އަލްފާޟިލާ ޝަރީފާ ޢަބްދުﷲ
ގ.ކޮރަލްސީ

ޝަރީފާ ޢަބްދުﷲ، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 25 އޮގަސްޓު 1982 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އާކިޓެކްޗަރަލް ސެކްޝަންގެ ކްލާކް ޓައިޕިސްޓެއްގެ ވަޒީފާއެވެ. އޭގެފަހުން އެ ސެކްޝަންގެ ނަން، އޮފީސް ފޮރ ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިންގެ ނަމަށް ބަދަލުވެ، އަދި އޭގެފަހުން ޑިޕާޓްމަންޓް އޮފް ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިން އުފެއްދެވިއިރުވެސް ޝަރީފާ ޚިދުމަތް ކުރައްވަމުން ގެންދެވީ އެ ދާއިރާގައެވެ. އޮފީސް ފޮރ ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިންގެ އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ޑިޕާޓްމަންޓް އޮފް ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިންގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީކަން ކުރައްވައިފައި ވެއެވެ.

އޭގެފަހުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސްގެ ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ކުރެއްވިއެވެ. 1 ޖުލައި 2002ން ފެށިގެން އަދާކުރައްވަމުން ގެންދަވަނީ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި ޝަރީފާ ޢަބްދުﷲ، އާންމުގޮތެއްގައި ކުރައްވައިފައި ވަނީ އިދާރީ މަސައްކަތްތަކާއި ބަޖެޓާބެހޭ މަސައްކަތްތަކެވެ. މިގޮތުން، އޮފީހަށް ލިބޭ ސިޓީތައް، ކަމާބެހޭ ފަރާތްތަކަށް ފޮނުއްވުމާއި، އެ ސިޓީތަކުގެ ރެކޯޑު ބެލެހެއްޓެވުމާއި، ކޮންމެ އަހަރަކު ޑިޕާޓްމަންޓްގެ ބަޖެޓް ތައްޔާރުކޮށް ފޮނުއްވުމާއި، ސަރުކާރުން ހިންގަވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ޓެކްނިކަލް ކުރެހުންތަކާއި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓެވުމާއި، ޕްރޮކިއުމަންޓާބެހޭ މަސައްކަތްތައް ކުރެއްވުމާއި، ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔުއްވުމުގެ މަސައްކަތް ކުރެއްވުންވެސް ހިމެނެއެވެ.

ޝަރީފާ ޢަބްދުﷲ، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 39 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.