އަލްފާޟިލް އާދަމް މުޙައްމަދު
މަންޒަރުގެ، އއ. ހިމަންދޫ

އާދަމް މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 6 ޖަނަވަރީ 1982 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ފެމިލީ ހެލްތު ވަރކަރެއްގެ ވަޒީފާއެވެ. އޭގެފަހުން، ޢާއިލާގެ އެހީތެރިޔާކަންވެސް ކުރެއްވިއެވެ. 4 ސެޕްޓެންބަރު 1985 ގައި އ. ހިމަންދޫ ކުޑަކަތީބުކަމަށް ބަދަލުވެވަޑައިގަތެވެ. އޭގެފަހުން، ހިމަންދޫ ކަތީބު ކަމާއި، ހިމަންދޫ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރުކަންވެސް ކުރައްވައިފައި ވެއެވެ.

އާދަމް މުޙައްމަދު، ފެމިލީ ހެލްތު ވަރކަރު ކަމުގެ ވަޒީފާ އަދާކުރެއްވިއިރު، އާންމުންނަށް ބޭސްފަރުވާ ކުރައްވައި، އަދި ރަށުގެ އާންމު ޞިއްޙަތުގެ ކަންތައްތައް ބަލަހައްޓަވައި، ގޭގެޔަށް ޒިޔާރަތް ކުރައްވައި، ރައްޔިތުންގެ ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކޮށްދެއްވައިފައި ވެއެވެ. އަދި ރަށުތެރޭގެ ސާފުތާހިރުކަން ބެލެހެއްޓެވުމުގައިވެސް އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.

ހިމަންދޫ ކުޑަކަތީބު ކަމާއި، ކަތީބުކަމުގައި އާދަމް މުޙައްމަދު ހުންނެވިއިރު، އޮފީހުގެ އިދާރީ އެންމެހައި ކަންކަންވެސް ބެލެހެއްޓެވިއެވެ. އަތޮޅުއޮފީހުން ފޮނުއްވާ ސިޓީއާއި އެކިއެކި މެސެޖުތައް، ވޯކީޓޯކީ މެދުވެރިކޮށް ނެންގެވުމާއި، އެ މެސެޖުތައް ރީތިކޮށް ފަރުވާތެރިކަމާއެކު ލިޔުއްވައިފައި ވެއެވެ. އަދި ފަހުން ޓައިޕް ކުރައްވައިގެންވެސް އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓެވިއެވެ.

އާދަމް މުޙައްމަދު، ހިމަންދޫގެ ވެރިކަމުގެ މަގާމުގައި ހުންނެވިއިރު، އަތޮޅުއޮފީހުން އަންގަވައިގެން، ދޭތެރެ ދޭތެރެއިން، އެ އަތޮޅުގެ ބައެއް ރަށްރަށުގެ ރަށުއޮފީހާ ހަވާލުވެވަޑައިގެން، އެ އޮފީސްތައް ހިންގަވައިފައި ވެއެވެ. މިގޮތުން ހިންގެވި އޮފީސްތަކުގެ ތެރޭގައި، އއ. މާޅޮސް އޮފީސް، އއ. ފެރިދޫ އޮފީސް، އަދި އއ. މަތިވެރީ އޮފީސް ހިމެނެއެވެ.

ހިމަންދޫ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާގެ ޒިންމާއާއި މަސްއޫލިއްޔަތު، 24 އޮކްޓޫބަރު 2010 ވަނަ ދުވަހުން ފެށިގެން ސިވިލް ސަރވިސް ކޮމިޝަނުން އާދަމް މުޙައްމަދާ ހަވާލުކުރެއްވުމާ ގުޅިގެން، ހިމަންދޫ ކައުންސިލް އިދާރާގެ ސިވިލް ސަރވިސް މުވައްޒަފުންނާ ބެހޭ އެންމެހައި ކަންކަން، 26 ފެބުރުވަރީ 2020ގެ ނިޔަލަށް ބަލަހައްޓަވައިފައި ވެއެވެ. މި މުއްދަތުގެ ތެރޭގައި، ޒަމާނީ ވަސީލަތްތަކުގެ އެހީގައި މަސައްކަތް ކުރުމުގެ ފުރުޞަތު މުވައްޒަފުންނަށް ހޯއްދަވައި ދެއްވިއެވެ.

އާދަމް މުޙައްމަދަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، ކައުންސިލްގެ މުވައްޒަފުންނަށް އެކިއެކި ކަންކަން ދަސްކޮށްދެއްވައި އޮޅުންފިލުއްވައި ދެއްވަމުން ގެންދަވައިފައިވެއެވެ. އަދި އިދާރީ ކަންކަމާއި، ފައިސާއާބެހޭ ކަންކަން ބެލެހެއްޓެވުމުގައި ޢަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކުގެ ރަށުގެ ތަރައްޤީއަށް ކުރެވުނު އެކި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި އާދަމް މުޙައްމަދަކީ ރައްޔިތުންގެ އިޙްތިރާމާއި ލޯބި ހޯއްދަވައިފައިވާ ބޭފުޅެއްވެސް މެއެވެ.

އާދަމް މުޙައްމަދު ރިޓަޔަރ ކުރެއްވީ 1 ޖުލައި 2022 ގައެވެ.