އަލްފާޟިލާ ފާއިޒާ އަޙްމަދު
ހަވާސާ، އދ. މަހިބަދޫ

ފާއިޒާ އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އ.އަތޮޅު ހެލްތު ސެންޓަރުގައި ފެމިލީ ހެލްތު ވާރކަރެއްގެ މަގާމުގައި 20 ޖަނަވަރީ 1982 ގައެވެ. ވަޒީފާ އަދާކުރައްވަމުން ގެންދަވާތާ 40 އަހަރު ފުރުނުއިރު ހުންނެވީ އދ. އަތޮޅު ހޮސްޕިޓަލްގެ ފެމިލީ ހެލްތު އޮފިސަރ ކަމުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އދ.އަތޮޅު ހެލްތު ސެންޓަރުގެ ފެމިލީ ހެލްތު ވާރކަރ ކަމާއި، ޢާއިލާގެ ޞިއްޙީ އެހީތެރިޔާ ކަމުގެ މަގާމާއި، އދ. އަތޮޅު ހޮސްޕިޓަލްގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ފާއިޒާ އަޙްމަދު ވަޒީފާ އަދާކުރެއްވިއިރު، ގަވާއިދުތަކުގެ ޑްރާފްޓް އެކުލަވައިލުމަށްޓަކައި އޮފީހުގައި އޭރު ޤާއިމުކުރެވުނު ކޮމިޓީގެ މަސައްކަތް ރާވައި ހިންގެވުމުގައި ވަރަށް ހީވާގިކަމާއެކު އިސްނަންގަވައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި ރަށުގައި އެވަގުތަކު ރޯގާބަލިމަޑުކަމެއް ފެތުރޭނަމަ، އެކަން ކޮންޓްރޯލް ކުރުމަށް ޕަބްލިކް ހެލްތު ޔުނިޓުގައި މަސައްކަތް ކުރައްވާ ކޮމިއުނިޓީ ހެލްތު އޮފިސަރުންގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރެއްވުމާއި، ގޭގެޔަށް ޒިޔާރަތް ކުރައްވައި އަދި ރަށުގެ އާންމު ޞިއްޙީ ޙާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވައިފައި ވެއެވެ.

މީގެއިތުރުން، ޢާއިލާ ރޭވުމުގެ ޕުރޮގުރާމުގެ މަސައްކަތް ހިންގަވައި ބެލެހެއްޓެވުމާއި، މި ޕުރޮގުރާމަށް މީހުން ޝައުޤުވެރިކުރުވުމަށް މަސައްކަތް ކުރެއްވުމުގެ އިތުރުން، ރަށުގައި ތިބި މާބަނޑު މީހުންގެ ޙާލަތު ދެނެގަނެ، ވިހައިގެން ތިބޭ މީހުން ގާތަށް ޒިޔާރަތް ކުރައްވައި، މައިމީހާއާއި ކުޑަދަރިފުޅުގެ ޙާލަތު ބައްލަވައި، އެފަރާތްތަކުގެ ދުޅަހެޔޮކަމަށް ދޭންވާ ލަފަޔާއި އިރުޝާދު ދެއްވަމުން ގެންދަވައިފައި ވެއެވެ. ރަށުގައި ތިބި 5 އަހަރުން ދަށުގެ ކުދިންގެ ކުލިނިކު ހިންގެވުމާއި، މި ކުލިނިކުގައި މިފަދަ ހުރިހާ ކުދިން ރަޖިސްޓަރީ ކުރުމާއި، ބަރުދަން ރަނގަޅު ނޫން ކުދިންނަށް ޞިއްޙީ ދުޅަހެޔޮކަން ރަނގަޅު ކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ.

ފާއިޒާ އަޙްމަދު ވަނީ ޤައުމީ އިމިއުނައިޒޭޝަން ޕުރޮގުރާމާއި، ނިއުޓްރިޝަނާ ބެހޭ ޤައުމީ ޕުރޮގުރާމް އަދި ގައިންގަޔަށް އަރާ އަދި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރެއްވުމަށް ރަށު ފެންވަރުގައި މަސައްކަތް ކުރައްވައިފައެވެ. ފާއިޒާ އަޙްމަދު ދިގު މުއްދަތެއް ވަންދެން މި މަސައްކަތްތައް ކުރެއްވިއިރު، އޮފީހުގެ އެއްވެސް އުސޫލަކާއި ނުވަތަ ގަވާއިދަކާ ޚިލާފުވެވަޑައިގެންފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ފާއިޒާ އަޙްމަދު ފާހަގަކުރެވިފައިވަނީ ވަޒީފާ އަދާކުރެއްވުމުގައި ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދެވި، ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށްހިއްތަވައި، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ފާއިޒާ އަޙްމަދު ވަޒީފާއިން ރިޓަޔަރ ކުރައްވާފައިވަނީ 12 ސެޕްޓެންބަރު 2022 ގައެވެ.