އަލްފާޟިލާ އާމިނަތު ނަޢީމާ
މއ. ގްރޭވޫލް

އާމިނަތު ނަޢީމާ، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 15 ޖަނަވަރީ 1980 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ކޯޓު ނަންބަރު 7ގެ އިނގިރޭސި ކާތިބާކަމެވެ. އޭގެފަހުން، ޕާސްޕޯޓް އޮފީހުގެ އިމިގްރޭޝަން އޮފިސަރުކަންވެސް ކުރެއްވިއެވެ.

ސްރީލަންކާގެ ލޭޑީޒް ކޮލެޖުގައި، ޕްރީސްކޫލް ޓީޗިންގ ޑިޕްލޯމާ ކޯހެއް ފުރިހަމަކުރެއްވުމަށްޓަކައި 25 ޖަނަވަރީ 1983 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، އަލުން ޚިދުމަތް ފެށްޓެވީ 24 ޖަނަވަރީ 1984 ގައި، އިސްކަންދަރު ސްކޫލްގެ ޕްރީސްކޫލް ޓީޗަރެއްގެ މަގާމުންނެވެ. އެ ހިސާބުން ފެށިގެން މިއަދާ ހަމަޔަށް މި ދާއިރާގައި އާމިނަތު ނަޢީމާ ޚިދުމަތް ކުރައްވަމުން ގެންދަވާތާ 38 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. އަދި ދައުލަތުގެ ޚިދުމަތުގައި 41 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

އާމިނަތު ނަޢީމާ، އިސްކަންދަރު ސްކޫލްގައި އަހަރެއްހާ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، ދެން ބަދަލުވެވަޑައިގަތީ، މަދްރަސަތުލް އަމީރު އަޙްމަދަށެވެ. އެއަށްފަހު، 1990 ވަނަ އަހަރުން ފެށިގެން، ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަމުން ގެންދަވަނީ، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައެވެ. އެ ސްކޫލްގެ ޚިދުމަތުގައި މިހާރު 32 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

އާމިނަތު ނަޢީމާގެ ރަސްމީ ވަޒީފާއަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕްރީސްކޫލް ޓީޗަރެއްގެ މަގާމު ކަމަށްވިޔަސް، ޕްރީސްކޫލް ޓީޗަރުންނަކީ މާލޭގެ އަވަށު މަދަރުސާތަކަށާއި، އެހެން ސްކޫލްތަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޫކުރައްވަމުން ގެންދަވާ ޓީޗަރުންނެވެ.

އާމިނަތު ނަޢީމާއަކީ ވަރަށް އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ ޓީޗަރެކެވެ. އަދި ހާޒިރީއަށް ފަރުވާ ބަހައްޓަވާ، ކުރައްވާ ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވަމުން ގެންދަވާ ޓީޗަރެކެވެ. ވިދިވިދިގެން 5 އަހަރު (2015 ން 2019 އަށް) އާމިނަތު ނަޢީމާ އެޓެންޑެންސް އެވޯޑް ހާސިލު ކުރެއްވިކަން ފާހަގަކޮށްލަންޖެހެއެވެ. އަދި އާމިނަތު ނަޢީމާއަކީ 2019 ވަނަ އަހަރުގެ މޯސްޓް ސަޕޯޓިވް ޓީޗަރުގެ މަގާމުވެސް ހާސިލު ކުރައްވައިފައިވާ ޓީޗަރެއްވެސް މެއެވެ.

އާމިނަތު ނަޢީމާއަށް ލިބިވަޑައިގަންނަވާ އެންމެބޮޑު އުފާފުޅަކީ، އާމިނަތު ނަޢީމާ ކިޔަވައިދެއްވައި ތަރުބިއްޔަތު ކުރެއްވި ކުދިން، މިއަދު ޤައުމަށް ޚިދުމަތް ކުރުމުގައި އިސް މަގާމުތަކުގައްޔާއި ފައިދާހުރި މަސައްކަތްތަކުގައި ޝާމިލުވެ އުޅުއްވާތަން ފެންނަމުންދިޔުމެވެ.