އަލްފާޟިލް އަޙްމަދު ޝަރީފް
ޑޯރެންސީވިލާ، ބ. ކިހާދޫ

އަޙްމަދު ޝަރީފް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގައި، "ފެމިލީ ހެލްތު ވަރކަރު"ގެ ވަޒީފާއިން 09 ސެޕްޓެންބަރު 1981 ގައެވެ. އޭރުއްސުރެ ފެށިގެން އަޙްމަދު ޝަރީފް، ތަފާތު އެކި ދާއިރާތަކުގައި ވަޒީފާ އަދާކުރައްވައިފައި ވެއެވެ. އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ފެމިލީ ހެލްތު ވަރކަރު ކަމާއި، ކިހާދޫ އޮފީހުގެ ކާތިބުކަމާއި، ކިހާދޫ މުދިމު ކަމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިމާމުކަން ހިމެނެއެވެ. 9 ސެޕްޓެންބަރު 1987ން ފެށިގެން އަދާކުރައްވަމުން ގެންދެވީ، ކިހާދޫ މަސްޖިދުއް ތަޢާވުނުގެ އިމާމުކަމެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވި ތާރީޚު ކަމަށްވާ 4 އޮގަސްޓު 2022 އާ ހަމައަށް އަޙްމަދު ޝަރީފް ދައުލަތަށް ޚިދުމަތް ކުރެއްވި މުއްދަތު 40 އަހަރަށްވުރެ ގިނަދުވަސް ވެއެވެ.

އަޙްމަދު ޝަރީފް، ފެމިލީ ހެލްތު ވަރކަރުގެ ވަޒީފާ އަދާކުރެއްވިއިރު، ހެލްތު ސެންޓަރުގައި އޭރު ހަމައެކަނި ހުރި މުވައްޒަފުގެ ހައިސިއްޔަތުން ޞިއްޙީ ރޮނގުން ކުރައްވަން ޖެހިވަޑައިގެންނެވި ހުރިހާ ކަމެއް، ވަރަށް ފަރުވާތެރިކަމާއެކު ކުރައްވައިފައި ވެއެވެ. އަދި އެކިއެކި ބަލިތަކުން ދިފާޢުވުމަށް ކުރަންޖެހޭ ކަންކަމާއި، އަޅަންޖެހޭ ފިޔަވަޅުތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ދެއްވައި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.

އަޙްމަދު ޝަރީފް، ކިހާދޫ އޮފީހުގެ ކާތިބުކަމުގެ ވަޒީފާ އަދާކުރެއްވި ދުވަސްވަރަކީ، ވޯކީޓޯކީގެ ޒަރީޢާއިން ރަށްރަށަށް ފޮނުވަންޖެހޭ މެސެޖާއި ރިޕޯޓުތައް ފޮނުވަންޖެހޭ ދުވަސްވަރު ކަމަށްވުމާއެކު، އެ މަސައްކަތް ކުރެއްވުމުގައި، އެ ދުވަސްވަރު ތަފާތު ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އަދި ޚިދުމަތް މެދުކެނޑިގެންދާ ޙާލަތްތަކުގައި، މެސެޖުތައް ފޮނުއްވަން އުޅުއްވަންޖެހުނު ދަތިގޮތްތައް މިހާރުވެސް ޝަރީފުގެ ހިތްޕުޅަށް ތަޞައްވުރު ކުރެއްވެއެވެ. ރަށު އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދެވިއިރު، އަޙްމަދު ޝަރީފް، އޮފީހުގެ އިދާރީ ކަންކަން ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، އެކި މަސައްކަތްތަކުގައި އެއްބާރުލެއްވުން ދެއްވަމުން ގެންދެވިއެވެ. އަދި އޮފީހުން ފޮނުވަންޖެހޭ އެންމެހައި ލިޔެކިޔުންތައް ރީތިކޮށް ފަރުވާތެރިކަމާއެކު ލިޔުއްވަމުން ގެންދަވާކަން އެއީ ފާހަގަކޮށްލަންޖެހޭ ކަމެއްވެސް މެއެވެ.

ޝަރީފަކީ، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއިން 8 މަސް ދުވަހުގެ މުއްދަތަށް ހިންގެވި، ރާއްޖެތެރޭގެ މުދިމުން ތަމްރީނުކުރާ ކޯހުން 1 ވަނަ ދަރަޖައިގައި ފާސްވެވަޑައިގެންފައިވާ ބޭފުޅެއްވެސް މެއެވެ. ވަރަށް ފަރުވާތެރިކަމާއެކު ގަޑިއަށް ޙުރުމަތްތެރިކޮށް ހިއްތަވައިގެން ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު ރައްޔިތުންގެ އިޙްތިރާމާއި ލޯބި، ޝަރީފް ވަނީ ހޯއްދަވައިފައެވެ. ރަށުގައި މަރުވާ މީހުން ހިނެވުމާއި، ވަޅުލުމުގެ ކަންކަން، ރިޓަޔަރ ކުރެއްވުމާ ހަމަޔަށްވެސް ޝަރީފް ކުރައްވަމުން ގެންދެވިއެވެ.

ކުޑަކުދިންނަށް އަމާޒުކުރައްވައިގެން، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއިން ކިހާދޫގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ހިންގެވި ޤުރްއާން ކްލާހުގައި ކިޔަވައިދެއްވައި، ކްލާސް ހިންގުމުގެ ޢަމަލީ މަސައްކަތްތަކުގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

އަޙްމަދު ޝަރީފަކީ، ރަށު އޮފީހުން ރަށުގެ ތަރައްޤީއަށް ކުރަމުން ގެންދިޔަ ބޮޑެތި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން އިސް ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ. މިގޮތުން، ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ޢަމަލީގޮތުން ކުރެއްވި މަސައްކަތްތައް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.