން ބޭރުގައި، ލޯބިވާ ޢާއިލާއާ ދުރުގައި، އެތައް އުނދަގޫތަކަކާ ކުރިމަތިލައްވައިގެން މަސައްކަތް ކުރެއްވީ، ދާއިރާއަށް ހުރި ޝައުޤެއްގެ ބޮޑުކަމުންނެވެ. އަދި ކުރިމަގުގައި، ޤައުމަށްވެސް ޚިދުމަތް ކުރެއްވުމަށް ބޭނުންފުޅުވާނެ ތަޖުރިބާ ހޯއްދެވޭނެ ރަނގަޅު ފުރުޞަތެއް ކަމުގައި ގަބޫލުކުރެއްވި، ދާއިރާއިން ފުރިހަމައަށް ތަމްރީނުވެވަޑައިގެން، އަމިއްލަ ވަޒަނަށް ޚިދުމަތް ކުރެއްވުމުގެ ނިޔަތުގައެވެ.

މިގޮތުން، ހުޅުދުއްފާރުގައި ފުރަތަމަ ޞިއްޙީ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި އެސިސްޓެންޓް ނަރުހެއްގެ މަގާމަށް ޒަރީނާ މުޙައްމަދު ބަދަލުވެވަޑައިގެން، މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ. އެ ދުވަސްވަރު ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ މަދުކަމާއި އަދި ޚާއްޞަކޮށް، ޞިއްޙީ ދާއިރާއާ ގުޅުންހުރި ދާއިރާތަކުން ތަމްރީނު ވެފައިވާ ފަރާތްތަކުގެ މަދުކަމުން، ރަސްމީ ޑިއުޓީގެ އިތުރުންވެސް ގިނަ ވަގުތުތަކެއްގައި މަސައްކަތް ކުރައްވައިފައި ވެއެވެ. ރައްޔިތުންނަށް ބޭނުންވާނެ ޞިއްޙީ ޚިދުމަތް ވެވަޑައިގެންނެވި އެންމެ ރަނގަޅަށް އަދި އަވަހަށް ފޯރުކޮށްދެއްވުމަށް، ގިނަ ގޮންޖެހުންތަކާއެކުގައި ވެސް ޒަރީނާ ވަނީ މަސައްކަތް ކުރައްވައިފައެވެ.

ހުޅުދުއްފާރު ޞިއްޙީ މަރުކަޒުގައި، އެސިސްޓެންޓް ނަރސް ކަމާއި، ސީނިއަރ އެސިސްޓެންޓް ނަރސް ކަމާއި، ޕްރެކްޓިކަލް ނަރސްކަން އަދި މިހާރު އެންރޯލްޑް ނަރސްކަން ޒަރީނާ މުޙައްމަދު އަދާކުރައްވަމުން ގެންދަވަނީ، ތަނުން ލިބެންހުރި މަދު ވަސީލަތްތަކާއެކު، ވެވަޑައިގެންނެވި އެންމެ ފުރިހަމައަށް ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށްޓަކައެވެ.

ނ.އަތޮޅާއި، ރ.އަތޮޅާއި، ބ.އަތޮޅާއި، ޅ.އަތޮޅުގައި އެކިދުވަސްވަރު ހިންގުނު ޞިއްޙީ އެކިއެކި ހަރަކާތްތަކުގައި ޒަރީނާ މުޙައްމަދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ތަޖުރިބާ ހޯއްދަވައި، އެހެން ބައިވެރިންނާއެކު ތަޖުރިބާ ހިއްސާ ކުރައްވައިފައި ވެއެވެ. ބަލިމީހުންނަށް އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި، އަވަސް ފަރުވާ ދިނުމުގައްޔާއި، ޑޮކްޓަރުންގެ ލަފާގެ މަތިން ބަލިމީހުންނަށް ފަރުވާދިނުމުގެ ކަންކަން ރަނގަޅު ކުރެއްވުމަށް ޒަރީނާ ޚާއްޞަ ސަމާލުކަމެއް ދެއްވައެވެ. ހަމައެއާއެކު، އާދަޔާ ޚިލާފު ނުރައްކަލަކާ ކުރިމަތިނުވާ ހާލަތްތަކުގައި، މާބަނޑު މީހުން ވިއްސުމާއި، ދާނުގައި ތިބޭ ބަލިމީހުންގެ ހާލަތު، ކައިރިން ބައްލަވައި، އެމީހުންނަށް ބޭނުންވާނެ ޞިއްޙީ ފަރުވާ ފޯރުކޮށްދެއްވުމަކީ، ޒަރީނާ ޝައުޤުވެރިކަމާއެކު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކެވެ.

މީގެއިތުރުން، ރާއްޖެއަށް ޝިގެއްލާ ރޯގާގެ ބަލިމަޑުކަން ކުރިމަތިވި ދުވަސްވަރު، ރައްޔިތުންނަށް ފަރުވާދިނުމުގައި ޒަރީނާވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. ޓީ.ބީ. އަދި ކޯވިޑް-19 ފަދަ ނުރައްކާތެރި ބަލިތަކުގެ މީހުންނަށް ފަރުވާދެއްވުމަށް ބަލިމީހުންގެ ގާތުގައިވެސް މަސައްކަތް ކުރައްވައިފައި ވެއެވެ.

މައްސަލައެއް ޖެހިގެން މިހާތަނަށް ޒަރީނާއާ ސުވާލެއްވެސް ކުރައްވައިފައި ނުވާކަމާއި، ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއްވެސް ވަރަށް ފަރުވާތެރިކަމާއެކު، ތަނުގެ ހުރިހާ މުވައްޒަފުންނާ ގުޅިގެން ކުރައްވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

ޒަރީނާ މުޙައްމަދު، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 38 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.