އަލްފާޟިލް ޝިއުތު އިބްރާހީމް
ހަވާސާ، ތ. ވިލުފުށި

ޝިއުތު އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 14 ޖަނަވަރީ 1981 ގައެވެ. ޓީޗަރސް ޓްރޭނިންގ ކޯސް ފުރިހަމަކުރެއްވުމަށް 11 އެޕްރީލް 1981 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، އަލުން ޚިދުމަތް ފެށްޓެވީ، 26 ޖަނަވަރީ 1982 ގައެވެ. އޭރު ހަމަޖެއްސެވީ، ރާއްޖެތެރޭގެ މަދަރުސާ މަކްތަބުތަކުގެ މުދައްރިސްކަމުގެ މަގާމަށެވެ. އޭގެފަހުން މަޖީދިއްޔާ ސްކޫލްގެ މުދައްރިސް ކަމާއި، އިސްކަންދަރު ސްކޫލްގެ މުދައްރިސް ކަމާއި، ތ.ބުރުނީ ސްކޫލްގެ މުދައްރިސްކަމާއި ތ.އަތޮޅު މަދަރުސާގެ އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރައްވައިފައި ވެއެވެ. 5 ސެޕްޓެންބަރު 2018 ގައި ސިވިލް ސަރވިސްގެ ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު، ޚިދުމަތް ކުރައްވަމުން ގެންދެވީ، ވިލުފުށީ ސްކޫލްގެ ލީޑިންގ ޓީޗަރެއްގެ މަގާމެވެ. އެއަށްފަހު، 2 މޭ 2019 އިން ފެށިގެން އަދާކުރައްވަމުން ގެންދަވަނީ، ވިލުފުށީ ޞިއްޙީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ، ހެލްތު ސަރވިސަސްގެ މަގާމެވެ.

ޝިއުތު އިބްރާހީމް، ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރެއްވިއިރު، ދަރިވަރުންގެ ތަޢުލީމީ ފެންވަރު ރަނގަޅު ކުރެއްވުމަށާއި، ހުނަރުވެރިކަން ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެ އިތުރުން، ދަރިވަރުންގެ އިޖުތިމާޢީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވިއެވެ. އަދި ދިވެހި މުދައްރިސެއްގެ ހައިސިއްޔަތުން ދިވެހިބަހާ ގުޅޭ ހަރަކާތްތައް ހިންގެވުމުގައި އަމިއްލައަށް އިސްނަންގަވައިގެން ޝައުޤުވެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. ޤައުމީ އެކި މުނާސަބަތުތަކާ ގުޅިގެން ދަރިވަރުންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ރޫޙު އާލާކުރުމަށާއި، ދިވެހި ތާރީޚާއި، ރިވެތި އާދަކާދަތަކަށް ފައްކާވެފައިވާ ޒުވާން ޖީލެއް އުފެއްދެވުމުގެ މަސައްކަތަކީ، ޤައުމީ ވާޖިބެއް ކަމުގައި ދެކެވަޑައިގެން ޚިދުމަތް ކުރައްވަމުން ގެންދެވިއެވެ.

މީގެއިތުރުން، އެކީގައި މަސައްކަތް ކުރެއްވި މުދައްރިސުންނާއި، ބެލެނިވެރިންނާ ރަނގަޅު ގުޅުމެއް ބޭއްވެވުމަށާއި، އެކުވެރި މާޙައުލެއް އުފެއްދެވުމުގެ މަސައްކަތަށްވެސް ޝިއުތު ވަރަށްބޮޑު އިސްކަމެއް ދެއްވިއެވެ. އަދި ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މުދައްރިސުން އުފެއްދުމަށް މަދަރުސާއިން ކުރި މަސައްކަތުގައި، ޝިއުތު އިސް ދައުރެއް އަދާކުރެއްވިއެވެ. ސާނަވީ އަދި މަތީ ސާނަވީ ކުލާސްތަކަށް ކިޔަވައިދެއްވައި، އެސް.އެސް.ސީ. އިމްތިޙާނަށް ދަރިވަރުން ތައްޔާރުކުރެއްވުމަށް ޝިއުތު ކުރެއްވި މަސައްކަތުގެ ނަތީޖާ ވެގެންދިޔައީ ކާމިޔާބީ ފޮނި ތަޖުރިބާއަކަށެވެ.

ވިލުފުށީ ޞިއްޙީ މަރުކަޒު ހިންގެވުމުގައި، ޝިއުތު މިހާރު އިސްކޮށް ހުންނެވިއިރު، މަރުކަޒުން ދެވޭ ޚިދުމަތްތައް ފުޅާކުރެއްވުމަށްޓަކައި ރާއްޖޭގައި ކުރިއަރައިފައިވާ ހޮސްޕިޓަލްތަކާއި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ޖަމާޢަތްތަކާ ގުޅިގެން ޞިއްޙީ މަރުކަޒުގައި މެޑިކަލް ކޭމްޕްތަކާއި، އައުޓްރީޗް ޕުރޮގުރާމުތައް ހިންގަވަމުން ގެންދަވައެވެ. އަދި މުޖުތަމަޢުގެ ޞިއްޙީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަޤްޞަދުގައި ރަށު ކައުންސިލާއި ރަށުގެ އެހެނިހެން މުއައްސަސާތަކުގެ އެއްބާރުލެއްވުން ހޯއްދަވައިގެން ފަސްޓްއެއިޑް ޕުރޮގުރާމުތަކާއި، ކަސްރަތު ކުލާސްތަކާއި، އެވެއަރނަސް ޕުރޮގުރާމުތައްވެސް ޝިއުތު އިސްވެ ހުންނަވައިގެން ހިންގަވަމުން ގެންދަވައެވެ. ޝިއުތު، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 40 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.