ސާރޖަންޓް ފަސްޓް ކްލާސް (ރިޓަޔަރޑް) މުފީދު މުޙައްމަދު
ހުޅުމާލެ. ފްލެޓް ނަންބަރު 01-1-84

ސާރޖަންޓް ފަސްޓް ކްލާސް (ރިޓަޔަރޑް) މުފީދު މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސް (އެން.އެސް.އެސް.)ގެ ޕްރައިވެޓުގެ ރޭންކުގައި 16 ޖަނަވަރީ 1980 ގައެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސާރޖަންޓް ފަސްޓް ކްލާސް ކަމުގެ ރޭންކުގައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ހޭދަކުރެއްވި 41 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލްކަން ކުރައްވައިފައި ވެއެވެ.

މުފީދު މުޙައްމަދު، ވަޒީފާ އަދާކުރެއްވިއިރު، އެމް.އެން.ޑީ.އެފް.ގެ ގިނަ ދާއިރާތަކެއްގައި ވަނީ މަސައްކަތް ކުރައްވައިފައެވެ. މިގޮތުން، ޑިއުޓީ ސެކްޝަނުން ދޫނިދޫގައި ޑިއުޓީ އަދާކުރެއްވުމާއި، ފުލުސް އޮފީހުން ހޯދަންޖެހޭ މީހުން ހޯދާ ބައިގައި ހަވާލުކުރެވޭ ހުރިހާ މަސައްކަތެއް ފަރުވާތެރިކަމާއެކު ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ޑިއުޓީ ސެކްޝަނުން ރަށުތެރެ ބަލަހައްޓާ ބައިގައި ޑިއުޓީ އަދާކުރައްވައި،
ކިއު.އާރު.އެފް. 3 އަދި ސީ.އެމް.އެސް.، އެން.އެސް.އެސް. ސަޕްލައި ޔުނިޓުގެ ސްޓޮކް ބެލެހެއްޓުމާއި، ސެނަހިޔާގައިވެސް މަސައްކަތް ކުރައްވައިފައި ވެއެވެ.

މުފީދު މުޙައްމަދަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. މިގޮތުން، ސަޕްލައި ޔުނިޓުގައި މަސައްކަތް ކުރެއްވިއިރު ޕްރޮކިއުމަންޓް އިންޗާޖެއްގެ ހައިސިއްޔަތުން ޔުނިޓުގެ ދެން ތިއްބެވި މުވައްޒަފުންނަށް މަސައްކަތް ހަލުވިކަމާއެކު ކުރާނޭ ގޮތްތައް އޮޅުންފިލުއްވައިދެއްވައި، ދިމާވާ މައްސަލަތައް ޙައްލުކޮށްދެއްވައިފައި ވެއެވެ. އަދި ސިފައިންގެއިން ކޮށްފައިވާ ބޮޑެތި މަސައްކަތްތަކާއި، ޤައުމަށް ދިމާވި ބޮޑެތި ކަންކަމުގައި ސިފައިން ހަރަކާތްތެރިވިއިރު، އެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެން ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވައިފައި ވެއެވެ.

މުފީދު މުޙައްމަދު، އެމް.އެން.ޑީ.އެފް. އަށް ކޮށްދެއްވައިފައިވާ އިޚުލާޞްތެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 6 ކުލައާއި، 4 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ ކުލަތަކުގެ ތެރޭގައި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގޭ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އަޚްލާޤީ ކުލަ ތިންފަހަރު ލިބިވަޑައިގެންފައި ވެއެވެ. ޝަރަފުގެ މެޑެލްތަކުގެ ތެރޭގައި، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް، 17 ވަނަ ސާރކް ސަމިޓް މެޑެލް އަދި މިނިވަން 50ގެ މެޑެލް ހިމެނެއެވެ.