އަލްފާޟިލް މުޙައްމަދު ސަޢީދު
ކުދިމާ، ގދ. ތިނަދޫ

މުޙައްމަދު ސަޢީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒުގެ ޕިޔޯނުގެ ވަޒީފާއިން 22 ޖުލައި 1979 ގައެވެ. ސަޢީދު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައެވެ. އެ މިނިސްޓްރީގެ އިންސްޕެކްޓަރެއްގެ ވަޒީފާ އަދާކުރައްވަން ފެށްޓެވީ 10 ނޮވެންބަރު 1982 ގައެވެ.

އެ މިނިސްޓްރީގައި ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ސީނިއަރ އިންސްޕެކްޓަރު ކަމާއި، ސުޕަވައިޒަރު ކަމާއި، ސީނިއަރ ސުޕަވައިޒަރު ކަމާއި، އަދި ޗީފް ސުޕަވައިޒަރުކަންވެސް ކުރެއްވިއެވެ.

މުޙައްމަދު ސަޢީދު ވަޒީފާ އަދާކުރެއްވިއިރު ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ދުވަހުން ދުވަހަށް ކުރާ ވިޔަފާރި އިންސްޕެކްޝަންތަކުގެ މަޢުލޫމާތު ސިސްޓަމަށް އަޅުއްވައި، ރިޕޯޓު ހެއްދެވުމާއި، ވިޔަފާރިކުރާ ތަންތަނާއި، ޚިދުމަތްދޭ ތަންތަން ގަވާއިދުން އިންސްޕެކްޓް ކުރައްވައި، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ޢަމަލުކުރަންޖެހޭ ކަންކަމަށް އެ ފަރާތްތަކުން ޢަމަލުކުރަމުން ގެންދޭތޯ ބެއްލެވުން ހިމެނެއެވެ. އަދި އިންސްޕެކްޓް ކުރުމަށްޓަކައި މިނިސްޓްރީން ތައްޔާރުކޮށްފައިވާ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރއާ އެއްގޮތަށް އިންސްޕެކްޝަންތައް ކުރިޔަށް ގެންދެވުމުގެ މަސައްކަތްތައް ކުރައްވައިފައިވެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކޮންޓްރޯލް އަގު ކަނޑައަޅާފައިވާ މުދާ، ވިޔަފާރިކުރާ ފަރާތްތަކުން ވިއްކަމުން ގެންދަނީ ކޮންޓްރޯލް އަގުތަކުގައިކަން ކަށަވަރުކުރުމަށްޓަކައި އިންސްޕެކްޓް ކުރެއްވުމާއި، މިނިސްޓްރީގެ ފަރާތުން ބާޒާރުގެ އަގުތައް މޮނިޓަރ ކުރަން ޖެހިއްޖެ ހިނދެއްގައި މިނިސްޓްރީން ކަނޑައަޅާ މުދަލުގެ އަގުތައް ނަންގަވައި، މިނިސްޓްރީއަށް ހުށަހެޅުއްވުމުގެ މަސައްކަތާއި، މިނިސްޓްރީއަށް ހުށަހެޅޭ ކޮންޒިއުމަރ މައްސަލަތަކާ ގުޅިގެން ވިޔަފާރިކުރާ ތަންތަން އިންސްޕެކްޓް ކުރަން ޖެހިއްޖެ ހާލަތެއްގައި، މެނޭޖްމަންޓުން ލަފާދެއްވާ ގޮތެއްގެ މަތިން އެ ވިޔަފާރިތައް އިންސްޕެކްޓް ކުރެއްވުމުގެ މަސައްކަތްވެސް ސަޢީދު ކުރެއްވިއެވެ. އަދި ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާތަކާއި، މަސް ގަނެ އެކްސްޕޯޓްކުރާ ކާރުޚާނާތަކާއި، ބޯޓުތަކާއި، ވިޔަފާރި ކުރާ ތަންތަނުގައި، މިނެކިރަން ގެންގުޅޭ ތަކެއްޗާއި، މިންއަޅަން ގެންގުޅޭ އާލާތްތަކުގައި ސިލްޖަހައިފައިވޭތޯ ޗެކްކުރައްވައި ސިލްޖެއްސެވުމާއި، އެމްޕްލޯއިމަންޓް އޭޖެންސީތައް ހިންގަނީ، އެމްޕްލޯއިމަންޓް އެޖެންސީ ރެގިއުލޭޝަނާ އެއްގޮތަށްތޯ ބެއްލެވުމަށް ކުރައްވަންޖެހޭ އިންސްޕެކްޝަންތައްވެސް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވައިފައިވެއެވެ.

ރާއްޖޭގައި ހިންގި ގާމެންޓް ފެކްޓަރީތަކުގައި ތައްޔާރުކުރި ތަކެތީގެ ފެންވަރު ބެއްލެވުމާއި، ރާއްޖެއިން އެކްސްޕޯޓްކުރާ ހިކި ކަނޑުމަހާއި ލޮނުއެޅިމަހުގެ ފެންވަރު ބެއްލެވުމާއި، ރާއްޖޭގެ ސަރަޙައްދުން ބޮޑު ކަންނެލި ބޭނުމަށް ހުއްދަ ދެވިފައިވާ ރާއްޖެއިން ބޭރުގެ ބޯޓުތަކުން ބާނާ މަހުގެ ރޯޔަލްޓީ ނެގުމަށްޓަކައި މަސް ކިރުވައި، ހިސާބު ނެންގެވުމުގެ މަސައްކަތް ކުރައްވައިފައިވެއެވެ. އަދި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުންގެންދިޔަ އަތު މަސައްކަތާއި އަތްތެރި މަސައްކަތުގެ މައުރަޒުގެ އިންތިޒާމުތަކާ ގުޅޭގޮތުން ކޮންމެ އަހަރަކުވެސް ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރައްވައިފައިވެއެވެ.

ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވުމުގައިވެސް ސަޢީދު ހަރަކާތްތެރިވެ ވަޑައިގެންފައި ވެއެވެ. މިގޮތުން، އިންސްޕެކްޝަންގެ މަސައްކަތާ އަލަށް ގުޅޭ މުވައްޒަފުންނަށް ކަމާގުޅޭ ތަމްރީނު ދެއްވައި، އިންސްޕެކްޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތް އޮޅުންފިލުއްވައި ދެއްވައިފައިވެއެވެ.

އުމުރުން 55 އަހަރުވެގެން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޗީފް ސުޕަވައިޒަރގެ މަގާމުގައެވެ.
40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަޢީދު ވަނީ ދައުލަތަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައެވެ.

މުޙައްމަދު ސަޢީދަކީ، ރާއްޖޭގައި އުފެދުނު ފުޓްބޯޅަ ރެފްރީންގެ ތެރެއިން އެންމެކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ރެފްރީއެކެވެ. ކުޅިވަރަށް ޚިދުމަތް ކުރުމުގެ ދާއިރާއިން 2002 ވަނަ އަހަރު މުޙައްމަދު ސަޢީދަށް ވަނީ އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2020 ވަނަ އަހަރު މުޙައްމަދު ސަޢީދަށް ވަނީ ކުޅިވަރުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ލިބިވަޑައިގެންފައެވެ.