އަލްފާޟިލް ޢަބްދުއްސައްތާރު އަޙްމަދު
ލިލީމާގެ، ވ. ކެޔޮދޫ

ޢަބްދުއްސައްތާރު އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އ.އަތޮޅު ކޯޓުގެ ޤާޟީ ކަމުގެ މަގާމުގައި 1 މާރިޗު 1977 ގައެވެ. އުމުރުން 65 އަހަރުވެގެން 20 ފެބުރުވަރީ 2020 ގައި ރިޓަޔަރ ކުރެއްވިއިރު ޢަބްދުއްސައްތާރު ހުންނެވީ، ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 41 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ވ.ރަކީދޫ ކޯޓުގެ ޤާޟީ ކަމާއި، ވ.ކެޔޮދޫ ކަތީބު ކަމާއި، ވ.އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާ ކަމާއި، ވ.އަތޮޅު އަތޮޅުވެރިޔާގެ އިސް އެހީތެރިޔާ ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ.

އ.އަތޮޅު އަތޮޅު ކޯޓުގެ ޤާޟީކަމާއި، ވ.ރަކީދޫ ކޯޓުގެ ޤާޟީކަން ކުރެއްވިއިރު، އެ ދެ ކޯޓަށް ހުށަހެޅުނު މައްސަލަތައް ބައްލަވައިފައި ވެއެވެ. އ.އަތޮޅު އަތޮޅު ކޯޓުގެ ޤާޟީކަން ކުރެއްވިއިރު، އިދާރީގޮތުން ކޯޓު ހިންގެވުމާއި، މުވައްޒަފުންނާބެހޭ މަސައްކަތްތަކާއި، ފައިސާއާ ގުޅޭ މަސައްކަތްތައް ކުރެއްވުމުގެ އިތުރުން، ދާއިރާގެ ނައިބު އޮފީސްތަކަށް ހުށަހެޅޭ މައްސަލަތައް ބެއްލެވުމާއި، އެ އޮފީސްތައް ހިންގެވުމުގައިވެސް މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި ރަކީދޫ ކޯޓުގެ ޤާޟީކަން ކުރެއްވިއިރު، އަތޮޅުގެ އެހެން ރަށެއްގެ ކޯޓެއްގައި، ޤާޟީއަކު ނެތް ޙާލަތެއްގައި، އެ ޤާޟީއެއްގެ މަސައްކަތާ ޙަވާލުވެވަޑައިގަތުމާއި، އިދާރީގޮތުން ކޯޓު ހިންގެވުމާ ގުޅޭ އެންމެހައި މަސައްކަތްތައް ޢަބްދުއްސައްތާރު ކުރެއްވިއެވެ.

ކެޔޮދޫ ކަތީބު ކަމުގެ މަގާމުގައި ޢަބްދުއްސައްތާރު އަޙްމަދު ހުންނެވިއިރު، އޮފީހުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އޮފީސް ހިންގަވައި، މުވައްޒަފުންނާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރައްވައި، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދެއްވައި، ރަށުގެ ތަރައްޤީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އަދި ރަށުގެ އިސްވެރިޔާގެ ހައިސިއްޔަތުން ރަށު ސްކޫލް ހިންގެވުމާއި، ސްކޫލުގެ ކަންކަން ރަނގަޅު ކުރައްވައި ތަޢުލީމީ ފެންވަރު މަތިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވައި، ތަޖުވީދުގެ މަގުން ރީތިކޮށް ޤުރްއާން ކިޔަވާ ދަރިންތަކެއް އުފެއްދެވުމަށްޓަކައި، ޤުރްއާން ކްލާސްތައް ހިންގަވައި، ޤުރްއާނުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް، ކެޔޮދުއަށާއި، ކެޔޮދޫ ސްކޫލަށް ކޮށްދެއްވައިފައިވެއެވެ. މިގޮތުން، ކީރިތި ޤުރްއާނަށް އަތޮޅުގެ ރަށްރަށުގެ ކުދިންގެ ހިތްތަކުގައި ޝައުޤުވެރިކަން އުފެއްދެވުމަށްޓަކައި މަސައްކަތް ކުރެއްވުމާއި، ޤުރްއާން މުބާރާތްތައް އިންތިޒާމު ކޮށްދެއްވުމުގެ މަސައްކަތްވެސް ޢަބްދުއްސައްތާރު ކުރައްވައިފައި ވެއެވެ.

ޢަބްދުއްސައްތާރު އަޙްމަދު، ވ.އަތޮޅު އޮފީހުގައްޔާއި، ފަހުން ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވެއެވެ. އެގޮތުން، އިދާރީ ކަންކަން ހަރުދަނާ ކުރެއްވުމާއި، އަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށް ކުރެވުނު މަސައްކަތްތައް ހިންގެވުމާއި، ފައިސާއާބެހޭ އެންމެހައި ކަންތަކާއި، މުވައްޒަފުންނާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމާއި، ޤާނޫނީ ދާއިރާއިން ކައުންސިލުގައި ކުރައްވަންޖެހޭ އެންމެހައި މަސައްކަތްތައް ކުރެއްވުމާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމުގެ ޒިންމާ އަދާކުރެއްވިއެވެ.

ޢަބްދުއްސައްތާރު އަޙްމަދަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެވަގުތަކު ހުންނެވި މަގާމެއްގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރައްވައި، ރައްޔިތުންގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ޚިޔާލާއި މަޝްވަރާ ދެއްވައި، އެކަންކަން ތަންފީޒު ކުރުމަށް ޢަމަލީގޮތުން އިސްނަންގަވައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. އެގޮތުން، ޢުމްރާނީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އަދި ތަޢުލީމީ ދާއިރާއިންނާއި، ޞިއްޙީ ދާއިރާއިން، ރަށާއި އަތޮޅަށް ތަރައްޤީ ގެންނެވުމަށް ގިނަގުނަ މަސައްކަތްތަކެއް ޢަބްދުއްސައްތާރު އަޙްމަދު ވަނީ ކުރައްވައިފައެވެ.