އަލްފާޟިލް މުޙައްމަދު ކަލޭފާނު
ގުލްހަޒާރުގެ، ތ. ވިލުފުށި

މުޙައްމަދު ކަލޭފާނު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 20 އޮކްޓޫބަރު 1968 ގައެވެ. މުޙައްމަދު ކަލޭފާނަކީ، ޚާއްޞަކޮށް ވިލުފުށީގެ ރައްޔިތުންނަށާއި ވިލުފުށީގެ ތަރައްޤީއަށް ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ އަދި ރައްޔިތުންގެ އިޙްތިރާމާއި ޤަދަރު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ވަޒީފާއިން ރިޓަޔަރ ކުރައްވައިފައި ވަނީ 25 ޑިސެންބަރު 2010 ގައެވެ. ވޭތުވެދިޔަ 41 އަހަރުގެ ދިގު މުއްދަތުގައި، ވިލުފުށީ ކަތީބު ކަމާއި، ކުޑަކަތީބު ކަމާއި، ބޮޑުކަތީބުކަން މުޙައްމަދު ކަލޭފާނު ކުރައްވައިފައި ވެއެވެ. އަދި ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާ ކަމާއި، އަތޮޅު ކައުންސިލަރުކަންވެސް ކުރައްވައިފައި ވެއެވެ. ފުރަތަމަ ޕެންޝަން ލިބިވަޑައިގަތީ، 20 އޮކްޓޫބަރު 1988 ގައެވެ.

ވިލުފުށީގެ ވެރިކަމުގެ މަގާމުގައި ހުންނަވައިގެން، މުޙައްމަދު ކަލޭފާނު ވިލުފުށްޓަށް ކޮށްދެއްވި ޚިދުމަތްތަކަކީ، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ. ވިލުފުށީގެ ތަރައްޤީއަށްޓަކައި މުޙައްމަދު ކަލޭފާނު ކޮށްދެއްވި މަސައްކަތްތަކާއި، އަދި އަތޮޅުއޮފީހުން އަންގަވައިގެން، އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގެން، އެ އޮފީސްތަކުގެ މަސައްކަތްތައްވެސް ބައްލަވައި، އެ ވަގުތަކަށް ކޮށްދެއްވެންހުރި ކަންތައްތައް ކޮށްދެއްވިއެވެ.

މުޙައްމަދު ކަލޭފާނު، ވިލުފުށްޓަށް ކޮށްދެއްވި މުހިންމު ކަންކަމުގެ ތެރޭގައި، ރައްޔިތުންގެ އެހީތެރިކަމާއެކު ޞިއްޙީ މަރުކަޒުގެ ދެބުރި އިމާރާތުގެ މަސައްކަތް ނިންމެވުމާއި، ވިލުފުށީގައި ފުރަތަމަ ކަރަންޓްލުމަށްޓަކައި އިންޖީނެއް ހޯއްދަވައި، ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ކަރަންޓްލުމުގެ އެންމެހައި ކަންކަން ކުރެއްވުމުގައި އިސްކޮށް މަސައްކަތް ކުރެއްވުމާއި، 100 ފޫޓު 50 ފޫޓުގެ އިންޖީނުގެއެއް، ރައްޔިތުންގެ މަސައްކަތުން އެޅުއްވުމާއި، އަންހެނުންގެ ހޮޓާ ހިންގެވުމާއި އަދި ބޭސްފިހާރައެއް ހިންގެވުންވެސް ހިމެނެއެވެ. މުޅި ރާއްޖެއިން ވިލުފުށީ އަންހެނުން ކުރިއަރުވާ ކޮމިޓީއަށް ތިންފަހަރެއްގެ މަތިން އެވޯޑު ލިބިގެންދިޔައީވެސް މުޙައްމަދު ކަލޭފާނު ވިލުފުށީގެ ވެރިކަމުގައި ހުންނެވިއިރުއެވެ.

މުޙައްމަދު ކަލޭފާނަކީ، ތ. އަތޮޅުގައި އޭރު ހިންގި ބައެއް މުހިންމު މަޝްރޫޢުތަކާއި އަދި އެހެން ކަންކަން ހިންގެވުމުގައިވެސް ޢަމަލީގޮތުން މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން، ތ. އަތޮޅުގައި ބޭއްވި އައި ކޭމްޕް، ތ. ގުރައިދޫގައި ބޭއްވުމަށް ހަމަޖެހި، މ. އަތޮޅާއި، ދ. އަތޮޅާއި، ތ. އަތޮޅާއި، ލ. އަތޮޅުގައި ތިބި ލޮލުގެ ބަލިމީހުން، އައި ކޭމްޕަށް ގެންނަވައިގެން، އެ އެންމެންގެ ކަންކަން ބެލެހެއްޓެވުމުގައިވެސް އިސްކޮށް މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި ސުނާމީ ކާރިސާގައި ވިލުފުށްޓަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި ކުރެވުނު މުހިންމު މަސައްކަތްތަކުގައިވެސް މުޙައްމަދު ކަލޭފާނު މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ.

މުޙައްމަދު ކަލޭފާނަކީ، 16 ނޮވެންބަރު 1981 ގައި ސަރުކާރުން، ކަމުވޮށިކަމުގެ ދަރަޖަ އަރުވައިފައިވާ ބޭފުޅެއްވެސް މެއެވެ.