ސާރޖަންޓް ފަސްޓް ކްލާސް ޢަބްދުލްޢަޒީޒް
ހުޅުމާލެ. ފްލެޓް ނަންބަރު 04-3-85

ސާރޖަންޓް ފަސްޓް ކްލާސް ޢަބްދުލްޢަޒީޒަކީ، 4 ނޮވެންބަރު 1981 ގައި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީއްސުރެ ސިފައިންގޭގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ވޭތުވެދިޔަ 40 އަހަރަށްވުރެ ދިގު މުއްދަތުގައި، ނުގުޑާފަދަ ޢަޒުމެއްގައި ޚިދުމަތް ކޮށްދެއްވައިފައިވާ އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޢަބްދުލްޢަޒީޒަކީ ހަވާލުކުރެވުނު ކޮންމެ ކަމެއްވެސް ޤާބިލުކަމާއި، ތެދުވެރިކަމާއެކު އެކަމަކަށް އިސްކަންދެއްވައިގެން ކުރައްވައި އަދި މުއައްސަސާއިން ހިންގައިފައިވާ ގިނަ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. މިގޮތުން، އެކި ދުވަސްވަރު ސިފައިންގެއިން ކޮށްފައިވާ ބޮޑެތި މަސައްކަތްތަކާއި، ޤައުމަށް ދިމާވި ބޮޑެތި ކަންކަމުގައި ސިފައިން ހަރަކާތްތެރިވިއިރު، އެކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. މިގޮތުން، 3 ނޮވެންބަރު 1988 ގައި ދިވެހިރާއްޖެއަށް ދެވުނު ޢުދުވާނީ ޙަމަލައިގައި، ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތް ކުރުމުގައި، އެއްވެސް ފަސްޖެހުމެއްނެތި، އަމިއްލަ ފުރާނައަށްވުރެ ޤައުމާއި ރައްޔިތުން އިސްކޮށް، ދުޝްމަނުންގެ ކިބައިން ދިވެހި ޤައުމާއި ވަޠަން ސަލާމަތް ކުރުމުގައި، އެންމެ އިސް ސަފުގައި ޢަބްދުލްޢަޒީޒް ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.

ސިފައިންގެ އެކި ރޭންކްތަކުގައި ޢަބްދުލްޢަޒީޒް ޚިދުމަތްކުރައްވައިފައިވެއެވެ. މިގޮތުން، ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓްކަން ކުރައްވައިފައިވެއެވެ.

ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 7 ކުލައާއި 9 މެޑެލް، ޢަބްދުލްޢަޒީޒަށް ލިބިވަޑައިގެންފައި ވެއެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އަދި އަޚްލާޤީ ކުލަ ތިންފަހަރަށް ލިބިވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، އަޚްލާޤީ މެޑެލް، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް، 17 ވަނަ ސާރކް ސަމިޓުގެ މެޑެލް އަދި މިނިވަން 50ގެ މެޑެލް ހާސިލުކުރައްވައިފައި ވެއެވެ. މީގެއިތުރުން، އާ ސާސްކަފަށް ދިވެހިރާއްޖޭގެ ވާހަކަ ދައްކައިދޭ މާލަން ހެދުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ކުރައްވައިފައިވާ އަގުހުރި މަސައްކަތްތައް މުއައްސަސާއިން ފާހަގަކުރައްވައިފައި ވެއެވެ.