އަލްފާޟިލް އިބްރާހީމް ޝަފީޤު
ގ.ގަޒޭލް

އިބްރާހީމް ޝަފީޤު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އެއަރ މޯލްޑިވްސްގެ، ޓްރެފިކް އެސިސްޓެންޓްކަމުގެ ވަޒީފާގައި 13 ފެބުރުވަރީ 1982 ގައެވެ. ފެށުނީއްސުރެ ޚިދުމަތް ކުރައްވަމުން ގެންދަވަނީ މި ދާއިރާގައެވެ.

ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އެސިސްޓެންޓް ޓްރެފިކް އޮފިސަރު ކަމާއި، ޓްރެފިކް އޮފިސަރު ކަމާއި، ސީނިއަރ ޓްރެފިކް އޮފިސަރުކަން ކުރައްވައިފައިވެއެވެ. އަދި ސްޓޭޝަން މެނޭޖަރު ކަމުގެ މަގާމާއި، ކަސްޓަމަރ ސަރވިސް އެގްޒެކެޓިވްގެ އިތުރުން، މެނޭޖަރ، ގްރައުންޑް ސަރވިސަސްގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަދި އޭގެފަހުން މިއަދާ ހަމައަށް އެކި މަގާމުތަކުގައި އިބްރާހީމް ޝަފީޤު ވަނީ އަގުހުރި މަސައްކަތްތަކެއް ކުންފުންޏަށް ކޮށްދެއްވައިފައެވެ.

މިގޮތުން، އައިލެންޑް އޭވިއޭޝަނަށް ބަދަލުވެވަޑައިގެންނެވިފަހުން، ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، މެނޭޖަރ، ގްރައުންޑް ސަރވިސަސް ކަމުގެ މަގާމާއި، މެނޭޖަރ ޑޮމެސްޓިކް އޮޕަރޭޝަންސް ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ، ޑޮމެސްޓިކް އޮޕަރޭޝަންސް ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ، ރިޒަރވޭޝަން އެންޑް ޓިކެޓިންގގެ މަގާމާއި، އެކްޓިންގ ހެޑް އޮފް ކޮމަރޝަލް ޑިޕާޓްމަންޓްގެ އިތުރުން، ޑެޕިއުޓީ ހެޑް އޮފް ކޮމަރޝަލްގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ. އަދި މިހާރު ހީވާގިކަމާއެކު ފުރުއްވަމުން ގެންދަވާ މަގާމަކީ، ރިޒަވޭޝަންސް، ޓިކެޓިންގ އެންޑް މޯލްޑިވިއަން ހޮލިޑޭސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑް އޮފް ކޮމަރޝަލްގެ މަގާމެވެ. މި މަގާމުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ، ކުންފުނި މެދުވެރިކޮށް ކުރާ ވީ.އައި.ޕީ. އަދި ވީ.ވީ.އައި.ޕީ. ދަތުރުތަކުގެ އެންމެހައި ކަންތައްތައް ހިންގަވައި ބެލެހެއްޓެވުމާއި، ކުންފުނި މެދުވެރިކޮށް ކުރާ ސަރުކާރުގެ އެކި ދަތުރުތަކުގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމާއި، ކުންފުނި މެދުވެރިކޮށް ކުރާ އާސަންދަ ދަތުރުތަކުގެ އެންމެހައި ކަންތައްތައް ހިންގަވައި ބެލެހެއްޓެވުމެވެ. އަދި ޑިޕާޓްމަންޓް ހިންގެވުމުގައި އެންމެ އިސްކޮށް ހުންނަވާ ބޭފުޅަކާ މަޝްވަރާ ކުރައްވައިގެން، އެންމެހައި މަސައްކަތްތައް ރާއްވަވައި ހިންގެވުމަކީވެސް ޝަފީޤުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

އިބްރާހީމް ޝަފީޤަކީ، މިއަދާ ހަމައަށްވެސް ހަވާލުވެވަޑައިގެން ހުރިހާ މަގާމުތަކެއްގެ ޒިންމާ ފުރިހަމައަށް އަދާކުރައްވައިފައިވާ ބޭފުޅެއްކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، ދިމާވާ މައްސަލަތައް ޙައްލުކޮށްދެއްވުމުގައި އެހީތެރިވެދެއްވުމުގެ އިތުރުން، މަސައްކަތުގެ ތަޖުރިބާގެ އަލީގައި ކަންކަން ކުރަންވީ ގޮތް އޮޅުންފިލުއްވައި ދެއްވަމުން ގެންދަވާ ބޭފުޅެކެވެ.