އަލްފާޟިލާ އަސްމާ އިބްރާހީމް
ޑޭޒީމާގެ، ހއ. ދިއްދޫ

އަސްމާ އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1982 އޮކްޓޫބަރު 13 ވަނަ ދުވަހުއެވެ. ފުރަތަމަ އަދާކުރެއްވީ، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކާތިބާ ކަމުގެ ވަޒީފާއެވެ. މަސައްކަތުގެ ދާއިރާގައި މިހާތަނަށް ހޭދަކުރެއްވި 39 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ހއ.އަތޮޅުއޮފީހުގެ ރޭޑިއޯ ޓެލެފޯން އޮޕަރޭޓަރ ކަމާއި، ސީނިއަރ ރޭޑިއޯ ޓެލެފޯން އޮޕަރޭޓަރ ކަމާއި، ހއ.އަތޮޅުއޮފީހުގެ އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަންވެސް ކުރައްވައިފައިވެއެވެ. ހއ.އަތޮޅު އޮފީހުގައި ޚިދުމަތް ކުރައްވަމުން ގެންދަވަނީ 9 އޮކްޓޫބަރު 1989 ން ފެށިގެންނެވެ.

އަސްމާ އިބްރާހީމް، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޚިދުމަތް ކުރެއްވިއިރު، އެ މަރްކަޒުގެ ފައިސާއާބެހޭ އެންމެހައި ލިޔެކިޔުންތައް، ސަރުކާރުގެ މުދަލާއި ފައިސާ ހޭދަކުރުމުގެ ގަވާއިދާ އެއްގޮތަށް ބެލެހެއްޓެވުމާއި، ސްކޫލް ހިންގުމަށް ލިބޭ ފައިސާ ފިޔަވައި އެކައުންޓަށް ޖަމާވާ އެހެނިހެން ފައިސާގެ ހިސާބުތައް ބެލެހެއްޓެވުމާއި، މުވައްޒަފުންގެ ރަޖިސްޓަރީއާއި، ހާޒިރީ ބެލެހެއްޓެވުމާއި، އިންވެންޓްރީ ބެލެހެއްޓެވުން ހިމެނެއެވެ.

އަސްމާ އިބްރާހީމް، ހއ. އަތޮޅުއޮފީހުގައި ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، މާލޭގެ މިނިސްޓްރީތަކާއި އޮފީސްތަކުން ފޮނުއްވާ މެސެޖާއި ރިޕޯޓުތައް ނެންގެވުމާއި، މެސެޖުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުއްވުމާއި، އޮފީހުން ލިޔަންޖެހޭ ބައެއް ލިޔުންތައް ލިޔުއްވުން ހިމެނެއެވެ. އަދި އަތޮޅުގެ 16 ރަށުގެ ރަށުއޮފީހުން ވޯކީޓޯކީ މެދުވެރިކޮށް، ކޮންމެ ދުވަހަކު ފޮނުއްވާ މޫސުމާއި މަސްވެރިކަމުގެ ދުވަހު ރިޕޯޓް ތައްޔާރުކުރެއްވުމަށްފަހު ފިޝަރީޒް މިނިސްޓްރީއަށް ފޮނުއްވުމާއި، މާލޭގެ މިނިސްޓްރީތަކާއި އޮފީސްތަކަށް ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައި ރޭޑިއޯ ޓެލެފޯނުން ގުޅުއްވުމާއި، ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑު މެދުވެރިކޮށް، އާންމުންނަށް ޓޯލްކޯލް ގުޅައިދެއްވުމާއި، އާންމު ފަރާތްތަކުން ފޮނުވާ މެސެޖް، ދިރާގު މެދުވެރިކޮށް ފޮނުއްވުން ހިމެނެއެވެ.

މީގެއިތުރުން، އަތޮޅުވެރިޔާގެ އެހީތެރިޔާގެ ބެއްލެވުމުގެ ދަށުން ހއ. އަތޮޅުއޮފީހުގެ އިދާރީ އެންމެހައި ކަންކަން އަސްމާ ބަލަހައްޓަވައިފައި ވެއެވެ. އަދި ބާއްވާ އެކިއެކި އިންތިޚާބުތަކުގައި، ކޮމިޝަނަރ އޮފް އިލެކްޝަންސްގެ އޮފީހުން އަންގަވާ ގޮތެއްގެ މަތިން، އަތޮޅުގައި ކުރަންޖެހޭ ކަންތައްތައް ކުރައްވައި، އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ ތެރެއިން ސީނިއަރ އޮފިސަރުން ފެށިގެން މަތީގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްވެސް އަސްމާ ކުރައްވަމުން ގެންދަވައެވެ.

މީގެއިތުރުން، އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ އެޕްރައިޒަލް ފޯމާ ގުޅޭ ކަންކަމުގައި ސުޕަވައިޒަރުންނަށް އެހީތެރިވެދެއްވުމާއި، ވިއުގައަށް އެޅުމުގެ މަސައްކަތް ކުރެއްވުމާއި، އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ ޕަރސަނަލް ފައިލްތަކުގައި ހުންނަންޖެހޭ މަޢުލޫމާތު ފުރިހަމަކުރައްވައި، އެ ފައިލްތައް ރައްކާތެރިކަމާއެކު ބެލެހެއްޓެވުން ހިމެނެއެވެ. އަދި އަތޮޅު ކައުންސިލް މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓެވުމާއި، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމުތައް، ކޮމިޓީގެ ޗެއަރޕަރސަން އަންގަވާ ގޮތެއްގެ މަތިން، އަސްމާ ހަމަޖައްސަވަމުން ގެންދަވައެވެ. އަތޮޅު ކައުންސިލް އިދާރާގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުއްވައި، އެ ކޮމިޓީގެ ރިޕޯޓް ތައްޔާރު ކުރައްވައި ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުއްވުމުގެ މަސައްކަތްވެސް ކުރައްވައިފައިވެއެވެ.

އަސްމާ އިބްރާހީމަކީ ހއ.ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމާއި، ނާއިބު ރައީސާ ކަމާއި، ރަށް ކުރިއަރުވާ ކޮމިޓީގެ ސެކްރެޓެރީކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.