އަލްފާޟިލް އިބްރާހީމް ޚަލީލް
މައުގަޑިގެ، ސ.ހިތަދޫ

އިބްރާހީމް ޚަލީލް، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަންގެ އިންޖިނިއަރެއްގެ ވަޒީފާގައި، 16 ސެޕްޓެންބަރު 1980 ގައެވެ. އުމުރުން 65 އަހަރުވެގެން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މިފްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓްގެ އިންޖިނިއަރެއްގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 39 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި، މައިގަނޑު ގޮތެއްގައި ކުރެއްވީ، އިންޖިނިއަރިންގ ދާއިރާގެ މަސައްކަތެވެ.

ސަރުކާރުގެ މަސްވެރިކަމުގެ ޕްރޮޖެކްޓް، "މޯލްޑިވްސް ފިޝްވެލްތު އެކްސްޕްލޮއިޓޭޝަން ޕްރޮޖެކްޓު"ގެ ދަށުން ބަނދެވުނު ރަންދި ބޯޓުފަހަރުގެ ރެފްރިޖަރޭޝަން ސިސްޓަމްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިބްރާހީމް ޚަލީލްގެ ބެއްލެވުމުގެ ދަށުންނެވެ. އަދި އެ ޕްރޮޖެކްޓުގެ ދަށުން ބަނދެވުނު ކަލަމިންޖާ ބޯޓުތަކުން މަސްގަނެ ފްރީޒް ކުރުމާއި، މަސް ބަރުކޮށްގެން ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރުމުގައި ޢަމަލީގޮތުން އިސް ދައުރެއް އަދާކުރައްވައިފައިވެއެވެ. ހަމަ އެހެންމެ، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ ދެވަނަ އަޕްގްރޭޑިންގ މަސައްކަތުގައިވެސް ޚަލީލް އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. މިފްކޯގެ ބެލުމުގެ ދަށުން ހިންގި މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ޤާއިމުކުރެވުނުއިރު، އެތަނުގެ މަސައްކަތްތަކާއި، ކަނޑުއޮތްގިރި ފިޝް ވިލެޖް ޤާއިމުކުރެވުނުއިރު، އެތަނުގެ މަސައްކަތް ޚަލީލްވަނީ ކުރައްވައިފައެވެ. އަދި އައްޑޫގައި، އައިސް ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތްވެސް ޚަލީލް ވަނީ ކުރައްވައިފައެވެ. މީގެ އިތުރުން، އެ ކުންފުނީގެ މަދަރ ބޯޓްފަހަރުގެ ޗީފް އިންޖިނިއަރުގެ މަގާމު ވަރަށް ފަރުވާތެރިކަމާއެކު އަދާކުރެއްވިއެވެ. ހަމަ އެހެންމެ، ހުޅުމީދޫގައި ޤާއިމުކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޕްރޮޖެކްޓްމެނޭޖަރުގެ ހައިސިއްޔަތުން އެތަނުގެ މަސައްކަތްތައްވެސް ޚަލީލް ވަނީ ވަރަށް ފަރުވާތެރިކަމާއެކު ކުރައްވައިފައެވެ.

ޚަލީލްގެ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކުގައި އެއްވެސް ފަސްޖެހުމެއްނެތި ބުރަކޮށް ކުންފުނީގައި މަސައްކަތް ކުރައްވައި، ކުންފުނީގެ ދަށުން އަލަށް ޤާއިމުކުރެވުނު ސެންޓަރުތައް ޤާއިމުކުރެވުނީ ޚަލީލްގެ މޭސްތިރިކަމުގެ ދަށުންނެވެ. އަދި މިއަދު އެތަންތަނުން ފުރިހަމައަށް ޚިދުމަތް ދެވެމުން އެދަނީ ކުންފުނީގެ ކުރިއެރުމަށް ޚަލީލް ކޮށްދެއްވި ބުރަ މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ. ހަމައެފަދައިން، ކުންފުނިން އަލަށް ޤާއިމުކުރެވުނު ސެންޓަރެއް ކަމަށްވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ޕްރޮޖެކްޓްގެ މަސައްކަތްތައްވެސް އިޚުލާޞްތެރިކަމާއެކު ކުރިއަށް ގެންދެވުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު އަޅުގަނޑުމެންގެ މަސްވެރިންނަށް އެތަނުން އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދެވެމުން އެބަ ގެންދެވެއެވެ. މިކަމުގައިވެސް ޚަލީލުގެ ހިއްސާ ވަރަށްބޮޑެވެ.

އިބްރާހީމް ޚަލީލަކީ، ކުންފުންޏަށް ވަރަށް އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއެކީގައި ޚިދުމަތް ކުރެއްވި އަދި މި ދާއިރާއިން ވަރަށްގިނަ ތަޖުރިބާތަކެއް ހާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ. އިބްރާހީމް ޚަލީލްވަނީ "މަސް ޕްރޮސެސިންގ ޕްލާންޓު ބިނާކުރުން ސްޓެޕު ބައި ސްޓެޕު ގައިޑު" މިނަމުގައި ދިވެހިބަހުން ފޮތެއް ލިޔުއްވައި ޤައުމީ ލައިބުރަރީއަށް ހަދިޔާ ކުރައްވައިފައެވެ. އަދި 2015 އިން ފެށިގެން މަސް ޕްރޮސެސް ކުރުމާބެހޭ މަޢުލޫމާތު Twitter handle @khalylkhaleel ނަމުގައި ގެންދަވަނީ އާންމު ކުރައްވަމުންނެވެ.