އަލްފާޟިލާ ރަޙްމާ ޢަޤީލް
މއ. މާވެލަވަރު

ރަޙްމާ ޢަޤީލް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އަމީނިއްޔާ ސްކޫލްގެ އެސިސްޓެންޓް ޓީޗަރެއްގެ މަގާމުން 22 ސެޕްޓެންބަރު 1976 ގައެވެ. އުމުރުން 55 އަހަރު ވެގެން 11 މޭ 2016 ގައި ވަޒީފާއިން ރިޓަޔަރ ކުރައްވަންދެން ހުންނެވީ އަމީނިއްޔާ ސްކޫލްގެ ވަޒީފާގައެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ގްރެޖުއޭޓް ލީޑިންގ ޓީޗަރ ކަމުގެ މަގާމުގައެވެ.

ސަރުކާރުގެ ޚިދުމަތުގައި ހޭދަކުރެއްވި 39 އަހަރު ދުވަހުގެ ދިގު މުއްދަތުގެ ތެރޭގައި ފުރުއްވި މަގާމުތަކުގެ ތެރޭގައި، އަމީނިއްޔާ ސްކޫލްގެ އެސިސްޓެންޓް ޓީޗަރު ކަމާއި، ޕްރައިމަރީ ޓީޗަރު ކަމާއި، އެސިސްޓެންޓް ސުޕަވައިޒަރު ކަމާއި، ސުޕަވައިޒަރުކަން ހިމެނެއެވެ.

ރަޙްމާ ޢަޤީލަކީ، އަމީނިއްޔާ ސްކޫލްގައި ޚިދުމަތް ކުރެއްވިއިރު، ވަރަށް ޒިންމާދާރުކަމާއެކު މަސްއޫލިއްޔަތުތައް އަދާކުރެއްވި ބޭފުޅެކެވެ. އަދި ހަވާލުކުރެއްވި ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއެކު ވަނީ ކުރައްވައިފައެވެ. މި ދިގު މުއްދަތުގައި ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ އެއްކަމަކީ، ދުވަހަކުވެސް ގަޑިޖެހިގެން ސްކޫލަށް ވަޑައިގެންފައި ނެތުމެވެ.

ލީޑިންގ ޓީޗަރެއްގެ މަގާމުގައި ރަޙްމާ ޢަޤީލް ޚިދުމަތް ކުރެއްވިއިރު، އަމީނިއްޔާ ސްކޫލްގެ އިންގްލިޝް ޑިޕާޓްމަންޓް ބަލަހައްޓަވައިފައި ވެއެވެ. އަދި "ދަސްވާރު" ޕުރޮގުރާމު (ބީޓެކް) ހިންގަވައި ދެއްވުމާއި، ސްކޫލްގެ އިނގިރޭސި ޖަމުޢިއްޔާ "އިންގްލިޝް ލިޓްރަރީ އެސޯސިއޭޝަން" ހިންގެވުމާއި، ސްކޫލްގައި އުފެދިފައިވާ އެކިއެކި ކުލަބުތަކާއި ގާރލްގައިޑް ހަރަކާތްތައް ހިންގެވުމުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން، ސްކޫލްގައި ކޮންމެ އަހަރަކު ބާއްވާ އަހަރީ އިނާމު ދިނުމުގެ ޖަލްސާ އިންތިޒާމު ކުރައްވައި، އެ ޖަލްސާގެ އެންމެހައި ކަންކަމުގައި ވަރަށްބޮޑު އެހީތެރިކަމެއް ދެއްވައިފައި ވެއެވެ.

އަމީނިއްޔާ ސްކޫލްގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ރަޙްމާ ޢަޤީލަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން ޓީޗަރުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، ސްކޫލްގައި ހިންގާ އެކިއެކި އިތުރު ހަރަކާތްތަކާއި، ސްކޫލުން ފާހަގަކުރާ ޚާއްޞަ ދުވަސްތަކުގައި އިސް ދައުރެއް އަދާކުރައްވައި، ޢަމަލީގޮތުން އެކަންކަމުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. ރަޙްމާ ޢަޤީލަކީ، ދަރިވަރުންގެ މެދުގައި މަޤްބޫލު އަދި ދަރިވަރުންގެ ކުރިއެރުމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައި، ދަރިވަރުންނާއި މުދައްރިސުންގެ އިޙްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ، ވަރަށް ހަރުދަނާ އަދި ނަމޫނާ މުދައްރިސެކެވެ.