އަލްފާޟިލް އަޙްމަދު މުޙައްމަދު
ދަފްތަރު ނަންބަރު. ރސ 1681، މާލެ

އަޙްމަދު މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، 30 ޖޫން 1983 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގެ މިސްކިތު މަސައްކަތު މީހެއްގެ ވަޒީފާއެވެ. އަޙްމަދު މުޙައްމަދު އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ، ސޯސަންމަގުގައި އޭރު ހުރި މިއަލަނި މިސްކިތުގައެވެ. މިއަދާ ހަމައަށް ޖުމުލަ 12 މިސްކިތެއްގައި އަޙްމަދު މުޙައްމަދު މަސައްކަތް ކުރައްވައިފައިވެއެވެ. އަޙްމަދު މުޙައްމަދު މަސައްކަތްކުރެއްވި މިސްކިތްތަކުގެ ތެރޭގައި، މަސްޖިދު އިބްރާހީމް އިސްކަންދަރު، މަސްޖިދު ޞަލާޙުއްދީން، މަސްޖިދު ޔޫސުފުލްބަރްބަރީ، މާލޭ ހުކުރު މިސްކިތް، މަސްޖިދު އިބްރާހީމް، މަސްޖިދުއްނޫރު، ދަރުމަވަންތަ މިސްކިތް، މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން، ޢީދު މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުނުފާނުލްއަޢުޡަމް ހިމެނެއެވެ. އަޙްމަދު މުޙައްމަދު މިހާރު ހުންނެވީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބަލަހައްޓަވަމުން ގެންދަވާ މަސްޖިދު މަލިކި ސަލްމާންގެ މަސައްކަތު މީހެއްގެ ވަޒީފާގައެވެ.

މެދުނުކެނޑި ދައުލަތުގެ ޚިދުމަތުގައި އަޙްމަދު މުޙައްމަދު، 39 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާއިރު، މި ވޭތުވެދިޔަ ދިގު މުއްދަތުގައި ހަމައެކަނި އަދާކުރެއްވީ، މިސްކިތު މަސައްކަތު މީހެއްގެ ވަޒީފާއެވެ. މިއީ، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ. މިސްކިތްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، ނަމާދު ވަގުތަށް ތައްޔާރުވުމުގެ ގޮތުން މިސްކިތުގައި ކުރަންޖެހޭކަންކަން ކުރެއްވުމުގައި އަޙްމަދު މުޙައްމަދަކީ ނަމޫނާ ބޭފުޅެކެވެ. މިސްކިތެއް ކަމަށްވިޔަސް އެތަން ސާފުކޮށް ރީތިކޮށް އަބަދުވެސް ބޭއްވުމުގައި މިސްކިތް ބަލަހައްޓާ މީހާގެ ދައުރަކީ މިފަދަ ފުރުޞަތެއްގައި ހަނދާންކޮށްލަންޖެހޭ ދައުރެކެވެ.

އަޙްމަދު މުޙައްމަދަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވަމުންވެސް ގެންދަވައެވެ. މިގޮތުން އެދުވަސްވަރަކު އަޙްމަދު މުޙައްމަދު މަސައްކަތް ކުރައްވާ މިސްކިތާ އަލަށް ގުޅޭ މުވައްޒަފުންނަށް މިސްކިތް ސާފުކުރުމުގެ ކަންކަން ހަމަޖެހިފައި އޮންނަގޮތާއި މަސައްކަތް ކުރަންވީގޮތް އޮޅުންފިލުއްވައި ދެއްވައެވެ.

ދައުލަތަށް ޚިދުމަތްކުރުމުގައި މިސްކިތު މަސައްކަތު މީހެއްގެ ވަޒީފާގައި މިހާގިނަ ދުވަސް އަޙްމަދު މުޙައްމަދު ހޭދަކުރެއްވުމަކީ، ދީނަށާއި ޤައުމަށް ޚިދުމަތްކުރެއްވުމުގައި ދައްކަވައިފައިވާ އަދި ދައްކަވަމުން ގެންދަވާ ލާމަސީލު ނަމޫނާއެއްކަމާމެދަކު ޝައްކެއްނެތެވެ.