ސާރޖަންޓް ފަސްޓް ކްލާސް ޒުހައިރު ޢަބްދުﷲ
ދަފްތަރު. ނަންބަރު ރސ 1942، މާލެ

ސާރޖަންޓް ފަސްޓް ކްލާސް ޒުހައިރު ޢަބްދުﷲ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި، ޕްރައިވެޓެއްގެ ރޭންކްގައި 25 ޑިސެންބަރު 1983 ގައެވެ. ދިވެހި ޢަސްކަރިއްޔާގައި 38 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޒުހައިރު ޢަބްދުﷲ ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސާރޖަންޓް ފަސްޓް ކްލާހުގެ ރޭންކުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓްގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައިވެއެވެ.

ސާރޖަންޓް ފަސްޓް ކްލާސް ޒުހައިރު ޢަބްދުﷲ، ދިވެހި ޢަސްކަރިއްޔާއާ ގުޅިވަޑައިގެންނެވުމަށްފަހު، އެންމެ ފުރަތަމަ މަސައްކަތައް ކުރެއްވީ، ޑިއުޓީ ސެކްޝަންގައެވެ. އޭގެފަހުން، އެމް.އެން.ޑީ.އެފް. ކޯސްޓްގާޑްގައްޔާއި، ޓާސްކްފޯސްގައްޔާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސް.ޕީ.ޖީ.) ކުއިކް ރިއެކްޝަން ފޯސް 1 ގައްޔާއި، ކުއިކް ރިއެކްޝަން ފޯސް 2 ގައްޔާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީ.އެމް.އީ.) ގައި މަސައްކަތް ކުރައްވައިފައި ވެއެވެ.

ސާރޖަންޓް ފަސްޓް ކްލާސް ޒުހައިރު ޢަބްދުﷲ ކުރައްވައިފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ 1988 ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއާ ގުޅިގެން ކުރެއްވި ޤައުމީ ޖިހާދެވެ. އެ ދުވަހު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މައި މަރުކަޒުގައި ހުންނަވައިގެން، އެ މަރުކަޒު ދިފާޢު ކުރެއްވުމަށް ހިތްވަރާއި ޢަޒުމާއެކު މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ޒުހައިރަކީ، ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

މީގެއިތުރުން، މާލޭގެ ބިން ހިއްކުމުގެ މަޝްރޫޢަށް ވެލި ހަދިޔާ ކުރުމަށް ސިފައިން ކުރި މަސައްކަތުގައްޔާއި، ހއ.ކެލާގައި ދިވެހި ސިފައިން ޤާއިމުކުރި ރާޑަރ ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތުގައްޔާއި، މާލެއަށް ބޮޑުރާޅުއެރި ހާދިސާއާ ގުޅިގެން ކުރި މަސައްކަތުގައްޔާއި، މާލޭގެ މަގުތައް ހެދުމަށް އަކިރި ހަދިޔާ ކުރުމަށް ކުރި މަސައްކަތުގައި ޢަމަލީގޮތުން ޒުހައިރު ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ސުނާމީ ކާރިސާގައްޔާއި މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައްޔާއި، އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާރކް ސަމިޓަށް ތައްޔާރުވުމަށް ކުރި މަސައްކަތުގައި ވަރަށް ހީވާގިކަމާއެކު ޚިދުމަތްކޮށްދެއްވައިފައި ވެއެވެ. މީގެ އިތުރުން، ކުރީގެ ސަލްޓަންޕާކް ތަރައްޤީކޮށް ރަސްރަނި ބަގީޗާގެ ނަމުގައި ހުޅުވުމަށްޓަކައި ސިފައިން ކުރެއްވި ބުރަ މަސައްކަތްތަކުގައިވެސް ޒުހައިރު ޢަބްދުﷲ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ސާރޖަންޓް ފަސްޓް ކްލާސް ޒުހައިރު ޢަބްދުﷲ، ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 5 ކުލައާއި، 5 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ ކުލަތަކުގެ ތެރޭގައި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، އަދި އަޚްލާޤީ ކުލަ ހިމެނެއެވެ. އަޚްލާޤީ ކުލަ 3 ފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، 3 ނޮވެންބަރުގެ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17 ވަނަ ސާރކް ސަމިޓްގެ މެޑެއްޔާއި، މިނިވަން 50ގެ މެޑެލް އަދި ޖުމްހޫރީ 50ގެ މެޑެލް ހިމެނެއެވެ.