އަލްފާޟިލް މުޙައްމަދު ޢާޞިފް
ހ.އިރުވައި

މުޙައްމަދު ޢާޞިފް، ދިވެހި ދައުލަތަށް ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވީ، ޓެލެވިޜަން މޯލްޑިވްސްގައި 29 މޭ 1978 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޓެލެވިޜަން މޯލްޑިވްސްގެ ކެމެރާމަންގެ ވަޒީފާއެވެ. އޭގެފަހުން، އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސަޕްލައި އެސިސްޓެންޓް ކަމާއި، ޓީ.ވީ.އެމް.ގެ ސްޓޫޑިއޯ ޓެކްނީޝަން ކަމާއި، ޓްރާންސްމިޓިންގ ޓެކްނީޝަން ކަމާއި، ޕްރޮޑަކްޝަން ޓެކްނީޝަން ކަމާއި، ސީނިއަރ ޕްރޮޑަކްޝަން ޓެކްނީޝަން ކަމާއި، ސީނިއަރ ބްރޯޑްކާސްޓިންގ ޓެކްނީޝަންކަން ކުރެއްވިއެވެ.

މުޙައްމަދު ޢާޞިފް، ޓެލެވިޜަން މޯލްޑިވްސްގައި ދެފަހަރެއްގެ މަތީން 18 އަހަރަށްވުރެ ގިނަދުވަހު، ޚިދުމަތް ކުރެއްވިއެވެ. އެތާނގެ ކެމެރާމަނެއްގެ ވަޒީފާގައި ހުންނެވިއިރު ކެމެރާ ކުރައްވައިގެން، އުފެއްދުންތައް އުފެއްދެވުމުގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯއްދަވައި، ޓެކްނިކަލް ދާއިރާގައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައިވެއެވެ. އެ ދުވަސްވަރަކީ، މުވައްޒަފުން މަދު ދުވަސްވަރަކަށްވެފައި، ޓެކްނީޝަނުންގެ ވަޒީފާއަކީ ހުރިހާ ކަމެއްވެސް ކުރަންޖެހޭ ވަޒީފާއަކަށް ވުމާއެކު، ޓީ.ވީ.އެމް.ގެ ތަފާތު ޕުރޮގުރާމުތައް ގެނެސް ދެއްވުމުގައި ޢާޞިފްގެ ހިއްސާ ވަރަށްބޮޑުކަން ފާހަގަކޮށްލަން ޖެހެއެވެ. އެދުވަސްވަރު ޢާޞިފްގެ ބައެއް ވީޑިއޯ ލަވަތައްވެސް ޓީ.ވީ. މޯލްޑިވްސްއިން ދުރަށް ދައްކައިފައި ވެއެވެ.

އޭގެ ފަހުން، ޢާޞިފް ޚިދުމަތް ކުރެއްވީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގައެވެ. އެ މިނިސްޓްރީގެ އަތޮޅުވެރިޔާގެ ބަދަލު ކަމުގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމު ފުރުއްވިއެވެ. އަތޮޅުވެރިޔާގެ ބަދަލުގެ މަގާމުގައި، ތަފާތު 10 އަތޮޅެއްގައި (ހދ، ށ، ނ، ޅ، އއ، އދ، ވ، ތ، ލ އަދި ސ.އަތޮޅުގައި) އިޚުލާޞްތެރިކަމާއެކު ޢާޞިފް ޚިދުމަތް ކުރައްވައިފައިވެއެވެ. އަތޮޅުތަކުގައި ކުރެވުނު ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، އެ އަތޮޅެއްގެ ތަރައްޤީއަށް އޭރު ހިންގަމުން ގެންދިޔަ ތަރައްޤީގެ ގިނަ ކަންކަން ހިންގެވުމުގައި ބައިވެރިވެވަޑައިގެން، ތަރައްޤީގެ މަޝްރުޢޫތައް ހިންގަވައި ނިންމެވުމުގައި މުހިންމު ހިއްސާއެއް ޢާޞިފް އަދާކުރެއްވިއެވެ. އެކިއެކި ކޮމިޓީތަކުގެ ބައްދަލުވުންތައް ވިލަރެސްކޮށް ބެލެހެއްޓެވުމާއި، އަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ ހާލުއަހުވާލު ބެއްލެވުމަށްޓަކައި ގަވާއިދުން އެ ރަށްރަށަށް ދަތުރު ކުރެއްވުން ފަދަ މުހިންމު މަސައްކަތްތައް ޢާޞިފް ކުރައްވައިފައިވެއެވެ. އަދި ރަށްރަށުގެ ރައްޔިތުން ކަންބޮޑުވާ ކަންތައްތައް ގާތުން ބައްލަވައި، އެކަންކަން ޙައްލުކުރެއްވުމަށް ޢަމަލީގޮތުން ޢާޞިފް މަސައްކަތް ކުރައްވައިފައިވެއެވެ.

ޢާޞިފް ވަނީ ކޮމިޝަނަރ އޮފް އިލެކްޝަންސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް ފުރުއްވައިފައެވެ. ކޮންމެ އިންތިޚާބަކަށް އިޢުލާނު ކުރުމާއެކު އެކުލަވައިލާ ޓާސްކު ފޯހުގައި، 1997 ން ފެށިގެން ޢާޞިފް މަސައްކަތް ކުރައްވަމުން ގެންދަވައިފައިވެއެވެ. މިގޮތުން، އިންތިޚާބުތަކުގެ ލޮޖިސްޓިކްސް މަސައްކަތުގައި ވޯޓުލާ މަރުކަޒުތައް ތައްޔާރުކުރުމާއި، އެ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ތައްޔާރުކުރުވުމާއި، އެ ތަކެއްޗާއި، އޮފިޝަލުން ވޯޓުލާ މަރުކަޒުތަކަށް ފޮނުވުމާއި، އޮފިޝަލުން ގެނައުމާއި، ވޯޓު ގުނުމުގެ މަސައްކަތް އިންތިޒާމް ކުރުން ފަދަ އިންތިޚާބާ ގުޅޭ މަސައްކަތްތަކުގައި، ތެދުވެރިކަމާއެކު އިޚުލާޞްތެރި މަސައްކަތްތަކެއް ޢާޞިފް ކުރައްވައިފައިވެއެވެ.

ޢާޞިފް މިހާރު ހުންނެވީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ މަގާމުގައެވެ. ދެފަހަރެއްގެ މަތިން ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 39 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.