އަލްފާޟިލް ސަޢީދު އިބްރާހީމް
ހިރި، ނ. މަނަދޫ

 ސަޢީދު އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕިޔޯނު ކަމުގެ ވަޒީފާގައި
28 އޮގަސްޓު 1983 ގައެވެ. މިހާރު ހުންނެވީ މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 38 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދެނަންބަރު ކާތިބުކަމާއި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ކާތިބުކަމާއި، ނ.އަތޮޅުއޮފީހުގެ ދެނަންބަރު ކާތިބުކަމާއި، ސީނިއަރ ކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓެރީކަމާއި، އަތޮޅުވެރިޔާގެ އެހީތެރިޔާކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަންވެސް ކުރެއްވިއެވެ. ސަޢީދު އިބްރާހީމް މިހާރު ހުންނެވީ، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައެވެ. އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމުގައި ސަޢީދު އިބްރާހީމް ހުންނެވިއިރު އަތޮޅު އޮފީސް ހިންގެވުމާ އެކިފަހަރުމަތިން ހަވާލުވެވަޑައިގެންފައިވެއެވެ.

ސަޢީދު އިބްރާހީމް ވަޒީފާ އަދާކުރައްވަން ފެށްޓެވިއިރު އޮފީހުގެ ލިޔެކިޔުންތައް ލިޔުއްވީ، އަތުންނެވެ. އޭގެފަހުން ޓައިޕްރައިޓަރު ބޭނުންކޮށްގެން ޓައިޕްކުރެއްވިއެވެ. އަދި މިހާރު އެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ކޮމްޕިއުޓަރުންނެވެ.

ނ.އަތޮޅުއޮފީހުގައި ސަޢީދު އިބްރާހީމް ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، ވޯކީޓޯކީ މެދުވެރިކޮށް އަތޮޅުގެ ރަށްރަށުން ފޮނުވާ މެސެޖުތައް ނެގުމަށްޓަކައި ވޯކީޓޯކީގެ އަޑުލިބޭ ހިސާބަށް ރަށުގެ އެކި ސަރަޙައްދުތަކަށް ވަޑައިގެން، އަތުން މެސެޖް ނޯޓް ކުރެއްވުމާއި، ރޭޑިޔޯ ޓެލެފޯން ސެޓް މެދުވެރިކޮށް، މާލެއާއި އެހެނިހެން އަތޮޅުތަކުން ފޮނުވާ މެސެޖުތައް ލިޔުއްވުންފަދަ މަސައްކަތްތައްވެސް ވަނީ ކުރައްވައިފައެވެ. ހަމައެހެންމެ، އަތޮޅުގެ ރަށްރަށުން ގޯތި ދިނުމާއި، ގޯތިގެދޮރާބެހޭ ގިނަ މަސައްކަތްތަކުގައި އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ވަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައްޔާއި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގައްޔާއި، ނ.އަތޮޅުއޮފީހުގައި ތަފާތު އެކިއެކި ދާއިރާތަކާބެހޭ ލިޔެކިޔުންތައް ލިޔެ ބެލެހެއްޓެވުމުގައި މިހާ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއިރު، މައްސަލައެއް ޖެހިގެން އެއްވެސްއިރެއްގައި ސަޢީދު އިބްރާހީމާ ސުވާލެއް ކުރައްވައިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ޖުމްހޫރީ 30 އާއި، މިނިވަން 50 އާ ގުޅިގެން ނ.އަތޮޅުގައި ބޭއްވުނު އެކި ހަރަކާތްތައް ހިންގެވުމުގައި ސަޢީދު އިބްރާހީމް އިސް ދައުރެއް އަދާކުރައްވައިފައިވެއެވެ. އަތޮޅު ފުޓްބޯޅަ މުބާރާތްތަކާއި، ބަށި މުބާރާތް ބާއްވަން ފެށްޓެވިއިރު، އެ މުބާރާތްތައް އިންތިޒާމު ކުރެއްވުމުގެ މަސައްކަތުގައި އަތޮޅުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. އަދި އަތޮޅު ޤުރްއާން މުބާރާތްތައް އަތޮޅުގައި ބޭއްވުމުގައިވެސް އިސް ދައުރެއް ސަޢީދު އިބްރާހީމް އަދާކުރައްވައިފައިވެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި، އަތޮޅުއޮފީސްތައް ކައުންސިލްތަކަށް ބަދަލުވެ، އެންމެ ފުރަތަމަ އިންތިޚާބު ކުރެވުނު ކައުންސިލަރުން ހުވާކުރެއްވުމުގެ އިންތިޒާމުތައް ކުރެއްވުމުގައްޔާއި، އެކަމާ ގުޅޭ އެހެނިހެން ކަންކަން ރާވައި ހިންގުމުގައިވެސް، ސަޢީދު އިސް ދައުރެއް އަދާކުރެއްވިއެވެ.

ސަޢީދު އިބްރާހީމަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. އެގޮތުން، އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ތަމްރީނު ދެއްވުމާއި، ރަށްރަށުގެ ރަށުއޮފީސްތަކާއި، ރަށު ކައުންސިލްތަކުގެ ކަންކަން ހިންގުމުގައި އެހީތެރިވެދެއްވުމާއި، މަސައްކަތުގެ ތަޖުރިބާ ހޯދުމަށް އޮފީހަށް އަންނަ ދަރިވަރުންނަށްވެސް ކަންކަން ކުރަންވީގޮތާއި، ކަންކަން ހިނގަމުންދާގޮތް އޮޅުންފިލުއްވައި ދެއްވައިފައި ވެއެވެ.