އަލްފާޟިލް ޙަސަން މުޙައްމަދު
މީޒާން، ޅ.ހިންނަވަރު

ޙަސަން މުޙައްމަދު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 3 އެޕްރީލް 1982 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޅ. ހިންނަވަރު ޞިއްޙީ މަރްކަޒުގެ މަސައްކަތު މީހެއްގެ ވަޒީފާއެވެ. މިހާރު ހުންނެވީ، އެ މަރުކަޒުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ. ވަޒީފާގައި މި ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ހިންނަވަރު ޞިއްޙީ މަރުކަޒުގެ ކާތިބުކަމާއި، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމުގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ.

ޙަސަން މުޙައްމަދު ވަޒީފާ އަދާކުރެއްވިއިރު، އިދާރީ އެކިއެކި ލިޔުންތައް އަތުން ރީތިކޮށް ފަރުވާތެރިކަމާއެކު ލިޔުއްވައިފައި ވެއެވެ. ފަހުން ޓައިޕް ކުރައްވައިގެންވެސް އިދާރީ އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަވައިފައި ވެއެވެ. އަދި ވަރަށް ފަރުވާތެރިކަމާއެކު، ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔެ ބަލަހައްޓަވަމުން ގެންދެވިއެވެ.

ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުގެ ފައިސާއާބެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމާއި، މުސާރަ ދެއްވުމާއި، އިންވެންޓްރީ ބެލެހެއްޓެވުން ފަދަ މަސައްކަތްތައްވެސް ޙަސަން މުޙައްމަދު ކުރެއްވިއެވެ. ދިގު މުއްދަތެއް ވަންދެން މި މަސައްކަތްތައް ކުރެއްވިއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިގެން ސުވާލެއްވެސް ކުރައްވައިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. ހަމައެއާއެކު، ރަށަށް ޒިޔާރަތްކުރާ މެހުމާނުންގެ ވަފުދުތަކާ ގުޅިގެން ކުރައްވަން ޖެހުނު ކަންކަންވެސް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވައިފައި ވެއެވެ.

ޙަސަން މުޙައްމަދަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ ޢަލީގައި އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. މިގޮތުން، މަރުކަޒުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ތަމްރީނު ދެއްވުމާއި، މަރުކަޒުގެ މެއިންޓެނަންސްގެ އެންމެހައި މަސައްކަތްތައް ކުރައްވަމުން ގެންދަވައެވެ. އަދި ފާހަގަކޮށްލެވޭ އަނެއްކަމަކީ، ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ޝިގެއްލާ ރޯގާއާއި، ޗިކަންގުންޔާ އަދި ކޯވިޑް-19ގެ ބަލިމަޑުކަމުގައި، ޙަސަން މުޙައްމަދުގެ ޚިދުމަތް ފުރިހަމައަށް ލިބިފައިވާކަމެވެ.

ހަމައެހެންމެ، އަދާކުރައްވާ ވަޒީފާގެ އިތުރުން، ޙަސަން މުޙައްމަދަކީ ޅ.އަތޮޅުގައި ކުދިން ޚިތާނު ކުރައްވަމުން ގެންދަވާ ތަޖުރިބާކާރު ބޭފުޅެކެވެ. މިނިސްޓްރީ އޮފް ހެލްތުގެ ހުއްދައާއެކު މި މަސައްކަތް މިހާރުވެސް ޙަސަން މުޙައްމަދު ގެންދަވަނީ ކުރައްވަމުންނެވެ. މުޅި އަތޮޅަށްވެސް މަޝްހޫރުވެފައިވަނީ "ސެންޓަރު ޙަސަނު"ގެ ނަމުންނެވެ.