މުޙައްމަދު ޝިޔާމް، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 15 އޮކްޓޫބަރު 1979 ގައެވެ. 1 ޖުލައި 2021 ގައި މަގާމުން ރިޓަޔަރ ކުރައްވަންދެން ޚިދުމަތް ކުރައްވަމުން ގެންދެވީ، ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. ވޭތުވެދިޔަ 41 އަހަރަށްވުރެ ދިގު މުއްދަތުގައި، އެ ކޯޓުގެ އިދާރީ އެކި މަގާމުތައް ފުރުއްވައިފައި ވެއެވެ. އެގޮތުން، ކާތިބުކަމާއި، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ކުރައްވައިފައި ވެއެވެ.
މާއެނބޫދޫ ކޯޓުގެ ކާތިބެއްގެ ވަޒީފާގައި ޚިދުމަތް ފެށްޓެވިއިރު، އެ ކޯޓުގައި ހުންނެވި ހަމައެކަނި އިދާރީ މުވައްޒަފަކީ މުޙައްމަދު ޝިޔާމެވެ. އިދާރީގޮތުން ކޯޓުގައި ކުރައްވަންޖެހުނު ހުރިހާ މަސައްކަތަކާއި، ފޮޅައި ސާފުކުރެއްވުމާއި، ދިދަ ނެގުމާއި ތިރިކުރުމަކީވެސް އޭރު ޝިޔާމްގެ މައިގަނޑު މަސައްކަތްތަކެވެ. އެ ވަޒީފާ އަދާކުރެއްވިއިރު ރަށުގެ ޙާލަތާއި އަދި ކޯޓުގެ ޙާލަތުވެސް އޮތީ މިހާރާ އަޅައިބަލާއިރު ވަރަށް އާދައިގެ ގޮތެއްގައެވެ. ކަރަންޓު ނެތް ޒަމާނުގައި ފާނޫޒުގެ އަލީގައި ރޭގަނޑު މަސައްކަތް ކުރައްވަން ޖެހުން އެއީ، ޝިޔާމަށް ކުރެއްވުނު ވަރަށްބޮޑު ތަޖުރިބާއެކެވެ.
ޝިޔާމަކީ، ރަށްރަށުގެ ކޯޓުތަކުގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ޝަރުޢީ ދާއިރާއިން އޭރު ހިންގި ހުރިހާ ކޯސްތަކެއްގައިހެން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. މި ވޭތުވެދިޔަ ދިގު މުއްދަތުގައި ޝިޔާމް ޚިދުމަތް ކުރައްވައިފައި ވަނީ، ވަޒީފާގައި އަދާކުރައްވަންޖެހުނު މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެއްވުމާއެކު ޤާބިލުކަމާއި އިޚުލާޞްތެރިކަމާ އެކުގައެވެ.