އަލްއުސްތާޛު އަޙްމަދު މުޙައްމަދު
މ. އަރިމަތީގެ

އަލްއުސްތާޛު އަޙްމަދު މުޙައްމަދު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މާލޭ މުނިސިޕަލްޓީގެ ދެނަންބަރު ކާތިބު ކަމުގެ ވަޒީފާގައި 24 މޭ 1983 ގައެވެ. މެދުނުކެނޑި 39 އަހަރަށްވުރެ ދިގު މުއްދަތަކަށް ވަޒީފާ އަދާކުރައްވައިފައި ވެއެވެ. ޝަރުޢީ ދާއިރާގެ މަސައްކަތާ ގުޅިވަޑައިގަތީ 1989 ވަނަ އަހަރު، ކޯޓު ނަންބަރު 8ގެ ސެކްރެޓެރީކަމަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ. މިހާރު ހުންނެވީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރުގެ މަގާމުގައެވެ.

6 ފެބުރުވަރީ 2022 ން ފެށިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ އެކްޓިންގ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތު އަދާކުރައްވަނީވެސް އަޙްމަދު މުޙައްމަދެވެ. ޝަރުޢީ ދާއިރާގައި، ވޭތުވެދިޔަ 33 އަހަރު ދުވަހުގެ ތެރޭގައި އަދާކުރެއްވި އެހެން ވަޒީފާތަކުގެ ތެރޭގައި، މަދަނީ ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރުކަމާއި، ސިވިލް ކޯޓުގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި، މޯލްޑިވްސް ޖުޑީޝަލް އެކެޑަމީގެ ޑިރެކްޓަރު ކަމާއި، ޝަރުޢީ ދާއިރާގެ ބައެއް ކޯޓުތަކާއި އިދާރާތަކުގެ އެހެނިހެން ވަޒީފާތައް ހިމެނެއެވެ.

މިނިވަން 50އާ ގުޅިގެން ޖުޑީޝަރީގެ ފުޅަނދުތައް ތައްޔާރުކުރުމުގައި އަޙްމަދު މުޙައްމަދު އިސްކޮށް ހަރަކާތްތެރިވެވަޑައިގަތެވެ. އަދި ޖުޑީޝަލް އެކެޑަމީ، މުއައްސަސާއެއްގެ ގޮތުގައި ބިނާކުރުމުގައި އިސް ދައުރެއް އަދާކުރައްވައި، އެތާނގެ ހަތަރު ކޮންފަރެންސެއްގައި ޕުރޮގުރާމް ކޯޑިނޭޓަރެއްގެ ދައުރު އަދާކުރެއްވިއެވެ. އަޙްމަދު މުޙައްމަދު ކުރައްވައިފައިވާ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި، 2015 ވަނަ އަހަރު ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ލިވިންގ އެލަވަންސް ހަމަޖެހިގެންދިޔައިރު، އެކަން ކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ އެލަވަންސްތަކާއި އުޖޫރަތަކާބެހޭ މުރާޖަޢާއެއް ހައްދަވައި، ލިވިންގ އެލަވަންސް ދިނުމާބެހޭ ޕްލޭންތައް ހެއްދެވުމާއި، ސެކްޝަންގެ ހެޑްގެ ގޮތުގައި ހުންނަވައިގެން ދިގު މުއްދަތެއްގައި ޝަރުޢީ ދާއިރާގެ ކޯޓުތަކާއި، އެހެން އިދާރާތަކުގައި، އިދާރީ އަދި ފައިސާއާބެހޭ އެކިއެކި މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހިއުމަން ރިސޯސަސް ކޮމިޓީގެ ނައިބު ރައީސް ކަމާއި، ފައިނޭންސް ކޮމިޓީގެ ރައީސްކަން އަޙްމަދު މުޙައްމަދު ކުރެއްވިއެވެ. އެ ޑިޕާޓްމަންޓްގެ މުރާޖަޢާ ކޮމިޓީގެ ނައިބު ރައީސް ކަމުގައި މިހާރު ހުންނެވީވެސް އަޙްމަދު މުޙައްމަދެވެ.

އަޙްމަދު މުޙައްމަދަކީ، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީއާއި މާސްޓަރޒް ޑިގްރީ ނިންމަވައި، ދިވެހިރާއްޖޭގެ ބާ ކައުންސިލުން ހިންގި ސްޕެޝަލް ލައިސެންސިންގ ޓްރޭނިންގ ޕުރޮގުރާމް ފުރިހަމަކުރައްވައިފައިވާ ޤާނޫނީ ވަކީލެކެވެ.

އަޙްމަދު މުޙައްމަދަކީ، ފަރުވާތެރިކަމާއި ނަޒާހަތްތެރިކަމާއެކު އަދި އިޚުލާޞްތެރިކަމާއި ތަޚްޞީޞާއެކު މަސައްކަތް ކުރައްވާ ނަމޫނާ މުވައްޒަފެކެވެ.

ވަޒީފާގެ މަސައްކަތުގައި ކުރައްވާ ކަންކަމާއި، ނިންމަވާ ނިންމެވުންތަކުގައި އަބަދުވެސް ޤާނޫނާއި ގަވާއިދާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށްހިއްތަވައި، އިދާރާއާއި މުވައްޒަފުންގެ ކުރިއެރުމަށް ސަމާލުކަން ދެއްވައި، އަދި މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.