އަލްފާޟިލް ޙާމިދު ޢަބްދުލްޙަކީމް
ޒަމީން ރ. ހުޅުދުއްފާރު

ޙާމިދު ޢަބްދުލްޙަކީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 17 ފެބުރުވަރީ 1983 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ރ.އުނގުލު އޮފީހުގެ ކާތިބު ކަމުގެ ވަޒީފާއެވެ. އޭގެފަހުން، ސީނިއަރ ކްލާކްކަމާއި، ރ.ހުޅުދުއްފާރު އޮފީހުގެ ސީނިއަރ ކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓެރީކަމާއި، ސެކްރެޓެރީކަން ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ހުޅުދުއްފާރު ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަންވެސް ކުރައްވައިފައި ވެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި، ޙާމިދު ޢަބްދުލްޙަކީމް ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މުވައްޒަފުންގެ ހާޒިރީއާބެހޭ އެންމެހައި ކަންކަން ބެލެހެއްޓެވުމާއި، އޮފީހުގެ އިންވެންޓްރީ ބެލެހެއްޓެވުމާއި، އޮފީހަށް ލިބޭ މެސެޖުތައް ނެންގެވުމާއި، އޮފީހުން ފޮނުވާ މެސެޖުތައް ފޮނުއްވުމާއި، އެ މެސެޖުތައް ލިޔުއްވައި ބެލެހެއްޓެވުމުގެ މަސައްކަތް ހިމެނެއެވެ. އަދި ހުޅުދުއްފާރު އޮފީހުގެ ފައިސާއާބެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންނަށް މުސާރަ ދިނުމުގެ އެންމެހައި ކަންކަންވެސް ބަލަހައްޓަވައިފައި ވެއެވެ. ހުޅުދުއްފާރު އޮފީސް "ހުޅުދުއްފާރު ކައުންސިލް" އަށް ބަދަލުވިފަހުން ޕްރޮކިއުމަންޓްގެ އެންމެހައި މަސައްކަތްތަކާއި، އުފަންވާ ކުދިންނާއި މަރުވާ ކުދިންނާއި މީހުންގެ ރަޖިސްޓަރީ ބެލެހެއްޓެވުމާއި، އުފަންދުވަހުގެ ރަޖިސްޓަރީ ލިޔެ ބެލެހެއްޓެވުމާއި، އިދާރާއިން ފޮނުވާ އެންމެހައި ރިޕޯޓުތައް ހައްދަވައި ފޮނުއްވުމާއި، ސަރުކާރުގެ ތަފާތު ޢިނާޔަތްތައް ލިބިދޭންޖެހޭ މީހުންގެ ރެކޯޑު ބަލަހައްޓަވައި، އެހީއާއި ޢިނާޔަތުގެ ކަންތައް ހަމަޖައްސަވައިދެއްވުމާއި، ސްޓޮކް ބެލެހެއްޓެވުމުގެ މަސައްކަތްވެސް ޙާމިދު ކުރައްވަމުން ގެންދަވައެވެ.

ޙާމިދު ޢަބްދުލްޙަކީމަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. މިގޮތުން، އޮފީހަށް ދިމާވާ އެކި ކަންކަމުގައި މުވައްޒަފުންނާ ގުޅިގެން ކަންކަން ރާއްވަވައި ހިންގަވަމުން ގެންދަވައެވެ. އަދި އެކި މައްސަލަތަކުގައި ޚިޔާލާއި މަޝްވަރާ ދެއްވައި، އެ މައްސަލަތަކަށް ޙައްލު ހޯއްދަވައި ދެއްވުމުގައި އެހީތެރިކަން ދެއްވަމުންވެސް ގެންދަވައެވެ.

ޙާމިދު ޢަބްދުލްޙަކީމް، ދައުލަތަށް ޚިދުމަތްކުރައްވަމުން ގެންދަވާތާ މިހާރު 38 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. މިހާރު ހުންނެވީ، ހުޅުދުއްފާރު ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރުކަމުގެ މަގާމުގައެވެ.