އަލްފާޟިލް މުޙައްމަދު ތައުފީޤް
ގ.ތާރަ

މުޙައްމަދު ތައުފީޤް، ދިވެހި ސަރުކާރުގެ ޚިދުމަތުގައި 40 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވައިފައިވާއިރު، ޚިދުމަތް ކުރައްވަމުން ގެންދަވައިފައިވަނީ، ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާއި، ފަރުވާތެރިކަމާއެކުގައެވެ. މިހާރު ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ ސުޕަވައިޒަރ، ޖެނެރަލް ސަރވިސްގެ މަގާމުގައެވެ.

މުޙައްމަދު ތައުފީޤް، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 5 މާރިޗު 1981 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ސްޕޯޓްސް ޑިވިޜަންގެ މަސައްކަތު މީހެއްގެ ވަޒީފާއެވެ. އޭގެ ފަހުން، ޕްރިޒްންސް ޑިވިޜަނުގައްޔާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި ވަޒީފާ އަދާކުރައްވައިފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވީ 1 އެޕްރީލް 1984 ގައެވެ. ރައީސް އޮފީހުގައި ޕިޔޯނުކަމުގެ މަގާމާއި، ހެލްޕަރ ސުޕަވައިޒަރުކަމާއި، ޖެނެރަލް ސަރވިސަސް އޮފިސަރުކަމާއި، ސުޕަވައިޒަރ، ޖެނެރަލް ސަރވިސްކަމުގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިމާރާތް ސާފުކޮށް ބެލެހެއްޓެވުމުގެ މަސައްކަތުގައި މުޙައްމަދު ތައުފީޤް އަދާކުރައްވައިފައިވާ ދައުރު ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން، މުޙައްމަދު ތައުފީޤްގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުން، މަސައްކަތްކުރާ ވަގުތުތަކުގައި އެ މުވައްޒަފުން މަސައްކަތް ކުރާގޮތް ބައްލަވައި އިރުޝާދު ދެއްވަމުން ގެންދަވައެވެ. އޭގެ އިތުރުން، އޮފީހުގެ އެކިއެކި މާލަންތައް ބެލެހެއްޓެވުމުގެ މަސައްކަތާއި ޖަލްސާތަކަށް އެތަންތަން ތައްޔާރުކުރުމުގެ މަސައްކަތްވެސް ބަރާބަރަށް ކުރައްވަމުން ގެންދަވައެވެ.

މުޙައްމަދު ތައުފީޤް ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ ފަރާތުން ބާއްވާ ބޮޑެތި ޖަލްސާތަކާއި ބައްދަލުވުންތަކަށް ތަން ތައްޔާރުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި، ތަންތަން ޒީނަތްތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުން ހިމެނެއެވެ. އިސްލާމީ މަރުކަޒާއި މިނޫންވެސް މުހިންމު ތަންތަން ހުޅުވުމަށް ސަރުކާރުން ކުރެއްވި ބޮޑެތި މަސައްކަތްތަކުގައްޔާއި، ސާރކް ސަމިޓް ފަދަ މުހިންމު ޖަލްސާތައް ބޭއްވުމަށް ކުރަންޖެހުނު އެކި ކަންކަމުގައި ރެޔާދުވާލު ވަރަށް ހީވާގިކަމާއެކު އުޅުއްވައިފައި ވެއެވެ.

މުޙައްމަދު ތައުފީޤަކީ، ކިތަންމެ ގިނަ ވަގުތުތަކެއްގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، ފޫހިކަމެއްނެތި ފަރުވާތެރިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެއްކަން ފާހަގަކޮށްލަންޖެހެއެވެ. އަދި އެކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް، މަސައްކަތުގެ މާހައުލުގައި ދިމާވާ ކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށާއި، އެކިއެކި ކަންކަން އިންތިޒާމުކުރުމުގައި ދިމާވާ ކަންކަމުގައި ލަފަޔާއި އިރުޝާދުވެސް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، މުޙައްމަދު ތައުފީޤަށް ވަނީ އެކަމުގެ ހަނދާނީ ފިލާ މި އަހަރު އަރުވައިފައެވެ.