އަލްފާޟިލް އަޙްމަދު ޙަސަން
ހ.ޝެލްފްލާވަރ

އަޙްމަދު ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ ވަގުތީ އެޕްރެންޓިސްއެއްގެ ގޮތުން 11 މާރިޗު 1979 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 38 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މެކޭނިކް ކަމާއި، ސުޕަވައިޒަރު ކަމާއި، އެސިސްޓެންޓް އިންޖިނިއަރ އަދި އިންޖިނިއަރ ކަމުގެ ވަޒީފާވެސް އަދާކުރެއްވިއެވެ.

އަޙްމަދު ޙަސަން، ސްޓެލްކޯގެ ޚިދުމަތުގައި މިވީ 38 އަހަރު ދުވަހުގެ ތެރޭގައި، މުއައްސަސާގެ ހިންގުމުގެ ގަވާއިދުތައް އެކުލަވައިލުމުގެ މަސައްކަތް ފެށިއިރު، އެ މަސައްކަތްތައް ރާވައި ހިންގުމަށްޓަކައި އެކުލަވައިލެވުނު ކޮމިޓީގައި ވަރަށް ހީވާގިކަމާއެކު، އިސްނަންގަވައިގެން މަސައްކަތް ކުރެއްވިއެވެ. އަދި އޭރު ކުރެވުނު މުއައްސަސާގެ އެންމެ ޚާއްޞަ އެއް މަސައްކަތް ކަމަށްވާ އައްޑޫގައި އިނގިރޭސީން ތިބި ދުވަސްވަރު، ކަނޑުތެރޭގައި އަޅައިފައިވާ ކަރަންޓް ކޭބަލް ނެގުމާއި، ހިތަދުއަށް ކަރަންޓު ދިނުމުގެ މަސައްކަތުގައި ޢަމަލީގޮތުން އިސްނަންގަވައިގެން ބައިވެރިވެވަޑައިގެން، ފަރުވާތެރިކަމާއެކު، ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމަވައިލެއްވިއެވެ.

ސްޓެލްކޯއިން ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން 6 ރަށެއްގައި، އަޙްމަދު ޙަސަން އިސްކޮށް ހުންނަވައިގެން، 12,414 މީޓަރުގެ ކަރަންޓު ކޭބަލް ވިއުގައެއް ވަނީ ޤާއިމުކުރައްވައި އަޕްގްރޭޑް ކުރައްވައިފައެވެ. އަދި ހދ.ކުޅުދުއްފުށީގައި ސްޓެލްކޯގެ ފަރާތުން 1988 ވަނަ އަހަރު ބެހެއްޓުނު 80 ކިލޯ ވޮޓުގެ 3 ޖަނަރޭޓަރު ބަހައްޓައި އިންސްޓޯލް ކޮށްދިނުމާއި، ހދ.ހަނިމާދޫގައި ސްޓެލްކޯގެ ފަރާތުން 1993 ވަނަ އަހަރު ބެހެއްޓުނު 80 ކިލޯ ވޮޓުގެ 3 ޖަނަރޭޓަރު ބަހައްޓައި އިންސްޓޯލް ކުރުމުގެ މަސައްކަތް އަޙްމަދު ޙަސަން އިސްވެ ހުންނަވައި ކުރައްވައިފައިވެއެވެ.

ލިބިވަޑައިގެންފައިވާ ތަޖުރިބާއާއި، މަސައްކަތުގެ މާޙައުލުން ދަސްކުރައްވައިފައިވާ ކަންކަން، އިސްނަންގަވައިގެން އެހެން މުވައްޒަފުންނަށް ދަސްކޮށްދެއްވުމުގައި އަޙްމަދު ޙަސަނަކީ، ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. މީގެތެރެއިންވެސް ޚާއްޞަކޮށް، ޓެކްނިކަލް ކަންކަން ކުރާނެ ރަނގަޅު ގޮތްތަކާއި، އެކަން ކުރާއިރު، ކުރާ ފަރާތުގެ ސަލާމަތީ ކަންކަން ހުންނަންޖެހޭ ސްޓޭންޑަޑް އަދި ބެސްޓް ޕްރެކްޓިސްތައް، މުވައްޒަފުންނަށް އޮޅުންފިލުއްވައި ދެއްވައެވެ. އެގޮތުން، ރައްކާތެރިކަމާއެކު އެކިކަހަލަ ވެލްޑިންގ ކުރާނެ ގޮތްތައް ވަނީ މުވައްޒަފުންނަށް ދަސްކޮށްދެއްވައިފައެވެ.

1421 ވަނަ އަހަރު ޓީ.ވީ. މޯލްޑިވްސް އިން ބޭއްވި އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި ސްޓެލްކޯއިން ހުށަހެޅި "ހުޅުކޮޅު" މި ޑްރާމާގައި އަޙްމަދު ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޑްރާމާ ކުޅުމުގެ އެންމެހައި ކަންކަމުގައި އަޙްމަދު ޙަސަންގެ ހިއްސާ ވަރަށްބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ. މީގެއިތުރުންވެސް، ކުންފުނިން ބައިވެރިވާ އެހެނިހެން ކަންކަމުގައިވެސް އަޙްމަދު ޙަސަން ޢަމަލީގޮތުން މުހިންމު ދައުރެއް އަދާކުރައްވައެވެ. އަޙްމަދު ޙަސަން ފާހަގަކުރެވިފައިވަނީ، މަސައްކަތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ފަރުވާތެރިކަމާއެކު މަސައްކަތް ކުރައްވާ ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ.