އަލްފާޟިލާ ޒުލްފާ އިބްރާހީމްދީދީ
ފިނިފެންމާގެ، ގއ. ކަނޑުހުޅުދޫ

ޒުލްފާ އިބްރާހީމްދީދީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ގއ. ކަނޑުހުޅުދޫ އޮފީހުގެ ކާތިބާކަމުގެ ވަޒީފާގައި 21 ނޮވެންބަރު 1982 ގައެވެ. ވަޒީފާގައި ހޭދަކުރެއްވި39 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި، ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ އޮފީހުގެ ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ ވަޒީފާވެސް އަދާކުރެއްވިއެވެ.

ޒުލްފާ އިބްރާހީމްދީދީ، ވަޒީފާ އަދާކުރެއްވިއިރު ގއ. ކަނޑުހުޅުދޫ އޮފީހުގެ ޔައުމިއްޔާ ލިޔުއްވުމާއި، އަތޮޅުއޮފީހުން ފޮނުއްވާ ސިޓީތަކަށް ޖަވާބު ލިޔުއްވުމާއި، މަހުންމަހަށް ތައްޔާރުކޮށް ފޮނުވަންޖެހޭ ރިޕޯޓުތަކާއި، ފައިސާގެ ރިޕޯޓު ފަދަ ލިޔުންތައް އަތުން ރީތިކޮށް ފަރުވާތެރިކަމާއެކު ލިޔުއްވުމުގެ މަސައްކަތް ކުރައްވައިފައިވެއެވެ. ފަހުން ޓައިޕް ކުރައްވައިގެންވެސް، މި ދެންނެވުނު އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަވައިފައި ވެއެވެ.

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ ފައިސާއާބެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމާއި، މުސާރަ ދިނުމާއި، އިންވެންޓްރީ ބެލެހެއްޓެވުން ފަދަ މަސައްކަތްތައްވެސް ޒުލްފާ އިބްރާހީމްދީދީ ކުރެއްވިއެވެ. ދިގު މުއްދަތެއް ވަންދެން މި މަސައްކަތްތައް ކުރެއްވިއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިގެން ސުވާލެއްވެސް ކުރައްވައިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. ހަމަ އެއާއެކު، ރަށަށް ޒިޔާރަތް ކުރައްވާ ޝަރުޢީ އަދި ދައުލަތުގެ ވަފުދުތަކާ ގުޅިގެން ކުރައްވަން ޖެހުނު ކަންކަންވެސް، ވަރަށް ފަރުވާތެރިކަމާއެކު ކުރައްވައިފައި ވެއެވެ.

ޒުލްފާ އިބްރާހީމްދީދީއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. މިގޮތުން، އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް، މަސައްކަތް ކުރަންވީ ގޮތުގެ އިރުޝާދު ދެއްވައި އެހީތެރިވެދެއްވުމާއި، މަސައްކަތުގެ ތަޖުރިބާ ހޯދަން އޮފީހަށް އަންނަ ސްކޫލްތަކުގެ ދަރިވަރުންނަށްވެސް ކަންކަން ކުރަންވީ ގޮތާއި، ކަންކަން ހިންގަމުން ގެންދާގޮތް އޮޅުންފިލުއްވައި ދެއްވައިފައި ވެއެވެ.